Roadha Mihaaru
ޓީޒާ އިން "ނީނާ" ގެ ގަދަކަން ދައްކާލައިފި

ޓީޒާ އިން "ނީނާ" ގެ ގަދަކަން ދައްކާލައިފި

14 އޯގަސްޓް 2020

މިދިޔަ އަހަރު ގެނެސްދިން "ބަވަތި" އާ އެކު އިލްޔާސް ވަހީދު (އިއްލެ) މިހާރު ވެފައި ވަނީ ފިލްމީ ދާއިރާގެ އެންމެ އުންމީދީ ޑައިރެކްޓަރަށެވެ. އޭނާގެ ފުރަތަމަ ފިލްމަކަށް ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ގެނެސްދިން "ބަވަތި" އާ އެކު އިލްޔާސް ވަހީދު (އިއްލެ) މިހާރު ވެފައި ވަނީ ފިލްމީ ދާއިރާގެ އެންމެ އުންމީދީ ޑައިރެކްޓަރަށެވެ. އޭނާގެ ފުރަތަމަ ފިލްމަކަށް ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ އަކީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ ފިލްމެވެ.

މިހާރު މިއޮތީ އިއްލެގެ ދެވަނަ ފިލްމު "ނީނާ" ގެ ފުރަތަމަ ޓީޒާ ޓްރެއިލާ އެކު ބެލުންތެރިންގެ ސަމާލުކަން އަނެއްކާވެސް ހޯދައިފަ އެވެ. އޭނާ ކުރިން ވެސް ބުނެފައިވާ ގޮތަށް މި ފިލްމަކީ އާދައިގެ ފިލްމަކަށް ނުވާނެކަން ނީނާގެ ކެެރެކްޓާ އިން ދައްކުވައިދޭނެކަން ޓީޒާ އިން ސާބިތުކޮށްދެ އެވެ.

"ބަވަތި" ގެ ވެސް ބަތަލާގެ ރޯލް ކުޅުނު އަރަމުން އަންނަ ހުނަރުވެރި ބަތަލާ ނުޒުހަތު ޝުއައިބް (ނުޒޫ) ޓައިޓްލް ރޯލު ކުޅޭ މި ފިލްމަކީ ޔަގީންކުރެވޭ ގޮތުން ދިވެހި ސިނަމާ އިން ބަތަލާއެއްގެ އެންމެ ތަފާތު ރޯލެއް ފެންނާނެ ފިލްމެވެ.

"ނީނާ" އިން ނުޒޫގެ ތިން ލުކެއް ފެންނާނެ އެވެ. ޓީޒާ އިން ވެސް އެކަން އެނގެ އެވެ.

"ނީނާ" އަކީ އިއްލެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ ކްރައިމް ތުރިލާއެކެވެ. މި ފިލްމުގެ ޝޫޓިން އޮތީ މި އަހަރުގެ ކުރީކޮޅު ލ. އަތޮޅުގައި ނިންމާލައިފަ އެވެ. އިއްލެގެ އައި ފިލްމްސް އިން ގެނެސްދޭ ދެވަނަ ފިލްމުން އާ އެކްޓަރަކު ވެސް ތައާރަފުކުރާނެ އެވެ. އެއީ ޝަރަފު އަބްދުﷲ އެވެ.

މީގެ ކާސްޓުން ދެން އެންމެ ފާހަގަކޮށްލެވޭ އެކަކަށްވާނީ 1980 ގެ ތެރޭގައި ފިލްމީ ދާއިރާ އިން ވިދައިލި ބަތަލާ މަރަދޫ މަރިޔަމް ރަޝީދާ ވަރަށް ގިނަ އަހަރުތަކެއްގެ މެދުކެނޑުމަށް ފަހު "ނީނާ" އިން ފެނިގެން ދިއުމެވެ.

"ނީނާ" އަޅުވާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު މިހާރު މިއޮތީ ޕްރޮމޯޝަން ފެށިފަ އެވެ.