25 މެއި 2022
ބައްޕަގެ މަހާނަ ބަލައިލަން އާސަހަރާ އަށް ޒިޔާރާތްކުރި މީހެއްގެ ކައިރިއަށް ޖަމާއަތްތެރިއަކު ގޮސް، މަހާނަ ރީތިކޮށްލަން ބޭނުންތޯ ސުވާލު ކުރި އެވެ. އޭނާ ވަށައިގެން ނަޒަރު ހިންގާލި އިރު، ބައެއް އެހެން މަހާނަތައް ވެސް ހުރީ ރީތިކޮށްފަ އެވެ.
ބައްޕަގެ މަހާނަ ބަލައިލަން އާސަހަރާ އަށް ޒިޔާރާތްކުރި މީހެއްގެ ކައިރިއަށް ޖަމާއަތްތެރިއަކު ގޮސް، މަހާނަ ރީތިކޮށްލަން ބޭނުންތޯ ސުވާލު ކުރި އެވެ. އޭނާ ވަށައިގެން ނަޒަރު ހިންގާލި އިރު، ބައެއް އެހެން މަހާނަތައް ވެސް ހުރީ ރީތިކޮށްފަ އެވެ.
ޖަމާއަތްތެރިޔާ އަގު ވެސް ކިޔެވެ. ވެލި އަޅައިދޭ އަގަކީ 300ރ. އެވެ. ހަމައެކަނި މަހާނައަކަށް ވެލި އަޅާލަން އެއީ ބޮޑު އަގެއް ނަމަަވެސް، ބައްޕަގެ މަހާނަ ރީތިކޮށް ބަލަހައްޓަން ބޭނުންވާތީ އެ ކަން ކުރަން އޭނާ އެއްބަސްވި އެވެ.
މިއީ އާސަހަރާ އަށް އާއިލާގެ މީހެއްގެ މަހާނަ ކައިރި އަށް ޒިޔާރާތް ކުރާ ކޮންމެ މީހަކަށް ހެން މިހާރު ލިބޭ "އޮފާ"ތަކެކެވެ. އެ ކަން މިހާރު މި ވަނީ ބޮޑު ވިޔަފާރިއަކަށް ބަދަލުވެފަ އެވެ.
"މިހާރު" ގެ ނޫސްވެރިން އާސަހަރާ އަށް ގޮސް ބެލިބެލުމުން ފެނުނީ ގިނަ މަހާނަތަކެއްގެ ކައިރީގައި ގާފޮޅު ރާނާފައި ހުރި ތަނެވެ. ފާހަގަވި އެއް ކަމަކީ އެކަކަށް ވުރެ ރީއްޗަށް އަނެކަކު އެ ކަން ކުރަން މަސައްކަތް ކޮށްފައި ހުރި ކަމެވެ.
ސަހަރާގެ ތެރެއިން ވާހަކަ ދެއްކި ޖަމާއަތްތެރިއަކު ބުނީ އެއީ ކުރިން އާންމު ކަމެއް ނޫން ކަމަށެވެ. އެ ކަން އާންމުވީ ވަރަށް ފަހުން ކަމަށް އޭނާ ބުންޏެވެ.
މިހާރު އާސަހަރާގައި މީހުން ވަޅުލާ ތަނަށް އިތުރަށް ވެލި އަޅާ ގޮތަކަށް ނިންމައިފައެއް އަދި ނެތެވެ. ދެން އެ ތަނަށް ވެލި ނާޅާނެ ކަމަށް ވާހަކަ ދެއްކި ބައެއް ޖަމާއަތްތެރިން ބުންޏެވެ. އެ މީހުން ބުނި ގޮތުގައި ގިނަ މީހުން އެ ގޮތަށް ރާނާ ސަބަބަކީ އެއީ އެވެެ.
