Roadha Mihaaru
ވަޓްސްއެޕަށް "އެކްސްޕަޔަރިން މީޑިއާ" އަންނަނީ

އެއްފަހަރު ބެލުމުން ޑިލީޓްވާ މީޑިއާ މެސެޖު ވަޓްސްއެޕަށް ގެންނަނީ

30 ސެޕްޓެމްބަރ 2020

ވަޓްސްއެޕުން އެހެން މީހުންނަށް ފޮނުވާ ފޮޓޯ އާއި ވީޑިއޯ ފަދަ މީޑިއާ ފައިލްތައް އެ މީހުންގެ ފޯނަށް ލިބި އެ ބެލުމުން ޑިލީޓްވާ ފީޗާއެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަޓްސްއެޕުން އެހެން މީހުންނަށް ފޮނުވާ ފޮޓޯ އާއި ވީޑިއޯ ފަދަ މީޑިއާ ފައިލްތައް އެ މީހުންގެ ފޯނަށް ލިބި އެ ބެލުމުން ޑިލީޓްވާ ފީޗާއެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ދި އެކްސްޕަޔަރިން މީޑިއާ" ގެ ނަން ދީފައިވާ ފީޗާ މަސައްކަތްކުރާނީ އެއްޗެއް ފޮނުވާ އިރު "ވިއު ވަންސް" ބަޓަނަށް ފިތައިލުމުންނެވެ. އަދި އެ ލިބޭ މީހަކަށް އެ އެއްޗެއް ބެލޭނީ އެ މީހަކު ޗެޓްގެ ތެރޭގައި އެ ވަގުތަކު ހުރި ނަމަ އެވެ. އަދި ޗެޓް ދޫކޮށްލުމުން މިގޮތަށް މެސެޖެއް އަރާނެ އެވެ؛ "ދިސް މީޑިއާ ވިލް ޑިސަޕެއާ ވަންސް ޔޫ ލީވް ދިސް ޗެޓް" އެވެ.

އަލުން އެނބުރި ޗެޓަށް އައިސްފި ނަމަ "ވިއު ވަންސް ފޮޓޯ އެކްސްޕަޔާޑް" މިގޮތަށް ޕޮޕަޕެއް އަންނާނެ އެވެ.

މިފަދަ ގޮތްގޮތަށް މަސައްކަތްކުރާ ފީޗާތައް މަޝްހޫރު އެހެން ބައެއް ޗެޓް އެޕްތަކުގައި މިހާރު ވެސް ހުރެ އެވެ.

ވަބީޓާއިންފޯ އިން ބުނި ގޮތުގައި "ދި އެކްސްޕަޔަރިން މީޑިއާ" ފީޗާ އަކީ ވަޓްސްއެޕްގެ ބީޓާ އެންޑްރޮއިޑް 2.20.2011 ވާޝަންގެ ތެރެއިން ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ފީޗާއެކެވެ. ނަމަވެސް އާ ފީޗާ އާންމުކޮށް ދޫކޮށްލާނެ އިރެއް އަދި ނޭނގެ އެވެ. އާ ފީޗާއެއް އާންމުކޮށް ދޫކޮށްލަނީ ލިމިޓެޑް ޔޫޒަރުންގެ މެދުގައި ގިނަ ދުވަސްތަކެއް ވަންދެން ޓެސްޓް ކުރުމަށް ފަހު އެވެ.

އާ ފީޗާއާ ބެހޭ ގޮތުން ވަޓްސްއެޕުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕަކީ މިހާރު ދެ ބިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމެކެވެ. އަދި ފޭސްބުކްގެ ދަށަށް ވަޓްސްއެޕް އައި ފަހުން އޭގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް އެކި ކަހަލަ ބަދަލުތައް އަންނަނީ ގެންނަމުންނެވެ.