Roadha Mihaaru
އާ ސަހަރާއަށް ވެލި އަޅާތީ މަހާނަގާތައް ނަގަން އެދެފި

އާ ސަހަރާއަށް ވެލި އަޅާތީ މަހާނަގާތައް ނަގަން އެދެފި

10 އޯގަސްޓް 2020

އާ ސަހަރާގެ ދެ ބަޔަކަށް ވެލި އަޅަން ނިންމާފައި ވާތީ، އެ ތަންތަނުގައި ހުރި މަހާނަ ގާތަކުގެ ތެރެއިން ނަގަން ބޭނުންވާ ގާތައް ނަގަން މާލެ ސިޓީ ކައުންސިލުން މިއަދު އެދެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އާ ސަހަރާގެ ދެ ބަޔަކަށް ވެލި އަޅަން ނިންމާފައި ވާތީ، އެ ތަންތަނުގައި ހުރި މަހާނަ ގާތަކުގެ ތެރެއިން ނަގަން ބޭނުންވާ ގާތައް ނަގަން މާލެ ސިޓީ ކައުންސިލުން މިއަދު އެދެފި އެވެ.

ސިޓީ ކައުންސިލްގެ އިއުލާނެއްގައި ބުނީ އަންނަ މަހުގެ 15 ގައި، އާ ސަހަރައިގެ ހުޅަނގު ދެކުނު ބަޔަށާއި ދެކުނު ފަރާތުގެ މެދު ބަޔަށް ވެލި އަޅަން ފަށާނެ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި ހުރި މަހާނަތަކުގެ ތެރެއިން ގާ ޖަހާފައިވާ މަހާނަތަކުގެ ގާތައް ނަގަން ބޭނުންވާ މީހުން ސުޕަވައިޒަރާ ގުޅައިގެން އެކަން ކުރުމަށް ވަނީ އެދިފަ އެވެ.

"އެ މުއްދަތުގައި ނުނަގާ ހުންނަ މަހާނަގާތައް މި އިދާރާގެ ފަރާތުން ނަގާ، އެތަކެތި ނައްތާލެވޭނެ ކަމުގައި ވެސް އެންގީމެވެ،" މާލެ ސިޓީ ކައުންސިލްގެ އިއުލާނުގައިވެ އެވެ.

ސިޓީ ކައުންސިލުން ބުނީ މަހާނަ ގާތައް ނަގަން ބޭނުން ނަމަ އެކަން ކުރާނީ 7994565 އަށް ގުޅައި އެ ފަރާތުން އަންގާ ގޮތެއްގެމަތިން ކަމަށެވެ.

މާލޭގައި މީހުން ވަޅުލާ އާ ސަހަރާ ފުރުމުން، މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާން މިދިޔަ ސަރުކާރުން ފެށި އެވެ. ނަމަވެސް އެގޮތަށް ކަންތައް ކުރަން ބޭނުން ނުވާ ކަމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ އަހަރު ބުންޏެވެ. އެކަމަކު ސަހަރާ ފުރުމުން، ދޭތެރެ ދޭތެރެއިިން އެ ތަނަށް ވެލި އަޅަ އެވެ. މީގެ ކުރިން ހަ ފަހަރެއްގެ މަތިން އެތަނަށް ފަސް އަޅާފައި ވެ އެވެ.