Roadha Mihaaru
"ޑަންގަލް" ގެއްލުމަކީ ބޮޑު ދެރައެއް: މުރްނާލް

އާމިރު ޚާންގެ "ޑަންގަލް" ގެ އޮޑިޝަން ގެއްލުމަކީ ވަރަށް ބޮޑު ދެރައެއް: މުރްނާލް ތާކޫރް

01 ސެޕްޓެމްބަރ 2020

މީގެ ހަތަރު އަހަރު ކުރިން ރިލީޒްކުރި އާމިރު ޚާންގެ ކާމިޔާބު ފިލްމު "ޑަންގަލް" އަށް އޮޑިޝަން ހަދަން ފުރުސަތު ލިބުނު ކަމަށާއި އެކަމަކު އޭރު ކުޅެމުން ދިޔަ ޓީވީ ސިލްސިލާއެއްގެ ޝޫޓިންއާ ހެދި އެ ފުރުސަތު ގެއްލުމަކީ ވަރަށް ބޮޑު ދެރައެެއް ކަމަށް މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅޭ ޒުވާން ބަތަލާ މުރްނާލް ތާކޫރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ހަތަރު އަހަރު ކުރިން ރިލީޒްކުރި އާމިރު ޚާންގެ ކާމިޔާބު ފިލްމު "ޑަންގަލް" އަށް އޮޑިޝަން ހަދަން ފުރުސަތު ލިބުނު ކަމަށާއި އެކަމަކު އޭރު ކުޅެމުން ދިޔަ ޓީވީ ސިލްސިލާއެއްގެ ޝޫޓިންއާ ހެދި އެ ފުރުސަތު ގެއްލުމަކީ ވަރަށް ބޮޑު ދެރައެެއް ކަމަށް މިހާރު ބޮލީވުޑްގެ ފިލްމުތައް ކުޅޭ ޒުވާން ބަތަލާ މުރްނާލް ތާކޫރް ބުނެފި އެވެ.

ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި، 28 އަހަރުގެ ބަތަލާ ބުނީ "ޑަންގަލް" އަށް ބަތަލާއިންތަކެއް ހޯދަން މުޅި އިންޑިއާ އަށް އޮޑިޝަން ހުޅުވައިލުމުން އޭގެ ތެރެއިން ހޮވުނު 20 މީހުންގެ ތެރޭގައި ހިމެނުނު ކަމަށެވެ. އެ ފިލްމުގެ ކާސްޓިން ޑައިރެކްޓަރަކީ ޖުލައި މަހު ރިލީޒްކުރި "ދިލް ބޭޗާރާ" އިން ޑައިރެކްޝަނަށް ނުކުތް މުކޭޝް ޗަބްރާ އެވެ.

"ޑަންގަލްގެ ލުކަށް ވެސް ސްކްރީން ޓެސްޓްކޮށްފައި ވަނިކޮށް އޭގެ ވޯކްޝޮޕެއްގައި ބައިވެރިވެ ނުވެވި އޮޑިޝަލް ގެއްލުމަކީ ވަރަށް ބޮޑު ދެރައެއް. އެކަން އަބަދު ވެސް ހިތުގައި އޮންނާނެ،" ޒީޓީވީގެ ސިލްސިލާ "ކުމްކުމް ބަގިއާ" ގެ ރޯލެއް ކުޅުނު ބަތަލާ ބުންޏެވެ.

މުރުނާލް ބުނި ގޮތުގައި އޭނާ އަށް "ޑަންގަލް" ގެއްލުނު މައިގަނޑު ސަބަބަކީ ސިލްސިލާގެ ޝޫޓިން އޮތް ދުވަހަކާއި އޮޑިޝަން އޮތް ދުވަހާ ދިމާވެ، އޮޑިޝަނަށް ދާން ފުރުސަތު ނުލިބުމެވެ. އަދި އެކަމުގައި ސިލްސިލާގެ ޓީމުގެ ފަރާތުން ވެސް މާ ބޮޑު އެއްބާރުލުމެއް ނުލިބުނު ކަމަށް ބުންޏެވެ.

"ޑަންގަލް" ގެ އޮޑިޝަނަށް މުރުނާލް އަށް ފުރުސަތު ލިބުނީ ފިލްމުގައި އާމިރުގެ ދެ އަންހެން ދަރިންގެ ތެރެއިން އެކެއްގެ ރޯލަށެވެ. އެ ރޯލްތައް ނިތޭޝް ތިވާރީ ޑައިރެކްޓްކުރި ފިލްމުގައި ކުޅުނީ އަލަށް ތައާރަފުކުރި ފާތިމާ ސަނާ ޝެއިހާއި ސާނިޔާ މަލްއުތުރާ އެވެ.

އިންޑިއާގެ ސިނަމާގައި އާ ރެކޯޑްތަކެއް ވެސް ހެދި "ޑަންގަލް" އަކީ އިންޑިއާގެ ކުރީގެ ރެސްލިން ތެޅުންތެރިޔާ މަހާވީރު ސިންގް ޕޯގަޓާއި އޭނާގެ ދަރިން ކަމަށްވާ ގީތާ ޕޯގަޓާއި ބަބީތާ ކުމާރީގެ ވާހަކަ ކިޔައިދިން ފިލްމެކެވެ.

"ޑަންގަލް" ކުޅެން ލިބެން އޮތް ފުރުސަތު ގެއްލުނު ނަމަވެސް މުރުނާލް ފަހުން ވަނީ "ކުމްކުމް ބަގިއާ" ދޫކޮށްލައި 2018 ގައި ގެނެސްދިން ހިންދީ/އިނގިރޭސި ފިލްމު "ލަވް ސޯނިއާ" އިން ރަސްމީކޮށް ބޮޑު ސްކްރީނަށް ނުކުމެފަ އެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައިި މިދިޔަ އަހަރު ރިލީޒްކުރި ރިތިކް ރޯޝަންގެ "ސުޕަ 30" އާއި ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" އަދި ނެޓްފްލިކްސްގެ އެންތޮލޮޖީ ފިލްމު "ގޯސްޓް ސްޓޯރީޒް" ގައި ކަރަން ޖޯހަރް ޑައިރެކްޓްކުރި ސެގްމަންޓް ހިމެނެ އެވެ.

އުންމީދީ ބަތަލާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ފަރުޚާން އަޚްތަރާ އެކު ފެނިގެންދާނެ "ތޫފާން" އާއި ޝާހިދު ކަޕޫރާ އެކު ކުޅޭ "ޖާޒީ" ގެ އިތުރުން އަބިޔަމަންޔޫ ދައްސާނީއާ އެކު ފެނިގެންދާ "އާނކް މިޗޯލީ" ހިމެނެ އެވެ.