Roadha Mihaaru
ލިލީ ބީޗް ރިސޯޓުން ގެސްޓުންނަށް ކޮވިޑް ޓެސްޓު ހިލޭ

ލިލީ ބީޗް ރިސޯޓުން ގެސްޓުންނަށް ކޮވިޑް ޓެސްޓު ހިލޭ ހަދައިދެނީ

04 އޯގަސްޓް 2020

ލިލީ ބީޗް ރިސޯޓުން އެ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ކޮވިޑަށް ހިލޭ ޓެސްޓުކޮށްދޭން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ލިލީ ބީޗް ރިސޯޓުން އެ ރިސޯޓަށް އަންނަ ޓޫރިސްޓުންނަށް ކޮވިޑަށް ހިލޭ ޓެސްޓުކޮށްދޭން ފަށައިފި އެވެ.

އެ ރިސޯޓުން ބުނެފައިވާގޮތުގައި ކޮންމެ ބުކިންއަކާއެކު ބޮޑު ދެމީހުންނާއި ކުޑަ ކުއްޖަކަށް ހިލޭ ޓެސްޓު ކުރެވޭނެ އެވެ. ނަމަވެސް އިތުރު މީހަކު ޓެސްޓުކުރާ ނަމަ ކޮންމެ ޓެސްޓަކަށް 200 ޑޮލަރު (3،084ރ.) ނަގާނެ އެވެ.

ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން ބައެއް ގައުމުތަކަށް އެނބުރި ދާއިރު ކޮވިޑް-19 އަށް ނެގެޓިވްކަން އަންގައިދޭ ޓެސްޓު ނަތީޖާއެއް ބޭނުންވެ އެވެ. މީގެ ތެރޭގައި މިދިޔަ މަހު ރާއްޖެ އަށް ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައި ޔޫއޭއީ ވެސް ހިމެނެ އެވެ.

ކޮވިޑް-19 ފެތުރޭތީ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ޓޫރިޒަމް އަލުން ހުޅުވާލުމަށް އެކުލަވާލައިފައިވާ ގައިޑްލައިނުގައި ބުނެފައިވާގޮތުގައި ރާއްޖެއަށް އަންނަ ޓޫރިސްޓެއްގެ ފަރާތުން ކޮވިޑް-19ގެ އަލާމާތެއް ފެނިއްޖެ ނަމަ ޓެސްޓު ކުރާނެ އެވެ. މި ޓެސްޓަށް ހަރަދު ކުރަން ޖެހޭނީ ޓޫރިސްޓު ނުވަތަ އެ ޓޫރިސްޓަކު ހުންނަ ފެސިލިޓީއަކުންނެވެ. މީގެ ތެރެއިން އެއްވެސް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އޭނާ ކަރަންޓީނުގައި ބަހައްޓައި ހަރަދުތައް ބަލަހައްޓަން ޖެހޭނީ ވެސް އެ ފެސިލިޓީއަކުންނެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވާއިރު މިހާތަނަށް 1769 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މީގެ ތެރެއިން މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ އެއްމެ ޓޫރިސްޓެކެވެ.