Roadha Mihaaru
އިގްތިސާދީ ކަޅު ލައްގަނޑު ފިލާނެ، އުންމީދު އެބައޮތް

އިގްތިސާދީ ކަޅު ލައްގަނޑު ފިލާނެ، އަދި އުންމީދު އެބައޮތް!

20 ނޮވެމްބަރ 2021

ރާއްޖޭގެ އިގްތިސާދު މި ވަގުތު އޮތީ ކޮން ހާލަތެއްގައިތޯ ސުވާލު ކޮށްފި ނަމަ، އެއަށް މާ ހިތްހަމަ ޖެހޭ ކަހަލަ ޖަވާބެއް ދެވޭކަށް ނެތެވެެ. ނަންބަރުތައް ފެންނަން ހުރީ އެހާ ރަނގަޅަކަށް ނޫނެވެ. މިދިޔަ އަހަރުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓާއި އިގްތިސާދީ ތަސައްވުރު އޮތީ ވެސް އެހާ ރަނގަޅަކަށް ނޫނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އިގްތިސާދު މި ވަގުތު އޮތީ ކޮން ހާލަތެއްގައިތޯ ސުވާލު ކޮށްފި ނަމަ، އެއަށް މާ ހިތްހަމަ ޖެހޭ ކަހަލަ ޖަވާބެއް ދެވޭކަށް ނެތެވެެ. ނަންބަރުތައް ފެންނަން ހުރީ އެހާ ރަނގަޅަކަށް ނޫނެވެ. މިދިޔަ އަހަރުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓާއި އިގްތިސާދީ ތަސައްވުރު އޮތީ ވެސް އެހާ ރަނގަޅަކަށް ނޫނެވެ.

ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރަން އެޅެން އޮތް މައިގަނޑު އެއް ފިޔަވަޅަކީ ވެސް ޓޫރިޒަމް ރަނގަޅު ކުރުމެވެ. ނުވަތަ ކުއްލި ޖަމްޕެއް ޖަހަން ބޭނުންނަމަ، ދެން އޮތް ގޮތަކީ، ބަޖެޓް ފޮތް ބުނާ ގޮތުންް ރަށްތަކެއް ވިއްކުމެވެ. އެކަމަކު ބަލި އިގްތިސާދެއްގައި، ސަރުކާރުން ބޭނުންވާހާ އަގެއްގައި ރަށްތައް ގަންނާނެ ބަޔަކު ވެސް ނެތެވެ. އެހެންވެ، ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އޮތް ހަމައެކަނި ގޮތަކީ ވެސް، ފުރަތަމަ އިގްތިސާދު ރަނގަޅުކޮށް އޭގެ ފަހުން ރަށްތައް ވިއްކުމެވެ.

މި ސަރުކާރުގެ ތިން އަހަރު ނިމިގެން ދިޔައީ އިގްތިސާދީ ރިޕޯޓް އެހާ ރަނގަޅަށް އޮވެގެނެއް ނޫނެވެ. ހާއްސަކޮށް ކޮވިޑާ ގުޅިގެން ރާއްޖެ ވަނީ އިގްތިސާދީ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓިފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރާއްޖެ އޮތީ އިގްްތިސާދީ އަނދަވަޅެއްގެ ތެރޭގަ އެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރި ކަމަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރު އިގްތިސާދު ހަތް ޕަސެންޓުގައި ކުރި އެރި އިރު ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އިގްތިސާދު ވަނީ 30 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ. މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ގާތްގަނޑަށް 30 ޕަސެންޓަށް ކުރިއަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވެ އެވެ. އެއީ ޓޫރިޒަމް ކުރިއަރާނެ ވަރަށް ބަލައި، ކޮށްފައިވާ އަންދާޒާ އެކެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ދެކެވަޑައިގަންނަވާ ގޮތުގައި ބޮޑު ކާރިސާއެއް ކުރިމަތިވުމުން ވެސް، ނަމޫނާ ދައްކައި އިގްތިސާދީ ގޮތުން ރަނގަޅު ނިންމުންތަކެއް މި ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އޭނާ ވިދާޅުވީ، ކޮވިޑާ ގުޅިގެން ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު އަނެއްކާ ޓޫރިޒަމް ހުޅުވާލައި އެ ހޯދި ކުރިއެރުމަކީ ރާއްޖޭގެ މުޅި އިގްތިސާދަށް ވެސް މިދިޔަ ތިން އަހަރު ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަވަހަށް ހުޅުވާލި ހުޅުވާލުން ގިނަ ބަޔަކު ސިފަ ކުރަނީ ޓޫރިޒަމްގެ އެންމެ ކާމިޔާބު އެއް ވާހަކައިގެ ގޮތުގަ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، މިއީ ކާމިޔާބު ތިން އަހަރު ކަމަށް-- ފައިލް ފޮޓޯ: މިހާރު

