Roadha Mihaaru
ޑިޒްނީގެ ތީމް ޕާކްތަކުން 28،000 ވަޒީފާ މަދުކުރަނީ

ޑިޒްނީގެ އެމެރިކާގެ ތީމް ޕާކްތަކުން 28،000 ވަޒީފާ މަދުކުރަން ނިންމައިފި

01 އޮކްޓޯބަރ 2020

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރި އަށް ކުރިމަތިވި ހީނަރުކަމާ ހެދި ޑިޒްނީގެ އެމެރިކާގެ ތީމް ޕާކްތަކުން 28،000 ވަޒީފާ މަދުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރި އަށް ކުރިމަތިވި ހީނަރުކަމާ ހެދި ޑިޒްނީގެ އެމެރިކާގެ ތީމް ޕާކްތަކުން 28،000 ވަޒީފާ މަދުކުރަން ނިންމައިފި އެވެ.

މިކަން އިއުލާންކުރަމުން ޑިޒްނީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށް ވިޔަސް، އާމްދަނީ ދަށްވެފައި ވާތީ ކުންފުނީގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުވައްޒަފުން އަދަދު މަދުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. ކޮވިޑާ އެކު ލޮކްޑައުންކުރުމުން، އެމެރިކާގައި ޑިޒްނީން އޮޕަރޭޓްކުރާ ހުރިހާ ތީމް ޕާކްތަކެއް ބަންދުކުރި އެވެ. ނަމަވެސް ފަހުން ލިބުނު ލުއިތަކާ އެކު ގިނަ ތަންތަން އަލުން އޮޕަރޭޝަނަށް ގެނައި ނަމަވެސް ތީމް ޕާކްތަކަށް އާންމުންގެ ފަރާތުން މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.

ޑިޒްނީގެ އެމެރިކާގެ ތީމް ޕާކްތަކުގެ ތެރެއިން އަދިވެސް ކެލިފޯނިއާގެ ޕާކް ހުރީ ބަންދުކޮށްފަ އެވެ.

ޑިޒްނީގެ ތީމް ޕާކް ޔުނިޓްގެ ޗެއާމަން ޖޯޝް ޑި އެމާރޯ ވިދާޅުވީ ތީމް ޕާކްތަކަށް މިހާރު ޒިޔާރަތްކުރަނީ ކުރިއާ ހިލާފަށް ނިސްބަތުން ވަރަށް މަދު އަދަދެއްގެ ބަޔަކު ކަމަށެވެ. އެހެންވެ އެތަންތަން އޮޕަރޭޓްކުރަން ހިނގާ ހަރަދު ވެސް މިހާރު ދެކޮޅު ނުޖެހޭ ކަމަށެވެ.

"އެހެންވެ މުވައްޒަފުން މަދުކުރުން ނޫން ގޮތެއް މި ވަގުތު ނެތް. އަދި މިއީ ވަރަށް އުނދަގޫ ނިންމުމެއް،" ޖޯޝް ވިދާޅުވި އެވެ.

ޑިޒްނީން ބުނި ގޮތުގައި 28،000 ވަޒީފާ މަދުކުރާ އިރު އޭގެ ތެރެއިން 67 ޕަސެންޓް މުވައްޒަފުންނަކީ ވަގުތީ މުވައްޒަފުންނެވެ. އެ ކުންފުނިުން ބުނިގޮތުގައި ދިމާވެފައިވާ އުނދަގޫ ހާލަތާ ގުޅިގެން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ދޫކޮށްލަން ޖެހުނު ނަމަވެސް އާންމު ހާލަތަކަށް އެއްކޮށް އާދެވި، ވިޔަފާރި އަލުން ރަނގަޅުވާން ފެށުމުން، ދޫކޮށްލާ މުވައްޒަފުންނަށް އަލުން ޑިޒްނީގެ ތީމް ޕާކްތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދޭނެ އެވެ.

އެމެރިކާގެ އިތުރުން ޑިޒްނީން ތީމް ޕާކް ހިންގާ ތަންތަނުގެ ތެރޭގައި ޗައިނާގެ ޝަންހާއީ އާއި ޖަޕާންގެ ޓޯކިއޯ އާއި ފްރާންސްގެ ޕެރިހާއި ހޮންކޮންގް ހިމެނެ އެވެ. ކޮވިޑާ ދިމާކޮށް އެތަންތަން ވެސް ބަންދުކުރި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އަލުން އޮޕަރޭޓްކުރަން ފެށުމުން ވިޔަފާރި އަށް މާ ބޮޑު އަސަރެއްކޮށްފައެއް ނުވެ އެވެ.