13 ސެޕްޓެމްބަރ 2020
ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމުން، މުބާރާތަށް ތައްޔާރުވި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ދެ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމަކާ ކުުރިމަތިލާން ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ކޮވިޑް-19 ގެ ސަބަބުން މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރުމުން، މުބާރާތަށް ތައްޔާރުވި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އަށް ދެ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ގެއްލުމަކާ ކުުރިމަތިލާން ޖެހިފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.
މާޒިޔާ އިން މި އަހަރުގެ އޭއެފްސީ ކަޕާ ކުރިމަތިލީ ވަރަށް ރަނގަޅު ތައްޔާރީތަކަކާ އެކީ އެވެ. އެ ޓީމުން ވަނީ ކޮލިފައިން ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި ސަރަހައްދުގެ ގަދަބާރު އިންޑިއާގެ ބެންގަލޫރު އެފްސީ ކަޓުވާލައި މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އިންޑިއާގެ ޗެންނާއީ ސިޓީއާ 2-2 އިން އެއްވަރުވި މެޗު ކުޅުނު ފަހުން އޭއެފްސީން މުބާރާތް މެދުކަނޑާލީ އެވެ. އެއީ ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ އެވެ.
އޭއެފްސީން ކްލަބްތަކާއި މެމްބަރު އެސޯސިއޭޝަންތަކާ އެކީ ބޭއްވި ބައްދަލުވުމަށް ފަހު މުބާރާތް ސެންޓްރަލައިޒްކޮށް ކުރިއަށް ގެންދަން ރޭވި އެވެ. އެ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގެ ގްރޫޕްގެ މެޗުތައް ހޯސްޓް ކުރަން ރާއްޖޭން ބިޑްކޮށް އެ ފުރުސަތު ހޯދި އެވެ. ރާއްޖޭގައި އަންނަ މަހު 23 އިން ނޮވެމްބަރު ހަތަރަަށް މެޗުތައް ކުޅެން ރާވައި ޝެޑިއުލް ވެސް އާންމުކުރުމަށް ފަހު އޭއެފްސީން މިދިޔަ ބުރާސްފަތި ދުވަހަކު ބޭއްވި އެ ފެޑެރޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަކަށް ފަހު ނިންމީ މުބާރާތް ކެންސަލްކުރާށެވެ. އެއީ ބައެއް ގްރޫޕްތަކުގެ މެޗުތައް ހޯސްޓްކުރާނެ ގައުމެއް ނުލިބުމުންނެވެ.
އޭއެފްސީ ކަޕް ކެންސަލްކުރަން ނިންމިއިރު މި ސަރަހައްދުން މުބާރާތަށް ޕްރެކްޓިސް ފަށާފައިވާ ހަމައެކަނި ކްލަބަކީ މާޒިޔާ އެވެ. އެ ޓީމުން ޕްރެކްޓިސް ފެށީ ކުޅުންތެރިންނަށް ދޭން ޖެހޭ އެޑްވާންސް ފައިސާ ހަމަޖައްސައިދީ އާ ކޯޗަކަށް މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ގެނެސްގެންނެވެ. ވަރަށް ރަނގަޅު ތައްޔާރީތަކަކާ އެކު މާޒިޔާ އިން އުއްމީދާ އެކު މަސައްކަތްކުރަނިކޮށް ހުރިހާ ކަމެއް ބަދަލުވީ މުބާރާތް ކެންސަލްވުމުންނެވެ.
"ފުޓްބޯޅައިގެ ހަރަދަކީ މި ވަގުތަށް ބަލާއިރު މާޒިޔާ އިން ގެއްލުމުގައި ކުރާ ކަމެއް. މިކަމަށް އޮންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކްލަބުން މާ ބޮޑު ބަދަލެއް ލިބޭތީ ކުރާ ކަމެއް ނޫން. އެ ވިސްނުމުގައި އޭއެފްސީ ކަޕަށް ވަރަށް ހަރަދުކޮށްގެން ވަރަށް ވަރުގަދަ އަށް ތައްޔާރުވެގެން ޕްރެކްޓިސް ފަށާފައި އޮއްވާ މުބާރާތް ކެންސަލް މިވީ. މިއީ ފޫނުބެއްދޭނެ ގެއްލުމެއް،" މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލްވައްހާބް (ވައްކޭ) މިއަދު "މިހާރަ"ށް ވިދާޅުވި އެވެ.