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، މިއީ ކާމިޔާބު ތިން އަހަރު ކަމަށް-- ފައިލް ފޮޓޯ: މިހާރު

ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރު މާޗް މަހު އެއްކޮށް ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި މަހު ހުޅުވާލި ފަހުން ގާތްގަނޑަކަށް ކޮންމެ މަހަކުހެން ދިޔައީ ތަފާތު ރެކޯޑެއް ހަދަމުންނެވެ.

"މުޅި އިގްތިސާދު ހުއްޓުވާލި އެ ދަނޑިވަޅުގައި ހުރިހާ އެންމެން ގުޅިގެން ޓޫރިޒަމް ދާއިރާ އަވަހަށް ފެށުމަށް ނިންމި ނިންމުމަކީ ރާއްޖެ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބު،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ހޯދި އަނެއް ކާމިޔާބީއަކީ މިނިމަމް ވޭޖް ކަނޑައެޅިގެންދިއުން ކަމަށް މައުސޫމް ވިދާޅުވި އެވެ. ސަރުކާރުން ވަނީ ސިވިލް ސާވެންޓުންނާއި ޕްރައިވެޓް ސެކްޓާ ތިން ބަޔަށް ބަހާލުމަށް ފަހު، މިނިމަމް ވޭޖް ކަނޑައަޅައިފަ އެވެ. އެންމެ ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއްގެ ގޮތުގައި 4،500ރ. ކަނޑައެޅި އިރު މެދުފަންތީގެ ވިޔަފާރިތަކުގެ މިނިމަމް ވޭޖަކީ 7000ރ. އެވެ. ސިވިލް ސާވަންޓުންނަށް ވެސް ކަނޑައަޅާފައި ވަނީ މިވަރެވެ. އަދި އެންމެ ބޮޑެތި ވިޔަފާރިތަކަށް ވެސް ކަނޑައަޅާފައިވަނީ 8،000ރ. އެވެ.

މައުސޫމް ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަކީ ވެސް މުޅި އިގްތިސާދަށް ވެސް އޭގެ ނަފާ ލިބޭނެ ކަމެއް ކަމަށެވެ.

ވިޔަފާރިތަކަށް ގޮންޖެހުންތައް ހުއްޓަސް އާ އުންމީދެއް

ކޮވިޑްގެ ކުރިން ކޮންސްޓްރަކްޝަން ދާއިރާއަކީ އެންމެ ބޮޑަށް ކުރިއަރަމުން އައި އެއް ދާއިރާ އެވެ. އެހެން ނަމަވެސް ކޮވިޑާ ގުޅިގެން ގާތްގަނޑަކަށް 60 ޕަސެންޓް މަސައްކަތް ހުއްޓާލަން ޖެހިފައި އޮތުމަށް ފަހު އަނެއްކާ ވެސް މިވަނީ މަސައްކަތްތައް ލިބެން ފަށައި، މި ދާއިރާ އަށް ވެސް ކުރިއެރުން އަންނަން ފަށައިފަ އެވެ.

"މިހާރު އަޅުގަނޑުމެންނަށް މަސައްކަތްތައް އެބައޮތް އިންތިހާ އަށް. އެކަމަކު ވެސް އަދި ކުރިއަށްދާން އުނދަގޫތައް އެބަހުރި،" ކޮންސްޓްރަކްޝަން ދާއިރާ ތަމްސީލު ކުރާ ޖަމިއްޔާ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑޮލަރުގެ ދަތިކަން ވިޔަފާރިތަކަށް އިންތިހާ އަށް ކުރިމަތިވެފައި އެބައޮތް ކަމަށެވެ. އެހެންވެ ބޭރުން މުދާ ގެނައުމުގައި އިތުރު އުނދަގޫތައް ކުރިމަތިވާ ކަމަށާއި ކޮވިޑާ ގުޅިގެން މުދާ ގެނައުމުގައި ވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

މެޝިން ބޭނުން ކޮށްގެން ޑޮލަރުތަކެއް ގުނަނީ: ވިޔަފާރިވެރިންނަށް ވަނީ ޑޮލަރު ހޯދަން އުނދަގޫވެފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

މެޝިން ބޭނުން ކޮށްގެން ޑޮލަރުތަކެއް ގުނަނީ: ވިޔަފާރިވެރިންނަށް ވަނީ ޑޮލަރު ހޯދަން އުނދަގޫވެފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ވަގުތު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 17ރ. އަށް ވުރެ މަތީގަ އެވެ. ކޮވިޑްގެ ހާލަތުގެ ކުރިން ކަޅު ބާޒާރުގައި ވެސް ޑޮލަރުގެ އަގު އުޅުނީ 15.42ރ. އާއި 16ރ. އާ ދެމެދުގެ އަގެއްގަ އެވެ.

