24 ސެޕްޓެމްބަރ 2020
ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތަސް އޭނާ ހުންނެވީ ސުލްހަވެރިކޮށް އެމެރިކާގެ ވެރިކަން ދޫކުރައްވާ ކަހަލަ ގޮތަކަށް ނޫން ކަމަށް، ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކުން ލަފާކުރެވެން ފަށައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތަސް އޭނާ ހުންނެވީ ސުލްހަވެރިކޮށް އެމެރިކާގެ ވެރިކަން ދޫކުރައްވާ ކަހަލަ ގޮތަކަށް ނޫން ކަމަށް، ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަތަކުން ލަފާކުރެވެން ފަށައިފި އެވެ.
ޓްރަމްޕްގެ ވާހަކަ އެހެން ހުރީ ޕޯސްޓް މެދުވެރިކޮށް ލާ ވޯޓާ މެދު 2016ގެ އިންތިހާބުން ފެށިގެން އުފައްދަވަމުން އަންނަ ޝައްކުތަކުގެ ސަބަބުންނެވެ. އެކަމަކު ޓްރަމްޕަކީ ވެސް ކުރިން ޕޯސްޓް މެދުވެރިކޮށް ރިޔާސީ އިންތިހާބުގައި ވޯޓު ލެއްވި ބޭފުޅެކެވެ. އަދި އެ ނިޒާމުގައި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާ ކަހަލަ ގަވާއިދާ ހިލާފު އެއްވެސް ކަމެއް ހިނގައިފައި އޮތް ކަމަކަށް މިހާތަނަށް އެނގިފައެއް ވެސް ނުވެ އެވެ.
އެމެރިކާގައި ކޮރޯނާވައިރަސް ފެތުރޭލެއް ބޮޑުކަމުން، ނޮވެމްބަރު 3ގެ އިންތިހާބުގައި ކުރިއަށް ވުރެ މާ ގިނަ ބަޔަކު ޕޯސްޓް މެދުވެރިކޮށް ވޯޓުލާނެ ކަމަށް ބެލެވެ އެވެ. ބައެއް ސްޓޭޓްތަކުން އާންމުންނަށް ހިތްވަރުދެމުން ވެސް އަންނަނީ، ގިނަ މީހުން އެއްތަނަކަށް އެއްވުން ކުޑަކުރުމުގެ ގޮތުން، ޕޯސްޓް މެދުވެރިކޮށް، ކުރިން ވޯޓު ލުމަށެވެ.
އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި މިހާރު ވެސް ޕޯސްޓް މެދުވެރިކޮށް ވޯޓުލުން ވަނީ ފަށައިފަ އެވެ.
ވައިޓް ހައުސްގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލުކުރީ އިންތިހާބުން ބަލިވެވަޑައިގެންފި ނަމަ ސުލްހަވެރިކަމާ އެކު ވެރިކަން ހަވާލުކުރައްވާނަންތޯ އެވެ.
"އަހަރެމެން އެބަ ޖެހޭ ވާ ގޮތެއް ބަލަން. ކަލޭމެންނަށް އެކަން އެނގޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޯޓުގެ ނަތީޖާ ކަނޑައަޅަން ސުޕްރީމް ކޯޓާ ހަމައަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
"ވޯޓާ ބެހޭ ގޮތުން ކުރިންސުރެ އަހަރެން މި އަންނަނީ ވަރަށް ބޮޑަށް ޝަކުވާކުރަމުން،" ޓްރަމްޕް ވިދާޅުވި އެވެ.
"މި ވޯޓު ކަރުދާހަކީ މުސީބާތެއް ކަހަލަ އެއްޗެއް."
އެހެން ޓްރަމްޕް ވިދާޅުވުމުން، އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅު ހަމަނުޖެހުންތައް މިހާރު ވެސް ހިނގަމުން ދާ ކަމަށް ބުނެ ރިޕޯޓަރު ކުރަން އުޅުނު ސުވާލު ހުއްޓުވާފައި ޓްރަމްޕް ވިދާޅުވީ "ވޯޓު ކަރުދާސްތަކުން ސަލާމަތްވޭ، އޭރުން ސުލްހަވެރިކަން ފެންނާނެ" ކަމަށެވެ.
