Roadha Mihaaru
ސިއްރުން ހެކިބަސް ނެގޭނެ: ސުޕްރީމް ކޯޓު

ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގޭނެ: ސުޕްރީމް ކޯޓް

16 އޯގަސްޓް 2020

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ މަގްސަދު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ މަގްސަދު ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި ސިއްރުން ހެކިބަސް ނެގޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނާ މައްސަލާގައި އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، ހައި ކޯޓުން މިދިޔަ އަހަރު ކުރި ހުކުމުގައި ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނު މިހާރު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށެވެ. ސަބަބަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ އޮތްގޮތުން ސިއްރުން ހެކިބަސް ނެގޭނީ ހެއްކާބެހޭ ގާނޫނުގައި ބަޔާންކުރާ ހާލަތްތަކުގައި ކަމަށް ވެފައި، ސިއްރު ހެކީގެ އެއްވެސް ވާހަކައެއް ހެއްކާބެހޭ ގާނޫނުގައި ނެތުމެވެ.

ހުކުމުގެ އެ ބައި ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސިއްރުން ހެކިބަސް ނުނެގޭނެ ހައި ކޯޓުން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ދިން މާނަކުރުމަކީ އެ މަގްސަދު ވަރަށް ބޮޑަށް ހަނިިވާ ގޮތަށް ދިން މާނަ ކުރުމެވެ. އެ ގާނޫނުގައި، ސިއްރު ހެކި ހުށަހެޅޭނެ ކަމާއި އެކަމުގެ އިޖްރާއާތުތައް އެކި މާއްދާތަކުގައި ހުރިއިރު، ސިއްރު ހެކި ނުނެގޭނެ ކަމަށް ބަލާ ނަމަ އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގަށް ހުރަސް އެޅި، ހެކިވެރިންގެ ގާނޫނީ ހައްގުތަކަށް ހުރަސް އެޅިދާނެ ކަމަށް އެ ހުކުމުގައި ބުނެފައިވެ އެވެ.

"އެއީ އެ މާއްދާ އަށް އަމަލު ނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ގާނޫނު އަސާސީން ދޭ އަސާސީ ހައްގެއް ގެއްލިގެން ދިއުން ފަދަ ސަމާލުވެ، ފާރަވެރިވާންޖެހޭ ކަންކަމަށް ފާރަވެރި ނުވެވި، މާނަ ކޮށްފައިވާ ތިލަ މާނަ ކުރުމެއް." ހައި ކޯޓުގެ ހުކުމާ ބެހޭގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

މަޖިލީހަށް އެރި އޮޅުމެއް

މީގެ 39 އަހަރު ކުރިން އަމަލުކުރަން ފެށި ހެއްކާބެހޭ ގާނޫނާ ހަވާލާދީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 149 ވަނަ މާއްދާ އިތުރު އެހެން ބައެއް މާއްދާތަކުގައި ލިޔެފައިވާކަން ފާހަގަކޮށް، ހުކުމުގައިވަނީ އެއީ މަޖިލީހަށް އޮޅުމަކުން ލިޔެވިފައިވާ ވާހަކަތަކެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެފަދަ އޮޅުންތަކާ މެދު ކޯޓުތަކުން ހައްލު ހޯދައި ދެވޭނެ ކަމަށާއި އެގޮތަށް ބޭރު ގައުމުތަކުގެ ބައެއް ކޯޓުތަކުން ނިންމާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.

"މިފަދަ ހާލަތްތަކުގައި އެހެން ގައުމުތަކުގެ ކޯޓުތަކުން އެފަދަ ކުށްތައް ދެނެގަނެ، ގާނޫނު މާނަކޮށް އެކަންކަމަށް ހައްލު ހޯދައިދޭ. މިފަދައިން ހައްލު ހޯދައިދޭ އެއް ސަބަބަކީ ގާނޫނު ހަދާ ފަރާތުން ގާނޫނުގައި ބޭނުންކޮށްފައިވާ އާންމު ނޫން ލަފްޒަކުން ނުވަތަ ސާފުނުވާ އިބާރާތުން އަސާސީ ހައްގެއް ގެއްލިގެން ދިޔަ ނުދިނުން." ހުކުމުގައިވެ އެވެ.

ކޯޓުތަކުން ވަގުތީ ހައްލެއް ދެވިދާނެ

ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވި އެ ހުކުމުގައިވާ ގޮތުން އެފަދަ ކަންކަމުގައި ކޯޓުތަކުން ހައްލު ހޯދައިދިނުމުގެ ބޭނުމަކީ މަޖިލީހަށް ހެދިފައި އޮޅުންތަކުގެ ސަބަބުން ގާނޫނު މަގްސަދު ހާސިލްކުރަން ހުރަސް އެޅުނަ ނުދިނުމެވެ. އެކަމަކު ކޯޓުތަކުން ދޭ ހައްލުތަކަކީ ގާނޫނު ހެދުމަށް ނުވާ ގޮތުން ހޯދައިދޭ ހައްލަކަށް ވާން ޖެހޭނެ ކަމަށާއި އަދި އެއީ ވަގުތީ ހައްލުތަކެއް ކަމަށއި ދާއިމީ ހައްލެއް ގެނައުމަކީ ގާނޫނު އިސްލާހު ކޮށްގެން މަޖިލީހަށް އެކަނި ކުރެވޭނެ ކަމެއް ކަމަށް ވެސް ހުކުމުގައިވެ އެވެ.

"މިފަދައިން ހައްލު ހޯދައިދިނުމަކީ ގާނޫނު މާނަކުރުމުގެ އިމުން ބޭރުވެ، ގާނޫނު އެކަށައެޅުމަކަށް ވެގެން ނުވާނެ." ހުކުމުގައިވެ އެވެ.

ހުކުމުގައިވާ ގޮތުން އެހެން ޑިމޮކްރަޓިކް ގައުމުތަކުގައި ސިއްރުން ހެކިބަސް ނަގާ އުސޫލުން އަޑު ބަދަލު ކޮށްގެން އަދި ކާކުކަން ނޭނގޭ ގޮތަށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ހެކިބަސް ނަގަން ހުށަހަޅައިފި ނަމަ، އެއާ މެދު ގޮތްތަކެއް ކޯޓުން ނިންމިދާނެ އެވެ. އެއީ ގާނޫނެއް ނެތުމަކީ އަސާސީ ހައްގެއް ނުދެވޭނެ ސަބަބެއް ނޫން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ އާއި ސިއްރު ހެކިބަސް ނުނެގި، އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު ގެއްލުނަ ނުދިނުމަށް ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.