Roadha Mihaaru
ކޯޓު އަމުރުން ޔޫރަޕްގައި ހިދުމަތް ހުއްޓޭނެ: ފޭސްބުކް

އެމެރިކާ އަށް މައުލޫމާތު ހިއްސާނުކޮށް ޔޫރަޕްގައި ފޭސްބުކް ހިންގޭނެ ގޮތެއް ނެތް

27 ސެޕްޓެމްބަރ 2020

ޔޫރަޕްގެ ގައުމުތަކުގައި ފޭސްބުކް ބޭނުންކުރާ މީހުންގެ ފަރުދީ މައުލޫމާތު އެމެރިކާގެ ތަހުގީގީ އަދި ޖާސޫސީ އިދާރާތަކަށް ދޭ ކަމަށް ބުނެ އެކަން ހުއްޓާލަން ޔޫރަޕްގެ ކޯޓުން ޖުލައި މަހު ކުރި އަމުރު ތަންފީޒުކުރާ ނަމަ ޔޫރަޕް ދޫކޮށް ދާންޖެހިދާނެ ކަމަށް ފޭސްބުކުން ބުނެފި އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ޔޫރަޕްގެ ގައުމުތަކުގައި ފޭސްބުކް ބޭނުންކުރާ މީހުންގެ ފަރުދީ މައުލޫމާތު އެމެރިކާގެ ތަހުގީގީ އަދި ޖާސޫސީ އިދާރާތަކަށް ދޭ ކަމަށް ބުނެ އެކަން ހުއްޓާލަން ޔޫރަޕްގެ ކޯޓުން ޖުލައި މަހު ކުރި އަމުރު ތަންފީޒުކުރާ ނަމަ ޔޫރަޕް ދޫކޮށް ދާންޖެހިދާނެ ކަމަށް ފޭސްބުކުން ބުނެފި އެވެ.

ޔޫރަޕިއަން ކޯޓުން ޖުލައި މަހު ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން ޔޫރަޕްގައި ފޭސްބުކް ބޭނުންކުރާ މީހުންނަށް އެމެރިކާ އިން ޖާސޫސްކުރުމާ ދެކޮޅަށް ފޭސްބުކުން އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފައެއް ނުހުރެ އެވެ.

މި އަމުރު ތަންފީޒުކުރުމަށް ހުރި ދަތިތައް ބަޔާންކޮށް ފޭސްބުކްގެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައިވަނީ، ކޯޓު އަމުރު ތަންފީޒުކުރާ ނަމަ ފޭސްބުކަށް ޔޫރަޕްގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

"ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު އެމެރިކާއާ ހިއްސާކުރުން އެއްކޮށް ހުއްޓާލަންޖެހޭ ހާލަތެއްގައި، ފޭސްބުކާއި އިންސްޓަގްރާމް ޔޫރަޕްގައި ހިންގާނީ ކިހިނެއް ކަމެއް ނޭނގޭ" ކަމަށް އައިރިޝް ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ފޭސްބުކުން ބުނެފައިވެ އެވެ.

ފޭސްބުކްގެ ތަރުޖަމާނަކު ވިދާޅުވީ މިއީ ދިން އިންޒާރެއް ނޫން ކަމަށާއި ކޯޓުގައި ބުނެފައި އެ ވަނީ ކަން އޮތް ގޮތަށް، ހަގީގަތަށް ކަމަށެވެ.

ތަރުޖަމާނު ވިދާޅުވީ ފޭސްބުކްގެ އިތުރުން އެހެން އެތައް ވިޔަފާރިއެއް ވެސް ހިންގަނީ އެމެރިކާ އާއި ޔޫރަޕާ ދެމެދު ބަދަލުކުރާ މައުލޫމާތުގެ މައްޗަށް ކަމަށެވެ. ރައްކާތެރިކަމާ އެކު ބަދަލުކުރާ މައުލޫމާތަކީ ވިޔަފާރިތަކަށް މުހިންމު އެއްޗެއް ކަމަށާއި އެކަން ހުއްޓުމަކަށް ގެންނަން ޖެހުން ވެގެން ދާނީ ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އޮތް ހުރަހަކަށް ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

ފޭސްބުކުން ތަކުރާރުކޮށް ބުނަމުން އަންނަނީ، ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ހިއްސާކުރަނީ ރައްކާތެރިކަމާ އެކުގައި ކަމަށާއި މިފަދަ މައުލޫމާތަކީ ދުނިޔޭގެ އިގްތިސާދަށް ފައިދާކުރާނެ އެއްޗެހި ކަމަށެވެ.