Roadha Mihaaru
ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަނީ

ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

06 އޯގަސްޓް 2020

ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

އެ ކޮމިޝަނުން ކުރި އިއުލާންގައިވާ ގޮތުން މި ދެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފައި ވަނީ މި މަހު 16 ގެ ނިޔަލަށެވެ.

ހައި ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފައި މިވަނީ ދެ ކޯޓުގެ ފަނޑިޔާރުން އިސްތިއުފާ ދެެއްވުމާ ގުޅިގެންނެވެ. ހައި ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި ހަސަން އަލީ ވަނީ މިދިޔަ މަހުގެ އިސްތިއުފާ ދެއްވައިފަ އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ހައިލަމް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުފާ ދެއްވައިފަ އެވެ.

މި ދެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފަސްޓް ޑިގްރީ ހާސިލްކޮށްފައިވާ މީހަކަށްވާން ޖެހެ އެވެ. އަދި އުމުރުން 25 އަހަރުވެފައިވާ ދިވެއްސަކަށް ވެސް ވާންޖެހެ އެވެ.

މީގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާއިރު، ގާޒީ ކަމުގައި ނުވަތަ ގާނޫނީ ވަކީލު ކަމުގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެ އެވެ. އަދި ކްރިމިނަލް ކޯޓަށް ކުރިމަތިލާއިރު މިކަންކަމުގައި މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުންނަން ޖެހޭނެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭއިރު، ހައިކޯޓުގެ ފަނޑިޔާރަށް 55،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ.