Roadha Mihaaru
ސްމާޓްފޯނުން ބްލޯޓްވެއާ ފޮހެލެވެންޖެހޭ: އީޔޫ

ސްމާޓްފޯނުން ބްލޯޓްވެއާ ފޮހެލެވެންޖެހޭ: އީޔޫ

03 އޮކްޓޯބަރ 2020

ސްމާޓްފޯނުތައް ފެކްޓަރީން ނެރޭއިރު އަޅާފައި ހުންނަ ސޮފްޓްވެއާ – "ބްލޯޓްވެއާ" – އަކީ ފޯނު ބޭނުންކުރާ މީހުންނަށް ކަމުދާ އެއްޗެއް ނޫން ކަމަށާއި އެ ފަދަ ކޮންމެ އެޕްލިކޭޝަނަކީ ފޯނުތައް ބޭނުންކުރާ މީހުން އެދޭ ކޮންމެ އިރަކު ވެސް ފޮހެލެވެން ޖެހޭނެ އެއްޗެއް ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓްފޯނުތައް ފެކްޓަރީން ނެރޭއިރު އަޅާފައި ހުންނަ ސޮފްޓްވެއާ – "ބްލޯޓްވެއާ" – އަކީ ފޯނު ބޭނުންކުރާ މީހުންނަށް ކަމުދާ އެއްޗެއް ނޫން ކަމަށާއި އެ ފަދަ ކޮންމެ އެޕްލިކޭޝަނަކީ ފޯނުތައް ބޭނުންކުރާ މީހުން އެދޭ ކޮންމެ އިރަކު ވެސް ފޮހެލެވެން ޖެހޭނެ އެއްޗެއް ކަމަށް ޔޫރަޕިއަން ޔޫނިއަނުން ބުނެފި އެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުން އަމަލުކުރުން ލާޒިމްވާ ގޮތަށް އީޔޫ އިން ހަދާ އާންމު ގަވާއިދެއްގައި ބުނަނީ، ފޯނު ބޭނުންކުރުމަށްޓަކައި ސެޓިން ހަދަމުން ދާއިރު، ފޯނު ބޭނުންކުރާ މީހުން ނޭދޭ އެޕްލިކޭޝަނެއް ނަމަ އެ އުނިކުރެވޭނެ ގޮތެއް އޮންނަން ވާނެ ކަމަށެވެ. އަދި އެ ފަދަ އެޕްލިކޭޝަނެއް އުނިކުރުމަކުން ފޯނުގެ އޮޕަރޭޓިން ސިސްޓަމް ބަލިކަށިވެގެން ނުވާނެ ކަމަށެވެ.

ސްމާޓްފޯން އުފައްދާ ކުންފުނިތަކުން ހީކުރަނީ، ފެކްޓަރީން ފޯނު ނެރޭއިރު އެޕްލިކޭޝަން އަޅާފައި ހުރުމުން ބޭނުންކުރާ މީހުން ގަޔާވާނެ ކަމަށެވެ. ނަމަވެސް، މިކަން ވެފައި ވަނީ ބޮޑު ރިހުމަކަށެވެ. ފޯނު އުފައްދާ ކުންފުނިތަކުންނާއި ޚިދުމަތްދޭ ކުންފުނިތަކުގެ ބޭނުންތަކަށް، ފޯނަށް އަޅާފައި ހުންނަ އެޕްލިކޭޝަންތައް ލޯޑްނުކޮށްގެން ފޯނު ބޭނުންނުކުރެވި އެތައް އިރެއް ހޭދަކުރަން ޖެހުނު ޒަމާން ގިނަ ބަޔަކު ވަނީ ތަރުޖިބާކޮށްފަ އެވެ.

ޓެކްނޮލޮޖީ ކުރިއަރައިގެން އައިލެއް ބާރުކަމުން ޒަމާނީ ސްމާޓްފޯނުތައް ވަނީ ގެދޮރު އެޅޭހާ ޖާގަ ތަނަވަސްވެފަ އެވެ. މީގެ ޒަމާންތަަކެއް ކުރިން ފޯނުގެ ސްޓޯރޭޖް 16/32ޖީބީ ގައި އުޅުނުއިރު ބްލޯޓްވެއާތަކާ ހެދި މުހިންމު ކިތަންމެ އެޕްލިކޭޝަނެއް ފޯނަށް އެޅޭނެ ގޮތް ވަނީ ނުވެފަ އެވެ.

ފޯނުތަކުގެ ސްޓޯރޭޖް ނުހަނު ތަނަވަސްވެފައި ވާ މި ޒަމާނުގައި ވެސް ބްލޯޓްވެއާގެ އުނދަގޫ ދޭތެރެ ދޭތެއިން ކުރެ އެވެ. މިއީ އެކަމަކު ސްމާޓްފޯން އުފައްދާ ބައެއް ކުންފުނިތަކުން މިހާރު ކުރާ ކަމެކެވެ. އެހެންވެ، އިޔޫ އިން މި ގަވާއިދު އަމާޒުކުރަނީ ވެސް މި ބުނި މަދު ކުންފުންޏަކަށް ރައްދުވާ ގޮތަށް، މި އުނދަގޫ މުޅިން ނައްތާލުމަށެވެ.