Roadha Mihaaru
ޕީއެސްއެމްގެ ބޯޑަށް އާ ޑިރެކްޓަރަކު އައްޔަންކޮށްފި

ޕީއެސްއެމްގެ ބޯޑަށް އާ ޑިރެކްޓަރަކު އައްޔަންކޮށްފި

12 އޯގަސްޓް 2020

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑަށް، ޕްރައިވަޓައިޒޭޝަން ބޯޑުން އާ ޑިރެކްޓަރަކު އައްޔަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑަށް، ޕްރައިވަޓައިޒޭޝަން ބޯޑުން އާ ޑިރެކްޓަރަކު އައްޔަންކޮށްފި އެވެ.

ދައުލަތުގެ މީޑިއާ ހިންގާ ކުންފުންޏަށް މިދިޔަ މަހުގެ 15 ގައި އައްޔަންކުރީ ސ. ހުޅުދޫ ކަޅުމަގިގޭ އަބްދުﷲ ރަޝީދު އެވެ. އޭނާ ވަނީ ކޮމާސް އިން ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ.

ޕީއެސްއެމްގެ ބޯޑުން މެމްބަރަކު ހުސްވީ، ބޯޑު މެމްބަރަކަށް ހުންނެވި މަރިޔަމް ވަހީދާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އައްޔަން ކުރުމުންނެވެ.

ފައިނޭންސްގެ ދާއިރާގެ ތަރުޖިބާ ހޯއްދަވާފައިވާ އަބްދުﷲ ވަނީ އަމިއްލަ ބައެއް ކުންފުނިތައް މެނޭޖު ކުރުމުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭނާ ވަނީ 2006 ގައި ބޭއްވި އޯ ލެވެލް އިމްތިހާނުން ރާއްޖެ އިން އެއް ވަނަ ހޯއްދަވައިފަ އެވެ. އޭގެ ފަހުން 2009ގެ އޭ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ 10ގެ ހަ ވަނައިގައި ހިމެނިވަޑައިގަތެވެ.

ޕީއެސްއެމްގެ ބޯޑުގައި މިހާރު ތިއްބެވީ، އަބްދުﷲ ގެ އިތުރުން ޗެއާމަން އިބްރާހިމް ހިލްމީ އާއި މެނޭޖިން ޑިރެކްޓަރު އަލީ ހާލިދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމާއި އަލީ މިދުހަތެވެ.