Roadha Mihaaru
ސަޕޯޓަރުން ނެތި ކުޅޭނަމަ ޕްރިމިއާ ލީގަށް ގެއްލުން ބޮޑު

ސަޕޯޓަރުން ނެތި ކުޅޭނަމަ ޕްރިމިއާ ލީގަށް ގެއްލުން ބޮޑު

10 ސެޕްޓެމްބަރ 2020

ލަންޑަން (ސެޕްޓެމްބަރު 10) - އަންނަ ހޮނިހިރު ދުވަހު ފަށާ އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ މެޗުތަކަށް ސަޕޯޓަރުން ނުވައްދައި ކުޅޭނަމަ މާލީ ގޮތުން ބޮޑު ކްލަބްތަކަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށް ލީގުގެ ޗީފް އެގްޒެކްޓިވް ރިޗާޑް މާސްޓާސް ވިދާޅުވެއްޖެ އެވެ.

ލަންޑަން (ސެޕްޓެމްބަރު 10) - އަންނަ ހޮނިހިރު ދުވަހު ފަށާ އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ މެޗުތަކަށް ސަޕޯޓަރުން ނުވައްދައި ކުޅޭނަމަ މާލީ ގޮތުން ބޮޑު ކްލަބްތަކަށް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށް ލީގުގެ ޗީފް އެގްޒެކްޓިވް ރިޗާޑް މާސްޓާސް ވިދާޅުވެއްޖެ އެވެ.

ޕްރިމިއާ ލީގުން ކުރި ދިރާސާ އަކުން ދައްކާގޮތުގައި ސަޕޯޓަރުން ނުވައްދައި މުޅި ސީޒަން ފުރިހަމަކުރަންޖެހިއްޖެނަމަ ކްލަބްތަކަށް ލިބޭ އާމްދަނީން 700 މިލިއަން ޕައުންޑް (909 މިލިއަން ޑޮލަރު) މަދުވާނެ އެވެ.

އިނގިރޭސި ސަރުކާރުން މި ވަގުތު ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު އެންމެ އަވަހަށް ވެސް މެޗުތަކަށް ސަޕޯޓަރުންނަށް ވަދެވެން އޮތީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ. އެއީ ވެސް ކޮންމެ ދަނޑަކަށް ވަދެވޭ ސަޕޯޓަރުންގެ ނިސްބަތުން ބަލާއިރު މަދު އަދަދަކަށެވެ.

މާސްޓާސް ވިދާޅުވީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ މެޗުތައް ޖޫން މަހު ފަށައިގެން ކުޅުނުއިރު އޭރު ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހުމުން ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ލީގަށް ވި ކަމަށެވެ. އަދި ކުރިއަށް އޮތް ސީޒަނުގައި ވެސް ސަޕޯޓަރުންނުލައި ކުޅެން ޖެހިއްޖެނަމަ އެތައް ގުނައެއް ކްލަބްތަކުގެ އާމްދަނީ ދަށަށް ދާނެ ކަމަށް ވިދާޅުވި އެވެ.

"މި ވަގުތު އޮތް ޗެލެންޖަކީ ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ޓީވީން ދެއްކޭނެ އުސޫލެއް ގާއިމްކުރުން. ދެން މިހާރު މި އޮތް ހާލަތުން އަރައިގަނެވޭ ވަރަކަށް އެކި އުސޫލުން ކުރިއަށްދިއުން. މުޅި ސީޒަން އެއްކޮށް ސަޕޯޓަރުން ނުލައި ކުޅެން ޖެހިއްޖެނަމަ ވަރަށް ބޮޑު ގެއްލުމެއްވާނެ،" މާސްޓާސް ވިދާޅުވި އެވެ.

"މިސާލަކަށް ބަލަމާ ޕްރިމިއާ ލީގުގެ ކޮންމެ މެޗަކުން އެބަ ހޯދޭ މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު 20 މިލިއަން ޕައުންޑް. ސަޕޯޓަރުން ނުވައްދައި ކުޅޭނަމަ އޭގެ ތެރެއިން ހައެއް ނޫނީ ހަތެއް މިލިއަން ޕައުންޑްގެ ގެއްލުމެއް އެބަވޭ. ސަޕޯޓަރުން ނެތި ކުޅޭއިރު ދަނޑުގެ އިސްތިހާރުތަކުގެ ވެލިއު ވެސް ދަށްވޭ. އެހެންވެ އެބަޖެހޭ ހައްލުތަކެއް ހޯދަން،"

ޕްރިމިއާ ލީގުގެ މިދިޔަ ސީޒަން މާޗް މަހު މެދުކަނޑާލުމަށް އަލުން ފެށީ 100 ދުވަހަށް ފަހު އެވެ. ކޮވިޑް-19ގެ ދެ ވަނަ ރާޅެއްގެ ބިރު އޮތް ނަމަވެސް އަންނަ ސީޒަން ފުރިހަމަކުރެވޭނެ ގޮތްތަކެއް މިހާރު ވެސް ކަނޑަައަޅާފައިވާ ކަމަށް މާސްޓާސް ވިދާޅުވި އެވެ.

ޕްރިމިއާ ލީގުގެ މެޗުތައް ޗައިނާގައި ސްޓްރީމް ކުރަން ޕީޕީޓީވީއާ އެކު ހެދި އެއްބަސްވުން ކުއްލި ގޮތަކަށް އުވާލަން ނިންމުމާ އެކު އޭގެ ގެއްލުން މާލީ ގޮތުން ލީގުގެ ކްލަބްތަކަށްވާނެ ކަމަށް އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރަކު ބުނެ އެވެ. މާސްޓާސް ވިދާޅުވީ ހަގީގަތުގައި ޗައިނާ ޑީލް ހުއްޓުމަކީ ވެސް ލިބުނު ދެރައެއް ކަމަށެވެ.

ޕީޕީޓީވީއާ އެކު ޕްރިމިއާ ލީގުން ސޮއިކޮށްފައި އޮތީ ތިން އަހަރުގެ އެއްބަސްވުމެއްގައި 700 މިލިއަން ޑޮލަރަށެވެ. އެ ޑީލު އެއްބަސްވިތާ ފުރަތަމަ ސީޒަނުގައި ކޮވިޑް-19ގެ ސަބަބުން ތިން މަސް ދުވަހަށް ޕްރިމިއާ ލީގުގެ މެޗެއް ނުކުޅެ ހުންނަން ޖެހުމުން އެ މުއްދަތަށް ކެނޑުމަށް ފަހު ފައިސާ ދޭން ޕީޕީޓީވީ އިން ބޭނުންވި އެވެ. އެކަމަކު ޕްރިމިއާ ލީގުން އެގޮތަށް އެއްބަހެއްނުވި އެވެ. އަދި މާޗް މަހުގެ ކުރިން ޕީޕީޓީވީ އިން ދޭން ޖެހޭ 160 މިލިއަން ޕައުންޑް (212 މިލިއަން ޑޮލަރު) ދޭން ދެކޮޅު ހަދާތީ އެންމެ ފަހުން އެއްބަސްވުން އުވާލީ އެވެ.

މާސްޓާސް ވިދާޅުވީ ވަރަށް އަވަހަށް ޗައިނާގެ ޑީލް އަލުން އެއްބަސްވުމަށް މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށާއި ޗައިނާ އަކީ ޕްރިމިއާ ލީގަށް ބޮޑު އާމްދަނީ އެއް ލިބޭ މާކެޓަކަށްވުމާ އެކު އެ ކްލަބްތަކަށް އެ އާމްދަނީތައް ހުއްޓެން ބޭނުންނުވާ ކަމަށެވެ.