Roadha Mihaaru
ކަރަންޓީނަށް ގޮސް، ޕީއެސްއެމްގެ ނިއުސްރޫމް ފަޅަށް!

ކަރަންޓީނަށް ގޮސް، ޕީއެސްއެމްގެ ނިއުސްރޫމް ފަޅަށް!

06 ސެޕްޓެމްބަރ 2020

ޕީއެސްއެމްގެ ދެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، ޑައިރެކްޓް ކޮންޓެކްޓްވެގެން ގިނަ މުވައްޒަފުންތަކެއް ކަރަންޓީނު ކޮށްފައިވާތީ އެތާނގެ ނިއުސް ރޫމް ގާތްގަނޑަކަށް ހެން ހުއްޓުމަކަށް ހިނގައްޖެ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ޕީއެސްއެމްގެ ދެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، ޑައިރެކްޓް ކޮންޓެކްޓްވެގެން ގިނަ މުވައްޒަފުންތަކެއް ކަރަންޓީނު ކޮށްފައިވާތީ އެތާނގެ ނިއުސް ރޫމް ގާތްގަނޑަކަށް ހެން ހުއްޓުމަކަށް ހިނގައްޖެ އެވެ.

ދައުލަތުގެ ޓީވީ، ޕީއެސްއެމްގައި މަސައްކަތްކުރާ 13 މުވައްޒަފަކު މިހާރު ތިބީ ކަރަންޓީނުކޮށްފަ އެވެ. އޭގެތެރޭގައި ހަތް ނޫސްވެރިއަކާއި ޓެކްނިކަލް ސްޓާފުން ހިމެނެ އެވެ. މީގެ އިތުރުން ނިއުސް ރޫމްގެ އެހެން ހަތަރު މުވައްޒަފަކު ޗުއްޓީގައި ތިބުމާއި، ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ދެ މުވައްޒަފަކު ގޭގައި މަސައްކަތް ކުރަން ޖެހިފައިވާތީ، އެތާނގެ މުވައްޒަފަކު ސިފަކުރި ގޮތުގައި "ނިއުސްރޫމް އޮތީ ފަޅަ"ށެވެ. އެހެންވެ، ކުރިން ލައިވްކޮށް ގެންނަ ބައެއް ޕްރޮގްރާމްތައް ވެސް މިހާރު ގެންނަނީ ކުރިން ރެކޯޑްކޮށްގެންނެވެ.

"އަށެއްގެ ހަބަރު ފިޔަވައި ކުރިން ލައިވްކޮށް ގެންނަމުން ދިޔަ ވަރަށް ގިނަ ޕްރޮގްރާމްތައް މިހާރު ޖެހެނީ ރެކޯޑް ކުރަން. ކަރަންޓީނަށް ދިޔަ މީހުންގެ ތެރޭގައި ކެމެރާ ކުރިމައްޗަށް އަރަން ޖެހޭ މީހުން ވެސް ހިމެނޭ،" ޕީއެސްއެމްގެ ނޫސްވެރިޔަކު ބުންޏެވެ.

"އިވެންޓްތަކަށް ވެސް މި ދަނީ ވަރަށް މަދުން ވަރަށް މުހިންމު އިވެންޓްތަކަށް."

ކޮވިޑް ތެރޭގައި މަސައްކަތް ކުރި ޕީއެސްއެމްގެ ނިއުސް ޓީމުގެ ބައެއް މުވައްޒަފުން

ކޮވިޑް ތެރޭގައި މަސައްކަތް ކުރި ޕީއެސްއެމްގެ ނިއުސް ޓީމުގެ ބައެއް މުވައްޒަފުން

ޕީއެސްއެމްގެ ސީއީއޯ އަލީ ހާލިދު މިއަދު ވިދާޅުވީ ޕީއެސްއެމްގެ ނިއުސްރޫމް މިހާރު ހޭދަކުރަމުން އެ ދަނީ ވަރަށް ދަތި ދުވަސްތަކެއް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ގިނަ މުވައްޒަފުންތަކެއް ކަރަންޓީނަށް ދިޔަ ނަމަވެސް، ނޫސްވެރިން ގޭގައި ތިބެގެން ބަރާބަރަށް މަސައްކަތް ކުރެ އެވެ.

"މީގައި މައްސަލައަކީ ޓެކްނިކަލް ބައެއް މުވައްޒަފުން ވެސް ކަރަންޓީނަށް ދާން ޖެހުން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން އައި ލޮކްޑައުންގެ ތެރޭގައި ޕީއެސްއެމްގައި ދެ ޝިފްޓަށް މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސި އެވެ. އަލީ ވިދާޅުވި ގޮތުގައި، އެގޮތަށް ހަމަޖެއްސީ އެއްބަޔަކު އަނެއް ބަޔަކާ ދިމާ ނުވާނެ ގޮތަކަށް ވިސްނައިގެންނެވެ.

"އޭގެ ތެރެއިން އެއް ޝިފްޓްގެ ބޮޑުބައެއް މިދިޔައީ ކަރަންޓީނަށް،" އޭނާ ވިދާޅުވި އެވެ.

ޕީއެސްއެމްގައި އެންމެ ފުރަތަމަ ޕޮޒިޓިވްވީ އޮންއެއާގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އޭނާގެ ކޮންޓެކްޓް ޓްރޭސިންް ހެދިއިރު ގިނަ މުވައްޒަފުންތަކެއް ކަރަންޓީނަށް ގޮސްފައި އޮއްވައި މީގެ ތިން ހަތަރު ދުވަހެއް ވަރު ކުރިން ނިއުސް ރޫމްގެ މުވައްޒަފަކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ. އެ ކޭހާ އެކު އިތުރު ބަޔަކު އަނެއްކާ ވެސް ކަރަންޓީނަށް ވަނީ ގޮސްފަ އެވެ.

ކޮވިޑް 19 އާ ގުޅިގެން އައި ލޮކްޑައުންގެ ތެރޭގައި ޕީއެސްއެމްގައި ގާއިމްކުރި ސެޓަޕާ އެކު، އެ މީޑިއާގެ ވަރަށް ގިނަ މުވައްޒަފުން އިމާރާތުގެ ތެރޭގައި އެތައް ދުވަހެއް ވަންދެން ލޮކްޑައުން ވެގެން ތިބެގެން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. މުޅި މާލެ ހުއްޓުމަކަށް އައިއިރު، ޕީއެސްއެމުން ގެންދިޔައީ އެހެން ހުރިހާ މީޑިއާތަކަށް ވެސް ނޫސް ކޮންފަރެންސްގެ ލައިވް ފީޑްތައް ދެމުންނެވެ. އަލީ ހާލިދު ވިދާޅުވި ގޮތުގައި އެއީ ޕީއެސްއެމްގެ މުވައްޒަފުންގެ ވަރަށް އަގުހުރި ގައުމީ ހިދުމަތެކެވެ.