Roadha Mihaaru
"ލަޔަން ކިންގް" ގެ ޕްރިކްއަލްއެއް ހަދަނީ

"ލަޔަން ކިންގް" ގެ ޕްރިކްއަލް "މޫންލައިޓް" ގެ ޑައިރެކްޓަރަށް

01 އޮކްޓޯބަރ 2020

ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް މިދިޔަ އަހަރު ހޯދި ޑިޒްނީގެ ފިލްމު "ލަޔަން ކިންގް" ގެ ޕްރިކްއެލްއެއް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް މިދިޔަ އަހަރު ހޯދި ޑިޒްނީގެ ފިލްމު "ލަޔަން ކިންގް" ގެ ޕްރިކްއެލްއެއް ހަދަން ނިންމައިފި އެވެ.

ޖޮން ފެވެރޯ ޑައިރެކްޓްކޮށް، ކުރީގެ ފިލްމުގައި ކިޔައިދިން ވާހަކައިގެ ކުރިން ހިނގާ ހާދިސާތަކެއްގެ މައްޗަށް ގެނެސްދޭ ފިލްމުގެ ތައްޔާރީތައް ވަމުން އަންނަ އިރު މީގެ ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ އޮސްކާ އެވޯޑް ހޯދި 2016 ގެ ފިލްމު "މޫންލައިޓް" ގެ ޑައިރެކްޓަރު ބެރީ ޖެންކިންސްއާ އެވެ.

"ލަޔަން ކިންގް" ގެ ޕްރިކްއެލްގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ޖެފް ނަތަންސަނެވެ. ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ.

ޖެންކިންސް ބުނިގޮތުގައި "ލަޔަން ކިންގް" ގެ ޕްރިކްއަލް ޑައިރެކްޓްކުރުން ލިބުމަކީ އޭނާގެ އެންމެ ޒުވާން ދަވަސްވަރުގެ ހަނދާންތަކުގެ ތެރެއަށް ދާން ލިބުނު ފުރުސަތެކެވެ. ސަބަބަކީ 1994 ގައި ޑިޒްނީ ކާޓޫން ފިލްމެއްގެ ގޮތުގައި ގެނެސްދިން "ލަޔަން ކިންގް" އަކީ 90 ގެ އަހަރުގެ ތެރޭގައި ވަރަށް ޝައުގުވެރިކަން އުފެދުނު ފިލްމެއް ކަމަށް ބުންޏެވެ.

"ދައްތަ އާއި އޭނާގެ ދެ ދަރިންނާ އެކު އަހަރެމެން އޭރު އުޅެމުން އައީ ލަޔަން ކިންގްގެ ކެރެކްޓާތަކުގެ އުފާވެރިކަމުގެ ތެރޭގައި،" ޖެންކިންސް، 40، ބުންޏެވެ. "އަހަރެން ވަރަށް އުފާކުރަން ޑިޒްނީން މި ދިން ފުރުސަތަށްޓަކައި."

"ލަޔަން ކިންގް" ގެ ޕްރިކްއަލް އޭނާއާ ހަވާލުކުރަން ނިންމި އިރު "މޫންލައިޓް" އިން ޖެންކިންސް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ އަށް ނޮމިނޭޓްވެ، އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭގެ އޮސްކާ ހާސިލުކޮށްފަ އެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "އިފް ބިއަލް ސްޓްރީޓް ކުޑް ޓޯކް" އެވެ.

"ލަޔަން ކިންގް" ގެ ޕްރިކްއަލްއާ ހަވާލުވުމުގެ ކުރިން ޖެންކިންސް ވަނީ އެމެޒޯން ޕްރައިމް ވީޑިއޯގެ 11 އެޕިސޯޑް ވެބް ސީރީޒް "ދި އަންޑަގްރައުންޑް ރެއިލްރޯޑް" ގެ މަސައްކަތް ނިންމާލައިފަ އެވެ. އެ ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ.

ކާޓޫން ފިލްމެއްގެ ގޮތުގައި ޑިޒްނީން ގެނެސްދިން "ލަޔަން ކިންގް" މިދިޔަ އަހަރު ގެނެސްދިނީ ފޮޓޯރިއަލިސްޓިކް ކޮމްޕިއުޓަ-އެނިމޭޓެޑް ފިލްމެއްގެ ގޮތުގަ އެވެ. އަދި މީގެ ކެރެކްޓާތަކަށް މަޝްހޫރު ތަރިންތަކެއް އަޑުއަޅައި ދިނެވެ. އޭގެ ތެރޭގައި ޑޮނަލްޑް ގްލޯވާ، ސެތު ރޯޖެން، އަލްފްރީ ވުޑްވާޑް، ބިޔޯންސޭ، ޖޯން އޮލިވާ އަދި ޖޭމްސް އާލްް ޖޯންސް ފަދަ ތަރިން ހިމެނެ އެވެ.

ގާތްގަނޑަކަށް 260 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ލަޔަން ކިންގް" އަކީ ބޮކްސް އޮފީހުގައި 1.657 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.