Roadha Mihaaru
ޖިންސީ ގޯނާ އާއި ރޭޕް ބޮޑުކުށަކަށް ހަދަން ފާސްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ބޮޑުކުށަކަށް ހަދަން ފާސްކޮށްފި

06 ސެޕްޓެމްބަރ 2020

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ލިސްޓަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށްް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ލިސްޓަށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި ރޭޕްކުރުމުގެ ކުށްް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ހުށަހެޅުއްވި އިސްލާހުގައި އޮތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށަކީ އެ ގާނޫނުގެ 22 ވަަނަ މާއްދާގައި ބުނާ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނުމަށެވެ. އެބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާފައިވާ އެހެން އިސްލާހުތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް އެކުލަވައިލި ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރި އެވެ. މިއަދުގެ ޖަލްސާގައި އެ ރިޕޯޓް ފާސްކުރީ 59 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ބޮޑުކުށަކަށް ހަދަން ސަރުކާރުން ހުށަހެޅި ބިލް ކޮމިޓީން ދިރާސާކުރުމަށް ފަހު އެ އިސްލާހަށް އިތުރުކުރީ ރޭޕްގެ ކުށެވެ. އެހެންވެ މިއަދު އެ ރިޕޯޓް ފާސްކުރުުމުން ބޮޑެތި ކުށްތަކުގެ ތެރޭފައި ރޭޕްގެ ކުށް ވެސް މިހާރު ވަނީ ހިމެނިފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެ ބަދަލު އަންނާނީ ކޮމިޓީން ހުށަހެޅި އިސްލާހުތަކާ އެކު މިއަދު ފާސްކުރި ބިލް ރައީސް އިބްްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުންނެވެ.

ޖިނާއީ އިޖުރާއަތުގެ 22 ވަނަ މާއްދާގައި ބޮޑެތި ކުށުގެ ގޮތުގައި ކުރިއްސުރެ އޮތް ކުށްތަކުގެ ތެރޭގައި މީހުން މެރުމާއި ޓެރަރިޒަމާއި މަނީލޯންޑްރިން އަދި ޓެރަރިޒަމަށް ފައިސާ ހަރަދުކުރުމުގެ ކުށް ހިމެނެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެކަން ހުއްޓުވަން ކުރާ މަސައްކަތެއްގެ ގޮތުގައި ބޮޑެތި ކުށްތަކުގެ ތެރޭގައި އެ ކުށް ހިމެނުމަކީ ސަރުކާރުގެ ވައުދެކެވެ.