Roadha Mihaaru
އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް

އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް އަރައިފި

16 ޑިސެމްބަރ 2021

އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ދެ ބިލިއަނަށް އަރާފައިވާ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ދެ ބިލިއަނަށް އަރާފައިވާ ކަމަށް ބުނެފި އެވެ.

މިކަން "ނުރަސްމީކޮށް" ހާމަކުރީ ސީއެންބީސީ އަށް ދިން އިންޓަވިއުއެއްގައި ކުންފުނީގެ މުވައްޒަފެކެވެ. އޭނާ ބުނި ގޮތުގައި އެ މައުލޫމާތު ކަށަވަރުވީ ކުންފުނީގެ ބައްދަލުވުމެއްގެ ތެރޭގަ އެވެ.

ފޭސްބުކް ވެސް ހިންގާ މެޓަގެ އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު މިހާރު ދެ ބިލިއަނަށް އެރިޔަސް އެކަން މާ ބޮޑު ކަމަކަށް ހަދައިގެން ރަސްމީކޮށް އެ ޕްލެޓްފޯމުން އެކަން އިއުލާނެއް ނުކުރާނެ އެވެ.

އެކަމަކު އޭގެ ސީދާ ސަބަބެއް މުވައްޒަފު ހާމަނުކުރި ނަމަވެސް އެކަން ގުޅެނީ މި ފަހުން އިންސްޓަގްރާމަށް އަމާޒުވި ފާޑުކިޔުންތަކާ އެވެ.

ހާއްސަކޮށް ފުރާވަރުގެ ކުދިންނަށް ނުރައްކާތެރި އެއްޗެއްކަން އެތެރޭގެ ސާވޭއަކުން ދެއްކުމުން ވެސް އެކަން ސިއްރުކޮށްގެން ތިއްބައި އެކަން ފަޅާއެރުމުން ކުރިމަތިވި ޕްރެޝަރުތައް ހިމެނެ އެވެ. މިއާ އެކު އިންސްޓަގްރާމުން މިދިޔަ ހަފުތާގައި ވަނީ ފުރާވަރުގެ ކުދިންނަށް ހާއްސަކޮށްގެން "ޓޭކް އަ ބްރޭކް" ފީޗާ ވެސް ތައާރަފުކޮށްފަ އެވެ. އަދި 13 އަހަރުން ދަށަށް ހަދަން އުޅުނު އިންސްޓަގެ ވާޝަންގެ މަސައްކަތް ވެސް އޮތީ ޕްރެޝަރުތަކާ ހެދި މަޑުޖައްސާލައިފަ އެވެ.

އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް އެރި އިރު، ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް އެރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު ބިލިއަނަކަށް އެރީ މީގެ ތިން އަހަރު ކުރިން 2018 ގަ އެވެ.

ދެހާސް ސޯޅައިގައި ވުޖޫދަށް އައި ޓިކްޓޮކީ ކުރު ވީޑިއޯ އަޕްލޯޑްކުރަން ހާއްސަ އެޕެކެވެ. މީގެ އަސްލަކީ ކުރިން އެމެރިކާގެ "މިއުޒިކަލީ" އެވެ.

ފާހަގަކޮށްލެވޭ އެއް ކަމަކީ އިންސްޓަގެ މަގުބޫލުކަން ބޮޑުވަމުން އަންނަ އިރު، ޓިކްޓޮކްގެ ވަރަށް މުހިއްމު ފީޗާތަކެއް އިންސްޓަގްރާމުން ކޮޕީކޮށްފައިވާކަމެވެ. އޭގެ ތެރޭގައި އިންސްޓަ އިން ތައާރަފުކުރި ކުރު ވީޑިއޯ ފީޗާ "ރީލްސް" އާއި މި ހަފުތާގައި ތައާރަފުކުރި "ރީލްސް ވިޝުއަލް ރިޕްލައި" ފަދަ ފީޗާތައް ހިމެނެ އެވެ.

ދެހާސް ދިހައެއްގައި ވުޖޫދަށް އައި އިންސްޓަގްރާމް، ފޭސްބުކުން ގަތީ 2012 ގަ އެވެ.