"ކުރިން 3،000 ޑޮލަރަށް ލިބުނު ކޮންޓެއިނަރުތައް އުޅެނީ 7،000 ޑޮލަރަށް،" އޭނާ ވިދާޅުވި އެވެ.

މިހާ އަގު ބޮޑުވުމުން މުދާ ގެންނައުން ލަސްވެ، އިތުރު ޑިލޭތައް ކޮންސްޓްރަކްޝަން ދާއިރާ އަށް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާ އުނދަގޫ ހާލަތުގައި ވެސް ސަރުކާރުން މިކަންކަން ބަލައި ވިޔަފާރިތަކާ އެކު ބާއްވާ ގުޅުމަކީ މިކަމުގައި ކުރިއަށް ދާން އޮތް ވަރަށް ބޮޑު އުންމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހުރި މައްސަލަތަކަށް އެންމެ ފުރިހަމަ ހައްލެއް ނުހޯދި ނަމަވެސް، މިކަންކަމުގައި ފަސޭހައިން ސަރުކާރާ އެކު މަޝްވަރާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަރަނި އަދި ޑެފިސިޓް ވެސް ވީ ބޮޑު

ސަރުކާރުގެ ތިން އަހަރުގައި ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ގެރެންޓީއާ އެކު ދައުލަތުގެ ދަރަނި ވަނީ 68 ބިލިއަން ރުފިޔާ އިން 94 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. ދަރަނީގެ ހާލަތަށް ހައްލެއް ނުގެނެވި އޮއްވާ އެއް އަހަރުން އަނެއް އަހަރަށް ދައުލަތުން ކުރާ ހޭދަ ވެސް އަންނަނީ ބޮޑުވަމުންނެވެ.

މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ބަޖެޓް ޑެފިސިޓް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ކުރިން ފަސް ހަ ބިލިއަންގެ ފަރަގު ހުންނަ ޑެފިސިޓް އަދަދު ކޮވިޑާ ގުޅިގެން ވަނީ 13 ވަރަކަށް ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އަދި މި އަހަރު ވެސް ޑެފިސިޓް ހުރީ 12 ވަރަކަށް ބިލިއަން ރުފިޔާގަ އެވެ.

މި ހަރަދުތައް ވެސް މެނޭޖްކުރަން ޖެހޭނީ އިތުރަށް ދަރަނި ނަގާށެވެ. މިކަމަށް ހައްލެއް ހޯދިފައި ނެތުމަކީ ދައުލަތަށް އޮތް ވަރަށް ބޮޑު ތަކްލީފެކެވެ.

ކުރީގެ އިކޮޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ތިން އަހަރު ތެރޭގައި ދައުލަތުގެ ދަރަނި އިންތިހާ އަށް މަތިވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. ކޮވިޑްގެ ހާލަތު ކުރިމަތިވީ ނަމަވެސް މިހާ ބޮޑު އަދަދެއް އިތުރުވުމުން އިގްތިސާދަށް އިތުރަށް ވާނީ ގެއްލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ އިކޮޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ބަޖެޓު ކޮމިޓީގައި: ސައީދު ވިދާޅުވަނީ އިގްތިސާދީ ގޮތުން ރަނގަޅު އެއްވެސް ކަމެއް މި ސަރުކާރަށް ނުކުރެވުނު ކަމަށް-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރީގެ އިކޮޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ބަޖެޓު ކޮމިޓީގައި: ސައީދު ވިދާޅުވަނީ އިގްތިސާދީ ގޮތުން ރަނގަޅު އެއްވެސް ކަމެއް މި ސަރުކާރަށް ނުކުރެވުނު ކަމަށް-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

