Roadha Mihaaru
"ރިސޯޓްތަކުގެ ވެރިންނާއި މުވައްޒަފުންގެ ގުރުބާނީ ބޮޑު"

ރިސޯޓްތަކުގެ ވެރިންނާއި މުވައްޒަފުންގެ ގުރުބާނީ ވެސް ބޮޑު: ޑރ. މައުސޫމް

14 ސެޕްޓެމްބަރ 2020

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ރިސޯޓްތަކުގެ ވެރިންނާއި މުވައްޒަފުން ވެސް ވަމުން އަންނަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް، އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ރިސޯޓްތަކުގެ ވެރިންނާއި މުވައްޒަފުން ވެސް ވަމުން އަންނަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް، އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި، ޓޫރިޒަމް ދާއިރާގެ އެކި ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. މައުސޫމް ވިދާޅުވީ މި ބަލިމަޑުކަމުގެ ނުބައި އަސަރުން ކުރިމަތިވި ހިތްދަތިކަން ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ރިސޯތްތަކުގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ވަޒީފާ ގެއްލުމަކީ، "ހިތްދަތި އިހުސާސެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

މާޗު މަހު ރާއްޖެއިން ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނުނީ ވެސް ރިސޯޓަކުންނެވެ. ޅ. އަތޮޅުގައި ހިންގަމުން އަންނަ، ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑު އެއް ރިސޯޓް ކަމަށްވާ ކުރެއްދޫގައި ޗުއްޓީ ހޭދަކުރި މީހަކު، އެނބުރި އިޓަލީ އަށް ދިޔަ ފަހުން ކޮވިޑަށް ޕޮޒިޓިވް ވުމާ އެކު، އޭނާއާ ރިސޯޓުން ކޮންޓެކްޓްވި މީހުންގެ ޓެސްޓް ހެދި އިރު، އިތުރު މީހުންނަށް ބަލި ޖެހިފައިވާ ކަން ކަށަވަރުވި އެވެ.

އެއީ ޗައިނާ އާއި ޔޫރަޕްގައި އޭރު ބާރަށް ފެތުރެމުން ދިޔަ ކޮރޯނާވައިރަސް ރާއްޖެއަށް ވެސް އައިކަން ކަށަވަރުކޮށްދިން ފުރަތަމަ ކޭސްތަކެވެ. އެއާ އެކު ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް، ކޮރޯނާވައިރަސްއާ ދެކޮޅަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން ފެށި އެވެ.

ބޯޑަރު ބަންދުކުރުމަކީ ރާއްޖޭގެ އިގުތިސާދުގެ މައިގަނޑު މަސައްކަތް، ޓޫރިޒަމް ހުއްޓުމެވެ. ރާއްޖޭގެ ޓޫރިޒަމްގެ މުޅި ތާރީޚުގައި ވެސް މި ކަހަލަ ގެއްލުން ބޮޑު ހުއްޓުމެއް އައިސްފައެއް ނުވެ އެވެ. އެހެންކަމުން އޭގެ ނުބައި އަސަރު މުޅި ގައުމަށް ކޮށް، ދައުލަތުގެ ބަޖެޓް ހަމަޖައްސަން، ނުލިބޭ އާމްދަނީއަކުން ފައިސާ ނެރެން މަޖުބޫރުވެ، އަދިވެސް މި ދަނީ އެގޮތަށެވެ.

ޑރ. މައުސޫމް ވިދާޅުވީ ކޮވިޑް-19 އަކީ ޓޫރިޒަމަށް އިންވެސްޓްކޮށްފައިވާ މީހުންނަށް ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ކުދި ވިޔަފާރިތައް ފެށި، ގެސްޓްހައުސްތައް ވިޔަސް، ސަފާރީތައް ވިޔަސް، މި މީހުން ވިޔަފާރިތައް ފަށާފައި މިހުރީ އަތުގައި ހުރި އެއްޗަކާއި ރައްޓެހިންގެ އަތުން ފައިސާ ހޯދައިގެންނާއި ބޭންކުން ނެގުނު އެއްޗެއް ނަގައިގެން،" މުޅި އިންޑަސްޓްރީއަށް އޮތް ބޮޑު ގެއްލުމުގެ ތެރެއިން އެއް މިސާލު ނަންގަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިސްޓުންނަށް އަލުން މަރުހަބާ ކިޔަން، އެއާޕޯޓުގައި ރިސޯޓްތަކުގެ ރެޕުން: ބައެއް ރިސޯޓްތަކުން ބުނަނީ ކުރިއަށް އޮތް ދެ މަހު ޓޫރިސްޓުން ގިނަވެދާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ /މިހާރު