"ހަގީގަތުގައި އޭއެފްސީ ކަޕް ކެންސަލްކުރުމުން މާޒިޔާ އަށް މާލީ ގޮތުން ބަލާއިރު 2 މިލިއަނަށް ވުރެ ބޮޑު ގެއްލުމެއް މިވީ،"
މާޒިޔާ އިން މި ފަހަރުގެ އޭއެފްސީ ކަޕަށް ތައްޔާރުވީ ގްރޫޕް ސްޓޭޖު ފަަހަނައަޅައި ދެވޭ ވަރުގެ ޓީމެއް އެކުލަވާލައިގެންނެވެ. ބިދޭސީ ކުޅުންތެރިން ޓީމަށް ގެނައުމުގައި ވެސް ބެލީ އެ ފެންވަރު ހުރި ކުޅުންތެރިން ގެންނާށެވެ. އޭއެފްސީ ކަޕަށް ހާއްސަކޮށް ވިސްނައިގެން އެ ކުޅުންތެރިންގެ ކޮންޓްރެކްޓް ހަދައި ހުރިހާ ކަމެއް ކޮށް މުބާރާތް ކެންސަލްކުރަން ޖެހުމުން މިހާރު އެ ކުޅުންތެރިންނާ ވާހަކަ ދައްކައިގެން ހައްލުތަކެއް ހޯދަން މަސައްކަތްކުރާ ކަމަށް ވައްހާބު ވިދާޅުވި އެވެ.
"މި އޮތީ މާލީ ގޮތުން ބަލާއިރު އަދަވަޅަކަަށް ވެއްޓިފައި. މިކަމުން އަރައިގަންނަން ކްލަބްގެ ޗެއާމަން އަހުމަދު ސާޖިދު ވެސް ވަރަށް ބޮޑު އެއްބާރުލުމެއް އެބަދެއްވާ. ދެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް އެހީތެރިވެދެއްވާ. ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް އަޅުގަނޑުމެންނާ ވަނީ ބައްދަލުކަރައްވާފައި،" ވައްހާބު ވިދާޅުވި އެވެ.
އޭއެފްސީ ކަޕްގެ ސެންޓްރަލައިޒްކޮށް ބާއްވަން ޕްލޭން ކުރިއިރު އޭއެފްސީން ކްލަބްތަކަށް ދޭނެ މާލީ އެހީތައް ވަނީ އެ ޓީމުތަކަށް އަންގައިފަ އެވެ. އެ ގޮތުން މީޑިއާގައި އާންމުވި ރިޕޯޓްތަަކަށް ބަލާއިރު ސެންޓްލައިޒްކޮށް އެއް ގައުމެއްގައި މުބާރާގުގެ މެޗުތައް ބާއްވަން ނިންމިއިރު މާލީ އެހީގެ ގޮތުގައި ކޮންމެ ޓީމަކަށް މަދުވެގެން 90،000 ޑޮލަރު (1.3 މިލިއަން ރުފިޔާ) ދޭން ހިމަނާފައިވެ އެވެ. އަދި އެހެނިހެން ގޮތްގޮތުން ދޭ އެހީ ހިމަނާނަމަ އެ އަދަދު އިތުރުވާނެ އެވެ.