"ތިން އަހަރު ތެރޭ ރިކަރަންޓް ހަރަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ފައިނޭންޝަލް ޓްރާންސްޕޭރެންސީ ވަނީ އެއްކޮންހެން ނެތި ގޮސްފައި. ހުރިހާ ބާރެއް [ސަރުކާރާއި މަޖިލީސް] އެއް ޕޮޓެއްގައި އޮތުމުން ސަރުކާރުން އަމަލުކުރަނީ ހިތުހުރި ގޮތަކަށް،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ސަރުކާރުން ހިންގި ބޮޑު އެއްވެސް މަޝްރޫއުއެއް ފެންނަން ވެސް ނެތް ކަމަށެވެ. ސަރުކަރުން އެންމެ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ފަށާ ގުޅީފަޅު، ވިލިމާލެ އަދި މާލެ ގުޅާލުމަށް އަދި މަސައްކަތެއް ވެސް ނުފެށެ އެވެ. އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައި، ސޮއި ކުރި ނަމަވެސް އެކަމުގެ އަމަލީ މަސައްކަތެއް ނުކުރެ އެވެ. އަނެއް ޕްރޮޖެކްޓަކީ މާލޭގެ ޕޯޓު ގުޅީފަޅަށް ބަދަލު ކުރުމެވެ. އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށުން ފިޔަވައި އެހެން ކަމެއް ފެންނާކަށް ނެތެވެ.

"އެެއްވެސް މަޝްރޫއެއް ފެންނާކަށް ނެތް. ވަޒީފާއެއް ނުއުފެއްދުނު. މާލީ ނިޒާމު އެއްކޮށް އިންޑިއާ އަށް ބަރޯސާވެފައި އޮތީ،" އޭނާ ވިދާޅުވި އެވެ.

ފައިސާ ޗާޕުކުރުން މައްސަލައެއް

ކޮވިޑާ ގުޅިގެން އެއް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ފިނޭންސް މިނިސްޓްރީން ޗާފުކުރި އެވެ. އަނެއްކާ ވެސް އިތުރު އެއް އަހަރަށް މަރުކަޒީ ބޭންކުން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދަ އަށް ވަނީ އެދިފަ އެވެ.

ސައީދު ވިދާޅުވީ، ދައުލަތުގެ ހަރަދައް ޒިންމާވާ ގާނޫނުގެ މުހިއްމު މާއްދާތަކެއް ސަސްޕެންޑްކޮށް ދައުލަތް ޒިންމާދާރު ކުރެވޭނެ އުސޫލެއް ނެތި ފައިސާ ނެގުމަކީ ތިން އަހަރު ތެރޭ ސަރުކާރުން ނެގި އެންމެ ގޯސް އެއް ނިންމުން ކަމަށެވެ.

ނަން ހާމަކުރަން ބޭނުން ނުވާ އިގްތިސާދީ މާހިރަކު ވިދާޅުވީ، އޯވާޑްރޯ ކުރުމުން އިގްތިސާދީ ގޮތުން ނުރައްކާތެރި ހާލަތަކަށް ރާއްޖެދާނެ ކަމަށެވެ.

"އިގްތިސާދުގައި ދިވެހި ފައިސާ މި އިތުރުވަނީ. މިއީ ޑޮލަރަށް އެހާ ބޮޑަށް ޖެހިފައި އޮތް ދުވަސްވަރެއްގައި ނެގި ވަރަށް ގޯސް ޑިޒިޝަނެއް،" އޭނާ ވިދާޅުވި އެވެ.

ތިން އަހަރުގެ ސަރުކާރުގެ އަމާޒަށް ދިއުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑްގެ ހާލަތު ކުރިމަތިވުމެވެ. މިފަދަ ހާލެއް ކުރިމަތިވި ނަމަވެސް، އިގްތިސާދީ ގޮތުން ރާއްޖެ އަށް މިހާރު އޮތް ހާލަތަށް ވުރެ ބޮޑު ކުރިއެރުމެއް ގެނެވޭނެ ކަމަށް އިގްތިސާދީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ. ތިން އަހަރުގެ ތެރޭގައި ލޯނު ނަގައިގެން، އޮއްޓަރު ހުރި މަޝްރޫއެއް ނުހިންގައި، އެ ލިބުނު ފައިސާއިން ރިކަރަންޓް ހަރަދު މެނޭޖު ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އިގްތިސާދީ މާހިރު ވިދާޅުވި އެވެ.

އެކަމަކު ހަމަ އެ ބޭފުޅުން ވިދާޅުވީ މައްސަލަތަކުގެ ތެރޭގައި ވެސް ރާއްޖޭގެ އިގްތިސާދަށް އުންމީދުތަކެއް އެބައޮތް ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމަށެވެ. ޓޫރިޒަމްގެ ސިނާއަތް މިހާރު އޮތް ހާލަތުގައި އޮންނަ ނަމަ ރާއްޖެ، މި އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމަކީ އެހާ އުނދަގޫ ކަމަކަށް ނުވާނެ އެވެ.