ޓޫރިސްޓުންނަށް އަލުން މަރުހަބާ ކިޔަން، އެއާޕޯޓުގައި ރިސޯޓްތަކުގެ ރެޕުން: ބައެއް ރިސޯޓްތަކުން ބުނަނީ ކުރިއަށް އޮތް ދެ މަހު ޓޫރިސްޓުން ގިނަވެދާނެ ކަމަށް -- ފޮޓޯ: ނިޝާން އަލީ /މިހާރު

"އެ [ހޭދަ] ރިކަވަ ނުވެ އުޅެނިކޮށް މި ލޮލުން އައިމާ ވަރަށް ބޮޑެތި ހާސްކަމެއްގެ ތެރޭގައި އެ ތިބީ."

ޑރ. މައުސޫމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ތަމްސީލްކުރާ އެކި ޖަމިއްޔާތަކާ އެކު މިހާތަނަށް ބޭއްވެވި ބައްދަލުވުންތަކުން އެމީހުންގެ އެ ގުރުބާނީ ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

ޓޫރިޒަމް ވިޔަފާރިވެރިންނަށް ކުރިމަތިވި ބޮޑު ގެއްލުމާ އެކު އެތައް ބައެއްގެ ވަޒީފާ ގެއްލުމަކީ، އޭނާ ވިދާޅުވި ގޮތުގައި، މި ވެއްޓުމުގައި އޮތް އަނެއް ހިތްދަތިކަމެވެ.

"ރިސޯޓެއް ބަންދުކޮށްލުމުން އާމްދަނީ ގެއްލިގެން ދިޔައިމާ މުވައްޒަފުންނާ ދޭތެރޭގައި އޮންނަ އުސޫލަކުން ކޮންމެވެސް ލުޔެއް ލިބޭނެ. އެހެންނަމަވެސް ވަޒީފާ ނެތުމުގެ އިހުސާސަކީ ވަރަށް ހިތްދަތި އިހުސާސަކަށް ވާނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ހުޅުވަން މިހާރު ކުރާ މަސައްކަތަކީ ވެސް ގުރުބާނީއެއް

ފައިދާއެއް ނެރެވޭ ވަރަށް ޓޫރިސްޓުން އަދި ނުލިބޭ އިރު ބައެއް ރިސޯޓްތައް ހުޅުވައިގެން ހިންގުމަކީ ވެސް، މިނިސްޓަރު ގަބޫލުކުރައްވާ ގޮތުގައި، ގުރުބާނީއެކެވެ. އެ ގުރުބާނީ އެވަނީ އިންޑަސްޓްރީ ދަމަހައްޓަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މި އަންނަ [ޓޫރިސްޓުން] ހުރިހާ ތަނަކަށް ބަހާލީމާ އެއްވެސް ތަނަކަށް ނުލިބޭނެ ރަނގަޅު [ފައިދާއެއް]ގައި ހިންގާލެވޭ ވަރަށް މީހުންނެއް. އެހެންނަމަވެސް ގެއްލުމެއްގައި ނަމަވެސް ހިންގަން ފެށުމަކީ އިންޑަސްޓްރީ ހިނގައިގަތުން،" ޑރ. މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގެއްލުންތައް ބޮޑަސް، ޓޫރިޒަމްގެ ހިންގުންތެރިންގެ އަޒުމަށް ބަދަލެއް ނާންނަ ކަމަށެވެ. އެހެންކަމުން ގޮންޖެހުންތަކާ ކުރިމަތިލައި، ކާމިޔާބުކޮށް ފާގަތި ދުވަސްތަކެއް ފެންނާނެކަމުގެ އުއްމީދު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

ޖުލައި 15 ގައި ބޯޑަރުތައް އަލުން ހުޅުވާލި އިރު އުއްމީދުކުރި މިންވަރަށް ރާއްޖެއަށް އަދި ޓޫރިސްޓުންނެއް ނާދެ އެވެ. އޭގެ ސަބަބަކީ، އިންޑަސްޓްރީގެ ބައެއް ތަޖުރިބާކާރުންގެ އިތުރުން، ޑރ. މައުސޫމް ވެސް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ނުރައްކާ ފައްތަރެއްގައި އަދި އޮތުމެވެ.

އެކަމަކު ބައެއް ރިސޯޓްތަކުން ބުނީ އަންނަ މަހާއި ނޮވެމްބަރުގެ ބުކިންސް އަދި ފެންނަނީ ރަނގަޅަށް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތިން މަހު ޓޫރިޒަމަށް އިތުރު ދިރުންތަކެއް އައުމުގެ ފުރުސަތު އެބަ އޮތެވެ.