Roadha Mihaaru

ކުޅުދުއްފުށީ ހޮސްޕިޓަލުގެ މުވައްޒަފަކު ފުޓްބޯޅަ ކުޅެނިކޮށް ވެއްޓި ފަރުވާދެމުން އަންނަނިކޮށް ނިޔާވެއްޖެ

ފުޓްބޯޅަ ކުޅެނިކޮށް މިއަދު ހަވީރު ކުއްލިއަކަށް ދަނޑަށް ވެއްޓުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް ގެންގޮސް ފަރުވާދޭން ފެށި އެ ހޮސްޕިޓަލުގެ ސީނިއާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް މުހައްމަދު ހަސަން (ސެންޓަރު މުހައްމަދު) ނިޔާވެއްޖެ އެވެ.

ކުޅެނިކޮށް ވެއްޓި ކޭއާރުއެޗްގެ މުވައްޒަފަކު ނިޔާވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

22 މެއި 2022

ފުޓްބޯޅަ ކުޅެނިކޮށް މިއަދު ހަވީރު ކުއްލިއަކަށް ދަނޑަށް ވެއްޓުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އަށް ގެންގޮސް ފަރުވާދޭން ފެށި އެ ހޮސްޕިޓަލުގެ ސީނިއާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް މުހައްމަދު ހަސަން (ސެންޓަރު މުހައްމަދު) ނިޔާވެއްޖެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ، އެތަނުގައި ވަޒީފާ އަދާކުރައްވާތާ ވަރަށް ގިނަ ދުވަސްވެފައިވާ މުހައްމަދު ހަސަން 49، ނިޔާވީ މިރޭގެ ވަގުތެއްގައި ކަމަށެވެ. އޭނާއަށް ފަރުވާދޭން ފެށީ ކުޅުދުއްފުށީ ހިރަފުސް ދަނޑުގައި ކުޅެން ހުއްޓައި ވެއްޓުމުންނެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މުހައްމަދު ހަސަން ނިޔާވި ސީދާ ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު ދާއިމީ އެއްވެސް ބައްޔަކަށް އޭނާ ބޭސްކުރަމުން އައި ކަމެއް މިރެއާ ހަމައަށް އެނގިވަޑައިގެންފައި ނެތް ކަމަށް ވިދާޅުވި އެވެ.

"ކުޅެން ހުއްޓައި ކޮލޭޕްސްވެގެން، ސީޕީއާރު ދީފައި ހޮސްޕިޓަލަށް ގެނެސް ފަރުވާދެމުން އަންނަނިކޮށް ނިޔާވީ،" އޭނާ ވިދާޅުވި އެވެ.

"މިއަދު ވެސް ހަމަ ވަރަށް އެކްޓިވްކޮށް އުޅުއްވީ."

ހޮސްޕިޓަލުގެ ހިދުމަތުގައި މުހައްމަދު ހަސަން އުޅުއްވާތާ 25 އަހަރު ވެއްޖެ އެވެ. އޭނާ ވަނީ އެ ހޮސްޕިޓަލުގެ ވެރިއެއްގެ މަގާމާއި ޒިންމާދާރުވެރިޔާގެ މަގާމު ވެސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވައިފަ އެވެ.

އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވި މުހައްމަދު ހަސަން ނިޔާވުމަކީ ސިއްހީ ދާއިރާ އަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް ހޮސްޕިޓަލުން ނެރުނު ތައުޒިޔާގެ މެސެޖުގައިވެ އެވެ.

އެ ހޮސްޕިޓަލަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކޮށްދެއްވި އޭނާގެ ބައްފަ، ހަސަން އަހުމަދު (ސެންޓަރު ހަސަންބެ) ނިޔާވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މުހައްމަދު ހަސަން ނިޔާވިއިރު އޭނާގެ އަންބަކާއި ދެ ފިރިހެން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.