Roadha Mihaaru
އެންޑްރޮއިޑް ފޯނުން އެޕްލިކޭޝަނެއް ފޮރުވާނެ ގޮތް

އެންޑްރޮއިޑް ފޯނުން އެޕްލިކޭޝަނެއް ފޮރުވާނެ ގޮތް

17 ޖުލައި 2020

މީހުން ގެންގުޅޭ ފޯނު އަތުލައި، ހާވައި ބަލާ މީހުން އަދިވެސް އެބަ އުޅެ އެވެ. ފޯނު ދޭން ބޭނުން ނުވިޔަސް، ގަދަ ބާރުން އަތުލާ ފަހަރު ވެސް އާދެ އެވެ. ބޭނުންކުރާ އެޕްލިކޭޝަންތަކާއި ފޮޓޯތައް ބަލައި، ސުވާލުކޮށް ލަދުގަންނަވާލުމަކީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް އޮންނަނީ ވެފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މީހުން ގެންގުޅޭ ފޯނު އަތުލައި، ހާވައި ބަލާ މީހުން އަދިވެސް އެބަ އުޅެ އެވެ. ފޯނު ދޭން ބޭނުން ނުވިޔަސް، ގަދަ ބާރުން އަތުލާ ފަހަރު ވެސް އާދެ އެވެ. ބޭނުންކުރާ އެޕްލިކޭޝަންތަކާއި ފޮޓޯތައް ބަލައި، ސުވާލުކޮށް ލަދުގަންނަވާލުމަކީ އެ މީހުންނަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް އޮންނަނީ ވެފަ އެވެ.

އެންޑްރޮއިޑް ސްމާޓްފޯނަކުން އެޕްލިކޭޝަނެއް ފޮރުވަން ބޭނުން ނަމަ އިންޓަނެޓް ހާވާލާށެވެ. އަހަރެން ވެސް ގޮތެއް ކިޔައިދޭނަމެވެ. މައުލޫމާތު ހޯދީ އިންޓަނެޓުންނެވެ.

ސެމްސަންގް ފޯނެއް ގެންގުޅޭ ނަމަ މިއީ ތިޔަ ހީކުރާ ވަރަށް ވުރެ ވެސް ފަސޭހަ ކަމެކެވެ. "ހޯމް ސްކްރީން"ގެ ކޮންމެވެސް ތަނަކަށް އޮބާލައިި، ހިފަހައްޓާލާށެވެ. އަދި "ހޯމް ސްކްރީން ސެޓިން" ގައި އިނގިލި ޖައްސާލާށެވެ. މިހާރު ފެންނަން ހުރި ސްކްރީންގެ ތަންކޮޅެއް ތިރި އަށް ނަޒަރުހިންގާލާށެވެ – "ހައިޑް އެޕްސް" ފެންނާނެ އެވެ. ފޮރުވަން ބޭނުންވާ އެޕްލިކޭޝަންގައި ފާހަގަޖަހާފައި "ޑަން" ކޮށްލާށެވެ.

އެންޑްރޮއިޑް އެޕްލިކޭޝަނެއް ގެއްްލުވައިލެވިދާނެ ދެ ވަނަ ގޮތެއް ވެސް އެބަ އޮތެވެ. މި ފަހަރު ސެމްސަންގް ފޯނަކަށް ކޮންމެހެން ވާކަށް ނުޖެހެ އެވެ. އެކަމަކު "ނޯވާ ލޯންޗާ" އިންސްޓޯލްކުރަން ޖެހޭނެ އެވެ.

"ނޯވާ ލޯންޗާ" އަކީ ހިލޭ ލިބޭ އެޕްލިކޭޝަނެކެވެ. ވިއްކާ އަދަދެއް ވެސް އޮވެ އެވެ. އެޕްލިކޭޝަންތައް ފޮރުވަން އެދޭ ނަމަ ޖެހޭނީ ގަންނާށެވެ. އެހެންކަމުން، ގޮތެއް ނިންމުން އޮތީ އެޕްލިކޭޝަންތައް ފޮރުވަން ހާޖަތުޖެހިފައި އޮތް ކުޑަ ބޮޑު މިނަށެވެ. ކޮންމެހެން ވެސް ފޮރުވަން ޖެހޭ އެޕްލިކޭޝަނެއް ގެންގުޅޭ ނަމަ، ތިޔަ ޖެހުނީ "ނޯވާ ލޯންޗާ" ގަންނާށެވެ.

ނޯވާ ލޯންޗާއިން އެޕްލިކޭޝަނެއް ފޮރުވާ ނަމަ، "ހޯމް ސްކްރީން"ގެ ކޮންމެވެސް ތަނަކަށް އޮބާލައި، "ސެޓިން" ނަގާށެވެ. މިހާރު ފެންނަން ހުރި ލިސްޓުން "އެޕް ޑްރާވާ" ގައި އިނގިލި ޖައްސާލާށެވެ.

މި އޮތީ ތިން ވަނަ ގޮތެކެވެ. ގޫގުލް އެޕްލިކޭޝަން ސްޓޯރު، ޕްލޭ އަށް ވަދެ "އެޕް ހައިޑާ" އިންސްޓޯލްކޮށްލާށެވެ. މިއީ ކުރިން ކިޔަދިން ގޮތްތަކާ މުޅިން ތަފާތު ގޮތަކަށް މަސައްކަތްކުރާ އެޕްލިކޭޝަނެކެވެ.

"އެޕް ހައިޑާ"ގެ ތެރެ އަށް، ފޮރުވަން އެދޭ އެޕްލިކޭޝަން އިމްޕޯޓްކުރުމަށް ފަހު، ހޯމް ސްކްރީންގައި ހުރި އައިކަންތައް ފޮހެލާށެވެ. "އެޕް ހައިޑާ" އަކީ އޭގެ ޒާތުގައި ވެސް ޕާސްވޯޑެއް ޖަހަގެން ހުޅުވޭ އެޕްލިކޭޝަނަކަށް ވާތީ ހުރިހައި ބިރެއް ފިލައި ދިޔައީ އެވެ.

ފޮރުވާފައި ހުރި އެޕްލިކޭޝަންތަކުން އެޕެއް ހުޅުވަން ވެއްޖެ ނަމަ ފުރަތަމަ ޖެހޭނީ "އެޕް ހައިޑާ" ހުޅުވާށެވެ. ސަމާލު ކަމަށް ބުނަމެވެ؛ މި ކިޔައިދިން ގޮތާ ތަފާތު ގޮތަކަށް އެޕްލިކޭޝަންތަކުގެ މެނޫތައް ހުރެދާނެ އެވެ. އެޕްލިކޭޝަންތައް އުފައްދާ މީހުން، އެޕްލިކޭޝަންތައް އަޕްޑޭޓް ކުރާއިރު، މެނޫތައް ވެސް ބަދަލުކުރެ އެވެ.