ހިލަރީ ކްލިންޓަނާ 2016 ގައި ވާދަކުރެއްވި އިރު ވެސް، ނަތީޖާ ގަބޫލުކުރައްވާނެ ކަމާ މެދު ޓްރަމްޕް ސުވާލު އުފެއްދެވި އެވެ. އެކަމަކު ތިން މިލިއަނަށް ވުރެ ގިނަ ވޯޓުން ހިލަރީ ކުރީގައި އުޅުއްވިޔަސް، އެމެރިކާގެ އިންތިހާބުގެ ނިޒާމު އޮންނަ ގޮތުން، އިލެކްޓޯރަލް ކޮލެޖް ވޯޓު ގިނަވުމުން، އިންތިހާބު ކާމިޔާބުކުރެއްވީ ޓްރަމްޕެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބިނާވަނީ، ކޮންމެ ސްޓޭޓެއްގެ އާބާދީއަށް ބިނާކޮށް އެ ސްޓޭޓަކަށް ކަނޑައަޅާފައި އޮންނަ އިލެކްޓޯރަލް ކޮލެޖްގެ ވޯޓުންނެވެ. މިސާލަކަށް އެންމެ އާބާދީ ބޮޑު ކެލިފޯނިއާއަށް 55 އިލެކްޓޯރަލް ކޮލެޖް ވޯޓު ކަނޑައަޅާފައިވެ އެވެ. އަދި އާބާދީ އެންމެ ކުޑަ ބައެއް ސްޓޭޓްތަކަށް ލިބެނީ އެންމެ ތިން ކޮލެޖް ވޯޓެވެ. ކޮންމެ ސްޓޭޓެއްގެ ކޮލެޖް ވޯޓު ކާމިޔާބުކުރެވޭނީ އެ ސްޓޭޓެއްގެ އާންމުންގެ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށެވެ. އެހެންކަމުން އާބާދީ މަދަސް ހުރިހާ ކުދި ސްޓޭޓްތަކެއްގެ ކޮލެޖް ވޯޓު ލިބިގެން، ވެރިކަމަށް އައުމުގެ ފުރުސަތު އޮވެ އެވެ. އޭރުން ބަލިވާ ކެންޑިޑޭޓަށް އާބާދީ ބޮޑު ސްޓޭޓްތަކުގެ ކޮލެޖް ވޯޓު ލިބޭ އިރު، އާންމު ވޯޓު ވެސް އެމީހަކަށް އޮންނާނީ ގިނަވެފަ އެވެ.
ހިލަރީ ކްލިންޓަންއަށް ތިން މިލިއަން ވޯޓު ގިނައިން ލިބިވަޑައިގަތީ އެހެންވެ އެވެ. އެކަމަކު ޓްރަމްޕް އެ ވޯޓުތަކާ މެދު ވެސް ޝައްކު އުފައްދަވަ އެވެ.
އިންތިހާބު ބޯމަތިވި އިރު ޓްރަމްޕަށް ވަނީ އެހެން ފުރުސަތެއް ލިބިވަޑައިގެންފަ އެވެ: ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމެވެ. ދާދި ފަހުން އަވަހާރަވި ލިބަރަލް ހިޔާލުގެ އަންހެން ފަނޑިޔާރު ރުތު ބޭޑާ ގިންސްބާގުގެ ގޮނޑިއަށް، އިންތިހާބުގެ ކުރިން ފަނޑިޔާރަކު އައްޔަންކުރަން، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮންނަ ސެނެޓަށް ހުށައަޅުއްވަން މިހާރު ވަނީ ނިންމަވައިފަ އެވެ. ރިޔާސީ އިންތިހާބުގެ އަހަރު ސުޕްރީމް ކޯޓުން ގޮނޑިއެއް ހުސްވެއްޖެ ނަމަ، އެ ފުރުސަތު ދޭނީ އިންތިހާބު ކާމިޔާބުކުރައްވާ ބޭފުޅަކަށް ކަމަށް، 2016ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރު ރިޕަބްލިކަން ޕާޓީގެ ސެނެޓް މެމްބަރުން ނިންމެވި އެވެ. އެގޮތަށް ނިންމެވީ އެ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ހުސްވި ގޮނޑިއަށް، އޭރުގެ ރައީސް ބަރަކް އޮބާމާ ހުށައެޅުއްވި ނަން، ފާސްނުކުރަންވެގެންނެވެ.
