Roadha Mihaaru

ކުޅުދުއްފުށީގައި ރޭ މަރުވި މީހާއަކީ ކޮވިޑުގެ މަރެއް ކަމަށް ނިންމައިފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެނިކޮށް ރޭ މަރުވި މީހާއަކީ ކޮވިޑުގެ މަރެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނިންމައިފި އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ކޮވިޑުގައި މަރުވި ފުރަތަމަ މީހާ އެވެ.

ކުޅުދުއްފުށީގައި ރޭ މަރުވި މީހާއަކީ ކޮވިޑުގެ މަރެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

09 ސެޕްޓެމްބަރ 2020

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެނިކޮށް ރޭ މަރުވި މީހާއަކީ ކޮވިޑުގެ މަރެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނިންމައިފި އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ކޮވިޑުގައި މަރުވި ފުރަތަމަ މީހާ އެވެ.

އެ ރަށުގައި ކަރަންޓީނުގައި ހުރެގެން ކެންސަރަށް ފަރުވާ ހޯދަނިކޮށް ރޭ 8:15 ހާއިރު 58 އަހަރުގެ ފިރިހެނަކު މަރުވެފައި ވެ އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ވެސް މަރުވި ފަހުން ނެގި ސާމްޕަލް ޓެސްޓުކުރުމުންނެވެ. އެއީ ކޮވިޑުގައި ރާއްޖެއިން މަރުވި 31 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އަދި މި މަހުގެ ތެރޭގައި އެ ބަލީގައި މަރުވި ތިން ވަނަ މީހާ އެވެ.

ހއ. ކެލައަށް އުފަން އެ ފިރިހެން މީހާ، އިންޑިއާއިން ފަރުވާ ހޯދުމަށް އެނބުރި ރާއްޖެ އައިސް ރަށަށް ދިޔައީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހެވެ. ރަށުގެ ހޯމް ކަރަންޓީނުގައި ހުއްޓާ ހާލު ސީރިއަސްވެގެން އެ މީހާ ކުޅުދުއްފުއްޓަށް ގެންދިޔައީ އިއްޔެ ހެނދުނެވެ.

ކޮވިޑު ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެނިކޮށް ވެސް މިއަދު ހަވީރު 60 އަހަރުގެ ފިރިހެނަކު މަރުވެފައި ވެ އެވެ. އެއީ ކޮވިޑުގައި ރާއްޖެއިން މަރުވި 30 ވަނަ މީހާ އެވެ.

ކޮވިޑް ބަލީގައި ރާއްޖޭގައި ވެސް މަރުވަމުން ދަނީ އުމުރުން ދުވަސްވީ މީހުން ކަމަށް ވާއިރު، ހައި ރިސްކު މީހުންނަށް އެ ބަލި ޖެހޭތީ އެކަމުގެ ކަންބޮޑުވުން އެޗްޕީއޭ އިން މީގެ ކުރިން ވަނީ ފާޅުކޮށްފަ އެވެ. ރާއްޖެއިން ކޮވިޑުގައި މިހާތަނަށް މަރުވެފައިވާ ގިނަ މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.