Roadha Mihaaru
ޑީއާރުޕީއަކީ މި ކޯލިޝަންގެ ބައިވެރިއެއް ނޫން: އިދިކޮޅު

ޑީއާރުޕީއަކީ މި ކޯލިޝަންގެ ބައިވެރިއެއް ނޫން: އިދިކޮޅު

26 އޯގަސްޓް 2020

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރުޕީއާ އެކު ކޯލިޝަން އެއްބަސްވުމެއް ނުހަދާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރުޕީއާ އެކު ކޯލިޝަން އެއްބަސްވުމެއް ނުހަދާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވާ އިދިކޮޅު ކޯލިޝަނަކީ ޕީޕީއެމާއި ޕީއެންސީ އެކަނި ކަމަށާއި އިތުރު އެއްވެސް ޕާޓީއެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ގުޅިގެން މަސައްކަތް ކުރަން ޑީއާރުޕީއާ އެކު މިދިޔަ ހަފުތާގައި މަޝްވަރާކޮށްފައި ވިޔަސް އެއްބަސްވުމެއް ނެތް ކަމުގެ ޔަގީންކަން އޭނާ މިއަދު ދެއްވި އެވެ.

"ވަކި ޑީއާރުޕީއެއް ނޫން، އެއްވެސް ސިޔާސީ ޕާޓީއަކާ އެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ޕީޕީއެމް/ޕީއެންސީ އިން މިހާތަނަށް ހަދާފައެއް ނޯންނާނެ،" އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީން އަބަދުވެސް އިސްކުރާނީ އިސްލާމްދީނާއި ގައުމާއި ރައްޔިތުންނެވެ.

މި ޔަގީންކަން އަބްދުއްރަހީމް މި ދެއްވީ ކޮވިޑް19 އަށް ޕޮޒިޓިވްވެ އާލާސްކަންފުޅާ އުޅުއްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނިސްބަތްކުރައްވައި ޖާބިރު ދެއްކެވި ވާހަކަތަކަކާ މެދު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ މެމްބަރުން ހިމެނޭ ގޮތުން ގިނަ ބަޔަކު ނުރުހުންފާޅުކުރަމުން ދަނިކޮށެވެ.

މައުމޫންގެ ދަރިކަލުން، ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނަށް ފޮނުއްވި އޯޑިއޯ މެސެޖެއްގައި ޖާބިރު ވިދާޅުވެފައި ވަނީ އޭނާ އަށް މައުމޫން 29 މިލިއަން ރުފިޔާ އަނބުރާ ދައްކަވަން ހުރި ކަމަށެވެ. އެކަން މައުމޫނަށް ހަނދާން ކޮށްދެއްވަން ޖާބިރު އެދިވަޑައިގަތެވެ.

ޖާބިރުގެ އެ އަމަލާ މެދު ހިތްހަމަޖެހިވަޑައިނުގެން ޣައްސާން ޓުވިޓާގައި ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ޖާބިރުގެ ވާހަކަތައް ސަމާސާއަކަށް ނެންގެވިއަސް ބައްޕާފުޅު އާލާސްކަންފުޅާ އުޅުއްވައި، އާއިލާ އަށް ހިތްދަތިކަން ވެރިވެފައި ވަނިކޮށް، ދެއްކެވި ވާހަކަތަކުން ޖާބިރުގެ ހަގީގީ ސިފަ ފާޅުވެފައިވާ ކަމަށެވެ. ޖާބިރުގެ ތުހުމަތަކީ މި ވެރިކަން ފެށުމުގެ ކުރިން އޭނާގެ އަތުން މައުމޫން 29 މިލިއަން ރުފިޔާ ނެންގެވުމެވެ. އެކަމަކު މައުމޫންގެ ފަރާތްޕުޅުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.

ޕީޕީއެމާއި ޕީއެންސީން ޖާބިރާ އެކު މަޝްވަރާކުރީ ސަރުކާރު ޒިންމާދާރުކުރުމަށް މަސައްކަތް ކުރުމާ ބެހޭގޮތުން ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް އޭނާ އެދިވަޑައިގަތުމުންނެވެ. މި ބައްދަލުވުން ބޭއްވިއަސް މާބޮޑު ތަފްސީލެއް ޕީޕީއެމާއި ޕީއެންސީން އޭރު ހާމައެއް ނުކުރެ އެވެ.