އެކަމަކު އެ މެމްބަރުން މިހާރު ވިދާޅުވަނީ އެގޮތަށް ފަނޑިޔާރަކު ނުހޮވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭރު ގަބޫލުކުރެއްވި އުސޫލު ބަދަލުވެގެން މި އުޅެނީ ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންގެ ހިޔާލާ އެއްގޮތް ފަނޑިޔާރުންގެ އަގުލަބިއްޔަތު ސުޕްރީމް ކޯޓުގައި ބޮޑުކުރުމުގެ ގޮތުންނެވެ. ޓްރަމްޕް ފޮނުއްވާ ނަން ސެނެޓުން ފާސްވެއްޖެ ނަމަ، އެމެރިކާގެ ސުޕްރީމް ކޯޓުގައި ކޮންޒަވޭޓިވް ވިސްނުމުގެ ހަ ފަނޑިޔާރުން ތިއްބަވާނެ އެވެ. ލިބަރަލް ހިޔާލުގެ ތިން ފަނޑިޔާރުންނެވެ. މިހާ ބޮޑު ތަފާތެއް އޮތުމުން، ބައެއް ކަހަލަ ދީނީ އަދި ބައެއް ކަހަލަ ވިޔަފާރީގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ކޯޓު ބުރަވެފައި އޮންނާނީ ރިޕަބްލިކަން ޕާޓީގެ ފިކުރަށެވެ.
ޓްރަމްޕް ވިދާޅުވީ އިންތިހާބުގެ ނަތީޖާއާ މެދު ގޮތެއް ނިންމުން ސުޕްރީމް ކޯޓާ ހަމައަށް ހިނގައިދާނެތީ ކޯޓުގެ ފުލް ބެންޗެއް މުހިންމު ކަމަށެވެ. އެހެންކަމުން އަންނަ ހޮނިހިރުދުވަހު ސެނެޓަށް އޭނާ ފަނޑިޔާރެއްގެ ނަން ފޮނުއްވަން ވަނީ ނިންމަވައިފަ އެވެ.
ޓްރަމްޕް ވަގުތުން އިސްތިއުފާ ދެއްވަން މަޖުބޫރުކުރަނީ
ނިއު ޔޯކް ޓައިމްސް: ހަމަނުޖެހުން އުފެއްދެވީ ޓްރަމްޕް
ބާރުތައް ބަދަލުކުރަން ހުރަސް، ދެން ވާނީި ކިހިނެއްް؟!
ޓްރަމްޕް ދޮގުހައްދަވަން ފެށުމުން ލައިވް ކަނޑާލައިފި
އެމެރިކާގެ ބޮޑު އިންތިހާބުގެ ދުވަސް: ކިއޫ ދަމާލައިފި
"މިހާރު"ން އެމެރިކާ އިންތިހާބުގެ ނަތީޖާ ވަގުތުން
ޓްރަމްޕްގެ އާންމު ވާހަކަ: "މިއީ ކަމެއް ނޫން"
ޓްރަމްޕާއި ބައިޑަންގެ ބަހުސްގައި ޒުވާބާއި މަލާމާތްކުރުން
ޓެކްސްއާ ބެހޭ ހަގީގަތްތަކުން ފެންނަނީ ތަފާތު ޓްރަމްޕެއް
ގިންސްބާގު އަވަހާރަވުމުން ޝަރުއީ ވާދަވެރިކަމަކަށް