Roadha Mihaaru
ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ދަފުތަރު މަޖިލީހަށް

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ ދަފުތަރު މަޖިލީހަށް ހުށަހަޅައިފި

29 ޖެނުއަރީ 2020

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަތުމަށް ދަފުތަރެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް ދެނެގަތުމަށް ދަފުތަރެއް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ތުއްތު ކުއްޖަކު ރޭޕް ކުރުމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ ހައްޔަރު ކުރުމާ ގުޅިގެން، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުން ވަނީ ގަދަވެފަ އެވެ.

ތުއްތު ކުއްޖާގެ ރޭޕްގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓާއި ކަނޑުހުޅުދޫ ކައުންސިލާއި ކްރިމިނަލް ކޯޓު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ވަނީ މި މަހުގެ 18 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ. އަދި އެ ކޮމިޓީން ނިންމި ކަންތައްތައް ތަންފީޒު ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓަރަށް ވަނީ އަންގަވައިފަ އެވެ.

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންނާއި އާއިލާތައް ދަފުތަރުކޮށް، މަޖިލީހަށް ހުށަހެޅުމަކީ އޭގެތެރެއިން އެއްކަމެވެ. އަދި ކަމާ ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއެކު، ގަވައިދުން މޮނީޓާކުރާނެ ނިޒާމެއް އެކުލަވާލަން ވެސް ވަނީ އަންގާފަ އެވެ. ކޮމެޓީން އަންގާފައިވަނީ ހަތް ދުވަސް ތެރޭގައި އެކަމަށް އަމަލު ކުރުމަށެވެ.

ޖެންޑާ މިނިސްޓްރީން މިރޭ ކުރި ޓްވީޓެއްގައި ބުނީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، އެކަންކަން ފުރިހަމަކޮށް މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.

މީގެ ކުރިން އެ މިނިސްޓްރީން ވަނީ، ނުރައްކަލަށް ހުށަހެޅޭނެ އާއިލާތަކާއި ކުޑަކުދިން ދެނެގަންނާނެ މިންގަނޑެއް ދެ ދުވަހުގެ ތެރޭގައި އެކުލަވާލައި މަޖިލީހަށް ހުށަހަޅާފަ އެވެ.

ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޖެންޑާ މިނިސްޓްރީން މިހާރު ކުރަންޖެހޭ ކަންތައްތައް

- ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރަށު ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލްތަކުން ކަމާ ބެހޭ އިދާރާތަކަށް ހުށަނާޅާ ހުރި މައުލޫމާތު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދަފްތަރުގައި ހިމެނުން - ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލުމަށް ފަހު ބަންދުން ދޫކޮށްލާފައިވާ މީހުން ދެނެގަނެ، އެ މީހުން ދޫކޮށްލި ސަބަބުތައް އަލުން ދެނެގަތުމަށާއި އެ މީހުން މޮނިޓަ ކުރެވޭނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި ގާއިމުކުރުން

- އެ ފަދަ މައްސަލަތައް ކޯޓުން އަވަހަށް ނިންމުމާ ގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި މަޖިލިހަށް ފޮނުވުން

- ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގެ ޒިންމާ އޮތް މުއައްސަސާތަކުގެ އޮޑިޓެއް ހެދުމަށް ފަހު މަޖިލީހާ ހިއްސާ ކުރުން

- ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފެށުން

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އަދަދު، ކޮންމެ އަހަރަކު ވެސް އެތައް ސަތޭކައަށް އަރަ އެވެ. އަދި ތުއްތު ކުއްޖާގެ މައްސަލަ ފެންމަތިވުމާ ގުޅިގެން، އެ ފަދަ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު އެތައް ގުނައަކަށް ވަނީ އިތުރުވެފަ އެވެ.