ސަހަރާއަށް ދާ މީހުންގެ ކައިރިއަށް އައިސް އެ ކަން ކުރާ މީހުން އެކަމަށް އެދޭ -- ފޮޓޯ/ ފަޔާޒު މޫސާ
"ސަހަރާ އަށް އައިސްފައި މި ހިތަށް އަރަނީ އޭނާ ވެސް އެ އޮތީ މަންމަގެ މަހާނައިގައި ގާފޮޅު ރާނާލައި މުށި ޖަހާލައިފައޭ. ތިމަންނަ ވެސް ޖެހޭނެއޭ އެ ކަން ކޮށްލަން އެ އަށް ވުރެ ރީއްޗަށް،" ޖަމާއަތްތެރިޔާ ބުންޏެވެ.
އެ ކަން ހަގީގަތުގައި ވެސް އެ ތަނުން ފެނެ އެވެ. އެކަކަށް ވުރެ ރީއްޗަށް އަނެކަކު އެ މަސައްކަތް ކުރަން އުޅެފައި ހުރިކަން ފާހަގަ ކުރެވެ އެވެ.
އާސަހަރާ އިން ވާހަކަ ދެއްކި ޖަމާއަތްތެރިން ބުނި ގޮތުގައި، އެ މީހުންގެ ތެރެއިން އެކަކު އެ މަސައްކަތުގައި ޝާމިލުވެ އުޅެ އެވެ. އަދި އެ ތަނުގައި ވަޅުލާ މީހުންގެ އާއިލާ މީހުންނަށް ގުޅައި، އެ ކަންތައްތައް ކުރަން ހިތްވަރު ދޭ ކަމަށް، އެކަން ދަންނަ މީހުން ބުނެ އެވެ.
"މި ތަނުގައި އޮންނާނެ މައްޔިތުންގެ މައުލޫމާތު ލިޔާ ފޮތެއް. އޭގައި އޮންނާނެ މައްޔިތުންގެ އަހުލުވެރިންގެ ނަންބަރު ވެސް. އެ ނަންބަރުތައް އޭނާގެ ޑިއުޓީ ގަޑީގައި ނޫނަސް ހާވާތަން ފެނޭ،" ޖަމާއަތްތެރިއަކު ކިޔައިދިނެވެ.
އެ ކަންކަން ކުރުމަށްޓަކައި ވެއްޔާއި ގާ ވެސް ގެންނަނީ ފާޅުގަ އެވެ. ހަމައެކަނި އެ ބޭނުމަށް، އިއްޔެ ވެސް ދެ ޕިކަޕުގެ ވެލި ސަހަރާ އަށް ވެއްދި މަންޒަރު އެ ތަނުގެ މަސައްކަތު މީހުންނަށް ވަނީ ފެނިފަ އެވެ.
އާސަހަރާ ތެރޭގައި ވެލި ބަސްްތާތަކެއް ބަހައްޓާފައި، މީހުން ވަޅުލަން ވެލި ނެރޭނީ ވަޅުލަން ވީމާ އެކަނި -- ފޮޓޯ/ ފަޔާޒު މޫސާ
ޖަމާއަތްތެރިން ކިޔައިދިން ގޮތުގައި އެކަން ކޮށްދޭ އެކި ޕެކޭޖުތައް ހުރެ އެވެ. އާދައިގެ ގޮތަކަށް، ރާނައިދޭ ނަމަ އެކަން ކޮށްދެނީ 1،500ރ. އަށެވެ. މޮޅު ފެންވަރަށް މުށި ޖަހައިގެން ނަމަ 3،500ރ. އަށެވެ. މަހާނަ އަށް ވެލި އަޅައިދެނީ 300ރ. އަށެވެ. އަދިވެސް ބައެއް ޕެކޭޖުތައް ހުރެ އެވެ.
