05 އޮކްޓޯބަރ 2020
ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވަން ޖެހޭ ކޮންގްރެސް ޑީއާރުޕީން ނުބާއްވާތީ ގާނޫނީ ގޮތުން އެ ޕާޓީއާ ދޭތެރޭގައި އަމަލުކުރާނެ ގޮތެއް ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ކޮންމެ ފަސް އަހަރަކުން އެއް އަހަރު ބާއްވަން ޖެހޭ ކޮންގްރެސް ޑީއާރުޕީން ނުބާއްވާތީ ގާނޫނީ ގޮތުން އެ ޕާޓީއާ ދޭތެރޭގައި އަމަލުކުރާނެ ގޮތެއް ބަލަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި، އިލެކްޝަންސް ކޮމިޝަނަށް ޕާޓީތައް އުވާލުމުގެ އިޚްތިޔާރު ދީފައިވާ ކަންކަމުގެ ތެރޭގައި ކޮންގްރެސް ނުބޭއްވުން ހިމެނެ އެވެ. މިގޮތަށް އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އެ ޕާޓީއެއް އުނިކޮށް ހަތް ދުވަހުގެ ތެރޭގައި އާއްމުކުރަންވާނެ ކަމަށް ގާނޫނުގައި ބުނެ އެވެ. ޑީއާރުޕީން ކޮންގްރެސް ނުބާއްވާތާ ހަތް އަހަރު ވީ އެވެ. އެ ޕާޓީގެ ރެކޯޑުތަކުން ފެންނަން ހުރި ގޮތުގައި، އެންމެ ފަހުން ގައުމީ ޖަލްސާއެއް ބާއްވާފައި ވަނީ 2013 ގަ އެވެ.
މި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ވަނީ ޕާޓީގެ އިސްވެރިންނާ އިލެކްޝަންސް ކޮމިޝަނުގައި މަޝްވަރާ ވެސް ކޮށްފަ އެވެ. ޖުލައި، 19 ގައި ލީޑަރެއްގެ ގޮތުން އެ ޕާޓީގެ ހިންގެވުމާ މިހާރު ހަވާލުވެވަޑައިގެންނެވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް މިއަދު ވިދާޅުވީ ޑީއާރުޕީން ކޮންގްރެސް ނުބާއްވާ މައްސަލައިގައި ގާނޫނީ ގޮތުން އަމަލުކުރެވޭނެ ގޮތްތަކެއް އިލެކްޝަންސް ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އެއަށް ފަހު، މީޑިއާތަކާ ތަފްސީލް ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ހަރަކާތްތެރި އެއް ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީ ބަލިކަށިވެ، ސިޔާސީ ހަރަކާތް ނުހިންގި އޮތީ ޕާޓީގެ ދަރަންޏާ ހެދި އެވެ. ޑީއާރުޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީ ބައިބައިވެ، ޕާޓީގެ ގިނަ އަދަދެއްގެ އިސްބޭފުޅުން އެ ޕާޓީ ދޫކުރައްވައި ވަޑައިގަތްއިރު ޕާޓީ އޮތީ މާލީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެފަ އެވެ.
ޕާޓީގެ ލީޑަޝިޕް ބަދަލުވަމުން އަޔަސް އެ ދަރަނިތައް އަދިވެސް ހުރީ ނުދެއްކި އެވެ. އެނގިފައިވާ ގޮތުގައި، ޕާޓީގެ ދަރަނި ހަ މިލިއަނަށް އަރަ އެވެ. ބައެއް މައްސަލަތައް ހުރީ ކޯޓުގަ އެވެ.
އެމްޓީސީސީ އަށް 1.1 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ ސްޓޫޑިއޯއަކުން ޑީއާރުޕީން ހޯދި ޚިދުމަތްތަކަކަށް ވެސް 19 މިލިއަން ރުފިޔާ ދައްކަން އެ ޕާޓީ އަށް ވަނީ ޖެހިފަ އެވެ. މި ދަރަނީގެ ތެރެއިން 15 މިލިއަން ރުފިޔާ މިހާރު ޚަލާސްކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެ އެވެ.
ޑީއާރުޕީގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) މިއަދު ވިދާޅުވީ ގާތްގަނޑަކަށް 3،000 މެމްބަރުން ހިމެނޭ ޕާޓީގެ ކޮންގްރެސް ބޭއްވޭތޯ އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. އެ ޕާޓީގެ ލީޑަރު، ޖާބިރު ޕާޓީ ހިންގެވުމާ ހަވާލުވެވަޑައިގެން، މައްސަލަތައް ހައްލުކުރެއްވޭތޯ ބެއްލެވި ކަމަށާއި ކޮންގްރެސް އަށް މި ފަހުން ކުރިމަތިވި ހުރަހަކީ ކޮވިޑް-19 ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިސްނުމެއް އެބަ ގެންގުޅެން، އިލެކްޝަންސްގެ ގާނޫނީ ލަފަޔާއެކު އޮންލައިންކޮށް، ގައުމީ ޖަލްސާ މި މަސް ތެރޭގައި ނަމަވެސް ބާއްވަން. އެއީ ކޮވިޑްގެ ހާލަތު ރަނގަޅު ނުވެ ދިގުލައިގެން ދާ ނަމަ،" ބޮޗޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕާޓީއަށް ކުރިމަތިވި ހާލަތަށް ބަލައި، ވަގުތުކޮޅެއް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޑީއާރުޕީ އަކީ ކުރީގެ ރައީސް އަދި ކުރީގެ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން އެ މަނިކުފާނު ވަކިވެވަޑައިގަތީ 2008ގެ ރިޔާސީ އިންތިހާބުގައި ޑީއާރުޕީ ވާދަކޮށް، ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށް، ޕާޓީ ތެރޭގައި މައްސަލަ އުފެދި ދެ ފަޅިވުމުންނެވެ.
ޑީއާރުޕީ ތެރޭގައި މައްސަލަ އުފެދުނީ މައުމޫން އެއްފަރާތްވެވަޑައިގެން، އެ ޕާޓީގެ ލީޑަޝިޕް ހަވާލުކުރާނެ ބޭފުޅަކާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. އޭރު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އަދި 2008ގެ އިންތިހާބުގައި މައުމޫންގެ ރަނިން މޭޓަކަށް ހުންނެވި އަހުމަދު ތަސްމީން އަލީ އެވެ. ފަހުން އޭނާ ވެސް ވަނީ ޑީއާރުޕީން ވަކިވެވަޑައިގެން އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.
މެމްބަރުން ހަމަނުވާތީ ޑީއާރުޕީ އާއި ލޭބަ ޕާޓީ އުވާލައިފި
ޑީއާރުޕީ އުވާލަން ނިންމި މައްސަލަ ހައި ކޯޓަށް
ހަތް ޕާޓީއެއް ޖޫރިމަނާކޮށްފި
މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް ދެނީ
ޑީއާރުޕީން 125000ރ. ހަމަހުން ދައްކަން މުހުލަތެއް
ލިޔެކިޔުންތައް ހުށަނާޅާތީ ޑީއާރުޕީއާ މަޝްވަރާކޮށްފި
ޖޫރިމަނާ ހޯދަން ޑީއާރުޕީއާ ދެކޮޅަށް އީސީން ކޯޓަށް
އެމްޑީއޭ 50،000ރ. އިން ޖޫރިމަނާކުރަން ނިންމައިފި
ފިންގަޕްރިންޓް މައްސަލައިގެ އެންގުން ބާތިލެއް ނުކުރި
ފުލުފުލުގައި ސިޔާސީ ޕާޓީތައް!