މާޒިޔާ އެކޭ އެއްގޮތަށް އޭއެފްސީ ކަޕަށް ދެން ބޮޑު ހަރަދެއް ކޮށްގެން ތައްޔާރުވި ޓީމަކީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. އޭއެފްސީ ކަޕް ކެންސަލްކުރަން ނިންމިއިރު ބަޝުންދުރާ އިން ވަނީ އެ މުބާރާތަށް ތައްޔާރުވާން އެ ޓީމުން ގެނައި ބިދޭސީ ތިން ކުޅުންތެރިން ގެނެސްފަ އެވެ. ބަންގްލަދޭޝްގެ މީޑިއާ އަށް ބަޝުންދުރާ އިން ދިން އިންޓަވިއުއެއްގައި ވަނީ އޭއެފްސީ ކަޕް ކެންސަލްކުރުމުން އެ ކްލަބަށް ލިބުނު ގެއްލުމުގެ ބަދަލެއް ހޯދަން އޭއެފްސީ އަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.
މާޒިޔާގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވައްހާބު ވާހަކަ ދައްކަވަނީ.--ފޮޓޯ: މިހާރު ފައިލް ފޮޓޯ
ވައްހާބު ވިދާޅުވީ އެފްއޭއެމާ މަޝްވަރާ ކުރުމަށް ފަހު މާޒިޔާގެ ވިސްނުން ހުރީ ވެސް އޭއެފްސީ އަށް ހުށަހެޅުމަށް ކަމަށެވެ.
"ހަގީގަތުގައި ދުނިޔޭގައި ވެސް މާލީ ގޮތުން އެތައް ދަތިތަކެއް ހުރި ދުވަސްވަރެއްގައި މި ވަރުގެ މާލީ އަޑިގަނޑަކަށް ކްލަބް މިދިޔައީ. އޭއެފްސީ ކަޕް ކެންސަލް މިވީ ޝެޑިއުލް ނެރެފައި އޮއްވައި އަދި މާޒިޔާ އިން ޕްރެކްޓިސް ވެސް ފަށާފައިވަނިކޮށް. މި ހުރިހާ ކަމަކަށް ބަލާއިރު މާޒިޔާ އަށް ކުރިއަށް ދިއުމުގައި މި ހުރި ދަތިތަކުން އަރައިގަންނަން އޭއެފްސީ އަށް ވެސް ލިޔުމަށް ކްލަބުން ވިސްނަނީ،" ވައްހާބު ވިދާޅުވި އެވެ.
އޭއެފްސީ ކަޕަށް ޕްރެކްޓިސް ފެށި ނަމަވެސް މުބާރާތް ކެންސަލްވުމުން މާޒިޔާ އިން މިހާރު ވަނީ އެ ޓީމުގެ ޕްރެކްޓިސްތައް ހުއްޓާލައިފަ އެވެ. އަލުން ޕްރެކްޓިސް ފަށަން ނިންމާފައިވަނީ ލޯކަލް ސީޒަން ފަށާ ދުވަހެއް ފައިނަލްވުމުން އެކަށީގެންވާ ޕްރީ ސީޒަނެއް ފުރިހަމަ ކުރެވޭނެ މުއްދަތެއްގެ ތެރޭގަ އެވެ. ވައްހާބު ވިދާޅުވީ މާޒިޔާ އަށް އިތުރު ގެއްލުމެއް ލިބުމުން ދެން ސަލާމަތްވާން އޮތީ މި އަހަރު ތެރޭގައި ލޯކަލް ސީޒަން ފެށިގެން ކަމަށެވެ.
"ދެން އެންމެ މުހިއްމު ކަމަކީ މި އަހަރު ތެރޭގައި ލޯކަލް ސީޒަން ފެށުން. އެކަން އެ ގޮތަށް ވާނެ ކަމުގެ ފެހި ސިގްނަލެއް އެފްއޭއެމްގެ ފަރާތުން ލިބިފައިވަނީ. އެކަމަކު އެވެސް އެއްކޮށް ޔަގީނެއް ނޫން އެއީ ކޮވިޑް-19ގެ ކަންތައްތަކުގެ ހާލަތު ވެދާނެ ގޮތެއް ނޭނގޭތީ. ހަގީގަތުގައި ދެން މި އަހަރު ލޯކަލް ސީޒަން ނުފެށިއްޖެނަމަ މާޒިޔާ އަށް ކުރިމަތިވާނީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުން ފަދަ ހާލަތަކަށް،" ވައްހާބު ވިދާޅުވި އެވެ.
ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން ގަވާއިދުން ކުޅުންތެރިންނަށް މުސާރަ ދޭ ހަމައެކަނި ކްލަބަކީ މާޒިޔާ އެވެ. އެ ޓީމުގައި މި ވަގުތު ތިބި ކުޅުންތެރިންނަށް ބަލާއިރު ގައުމީ ޓީމަށް ނިސްބަތްވާ ގިނަ ކުޅުންތެރިން އެބަތިއްބެވެ. ފުޓްބޯޅަ ސީޒަން މި އަހަރު ފަށަން އެފްއޭއެމުން މަސައްކަތްތަކެއް ކުރަމުން އަންނައިރު، ވައްހާބު ވިދާޅުވީ ކުޅުންތެރިންގެ ހައްގަށްޓަކައި ކޮންމެހެނެއް ވެސް ފުރުސަތު ލިބުނުހާ އަވަހަކަށް ސީޒަން ފަށަން ޖެހޭ ކަމަށެވެ.
"ވަރަށް ގިނަ ކުޅުންތެރިން އެބަތިބި ފުޓްބޯޅައިން ދިރިއުޅުމަށް އާމްދަނީ ހޯދާ. އެ ކުޅުންތެރިންނަށް ކައިގެން ބޮއެގެން އުޅެވޭނެ މަގެއް އޮތީ ސީޒަން ފަށައިގެން މުސާރަ ވެސް ހިނގަން ފެށީމަ. އެކަން ވާން އޮތީ ފުރުސަތު ލިބުމުން ސީޒަން ފަށައިގެން،" ވައްހާބް ވިދާޅުވި އެވެ.
ދުނިޔޭގެ އެކި ހިސާބުތަކަށް ބަލާއިރު އެކި ގައިޑްލައިންތަކާއި ޕްލޭންތައް ހަދައިގެން ފުޓްބޯޅަ ސީޒަންތައް އަންނަނީ ފަށަމުންނެވެ. ވައްހާބު ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ވެސް ގައިޑްލައިންތަކެއްގެ ތެރެއިން ސިއްހީ މާހިރުންގެ ލަފަޔާ އެކީ ވީ އެންމެ އަވަހަށް ފެށުމަކީ މާޒިޔާ އިން އެދޭ ގޮތް ކަމަށެވެ. އެންމެ ފަހުން އެފްއޭއެމުން ދިން މައުލޫމާތުތަކަށް ބަލާއިރު ފުޓްބޯޅަ ސީޒަން ފަށަން މަސައްކަތްކުރަނީ އަންނަ ޑިސެމްބަރު މަހު އަށް ވަނަ ދުވަހު އެވެ.
އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމައިފި
މާލީ ގެއްލުމުގެ ބަދަލު އޭއެފްސީން ނުދިން!
އޭއެފްސީ ކަޕް ކެންސަލްކޮށްފާނެ ކަމަށް ބެލެވޭ: ބައްސާމް
އޭއެފްސީ ކަޕްގެ މެޗުތައް އެއް ދަނޑެއްގައި؟
ފަހު ވަގުތު ޗެންނާއީން މާޒިޔާއާ އެއްވަރުކޮށްފި
"މާޒިޔާ އަށް ރާއްޖޭގެ ސަޕޯޓަރުންގެ އެހީ މުހިއްމު"
ފަހު މެޗުގައި މާޒިޔާ އިން މޯހަން ބަގާން ބަލިކޮށްފި
މޯހަން ބަގާނުން އޭއެފްސީ ކަޕަށް އިހުތިރާމުނުކުރޭ: މިލޯ
މާޒިޔާ އަށް އެކަނި ފައިސާ އޮއްސިޔަސް މިކަމެއް ނުވާނެ
ބަޝުންދަރާ އަތުން ބަލިވެ މާޒިޔާއަށް ޓާގެޓް ހާސިލެއްނުވި