އާސަހަރާގެ ކަންކަން ބަލަހައްޓަން ސިޓީ ކައުންސިލުން ކަނޑައަޅާފައި ހުންނަ އޮފިޝަލު "މިހާރު" އަށް ވިދާޅުވީ، އެ ކަން ކުރުމަކީ އެ ތަނުގެ މަސައްކަތު މީހުންނަށް އަދި ޖަމާއަތްތެރިންނަށް ވެސް މަނާކަމެއް ކަމަށެވެ. މަސައްކަތު މީހުން އެ ކަން ކުރާކަން ސަމާލު ކަމަށް އައިސް އެ ކަން ނުކުރުމަށް އަންގާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަހަރާގައި މަސައްކަތް ކުރާ މީހުންނަކަށް ހުއްދައެއް ނޯންނާނެ އެ ގޮތަށް އެ ކަންތައް ކުރާކަށް. މަސައްކަތު މީހުން އެ ކަން ކުރާކަމުގެ ޝަކުވާ އައިސްގެން އަޅުގަނޑު ވާނީ އެ މީހުންނަށް އެކަން ނުކުރަން އަންގައިފައި. ޖަމާއަތްތެރިއަކު އެކަން ކުރާކަމުގެ ޝަކުވާއެއް އައިސްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އާސަހަރާގައި ގާފޮޅު ރާނާފައިވާ މަހާނައެއް -- ފޮޓޯ/ ފަޔާޒު މޫސާ
އެ ފަދަ ކަމެއް ފާހަގަ ކުރެވޭ ނަމަ އެ ކަން ހުއްޓުވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މަހާނަ ގާ ބެހެއްޓުމާއި ވެލި އެޅުމަކީ މީގެ ކުރިން ވެސް ދިވެހިން ކޮށް އުޅުނު ކަމެކެވެ. އާސަހަރާގައި ވެސް އެ ކަން ކުރިން ވެސް ކުރެ އެވެ. އެކަމަކު މިހާރު ވަނީ ބޮޑު ވިޔަފާރިއަކަށް ބަދަލު ވެފަ އެވެ.
އެ މައްސަލައިގައި ދީނީ ބައެއް އިލްމުވެރިން ވަނީ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ. އެ ފަދަ ވާދަވެރި ކަމެއްގެ ތެރެއިން އެ ފެށެނީ ބިދުއައެއް ކަމަށާއި އެއީ ބޭނުމެއް ނެތް ކަމެއް ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ. ދިރިތިބީންނަށް އޮތްހާ ވެސް ކަމަކީ، މައްޔިތާ އަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާކުރުން ކަމަށް ވިދާޅުވެ، އެ ކަހަލަ ނާތަހުޒީބީ އަމަލުތަކުން ދުރުވެ ތިބުމަށް އިލްމުވެރިން ވަނީ ގޮވާލައްވައިފަ އެވެ.
އާ ސަހަރާގެ އުސްކޮށް ހުރި ވަށައިފާރު ބާވުމުން ތަޅާލަނީ
އާސަހަރާގެ މިސްކިތުގެ އެއް ބައި ހުޅުވައިފި
އާސަހަރާ ރޯދައަށް ނިންމަން މަސައްކަތްކުރަނީ
އާސަހަރާ މަރާމާތުކުރަން އެހެން ކުންފުންޏަކާ ހަވާލުކޮށްފި
އާ ސަހަރާ މަޝްރޫއުގެ އެގްރީމެންޓު ބާތިލްކޮށްފި
އާސަހަރާ ބަންދުކޮށްފި، މީހުން ވަޅުލާނީ ހުޅުމާލޭގައި
މާލެ އިން މަރުވި މީހުންގެ އަދަދު މި އަހަރު މަދު
އާ ސަހަރާއަށް ވެލި އަޅާތީ މަހާނަގާތައް ނަގަން އެދެފި
މާލޭގައި ދެން ކަށުނަމާދު ކުރާނީ ގައިދުރުކޮށްގެން
"މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅެއް ނުލާނެ"