Roadha Mihaaru

ކޮވިޑް-19 ގެ ވެކްސިން ރަޝިޔާ މީހުންނަށް އޮކްޓޫބަރުގައި ދެނީ

މޮސްކޯ (އޮގަސްޓް 2) - ކޮރޯނާވައިރަހާ ދެކޮޅަށް ފުޅާ ދާއިރާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ރަޝިޔާގައި އޮކްޓޯބަރު މަހު ފަށާނެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ވެކްސިން ރަޝިޔާ މީހުންނަށް އޮކްޓޫބަރުގައި ދެނީ
ހަސަން އާމިރު
ހަސަން އާމިރު

02 އޯގަސްޓް 2020

މޮސްކޯ (އޮގަސްޓް 2) - ކޮރޯނާވައިރަހާ ދެކޮޅަށް ފުޅާ ދާއިރާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ރަޝިޔާގައި އޮކްޓޯބަރު މަހު ފަށާނެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިޚައިލް މުރަޝްކޯއާ ހަވާލާދީ ރަޝިޔާގެ މީޑިއާތަކުން ބުނެފައި ވަނީ އެންމެ ފުރަތަމަ ވެކްސިން ދޭނީ ޑޮކްޓަރުންނާއި ޓީޗަރުންނަށް ކަމަށެވެ.

މުރަޝްކޯއާ ހަވާލާދީ އިންޓަފެކްސް ނިއުސް އެޖެންސީން ބުނީ ވެރިރަށް މޮސްކޯގެ ރިސާޗް ފެސިލިޓީއެއް ކަމަށްވާ ގަމަލެޔާ އިންސްޓްޓިއުޓުން އުފެއްދި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްތައް ނިމިފައިވާ ކަމަށާއި އެ ވެކްސިން ރަޖިސްޓަ ކުރުމަށް ކަރުދާހުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އެ ވެކްސިން ފުޅާ ދާއިރާއެއްގައި ރަޝިޔާ މީހުންނަށް ދިނުމުގެ ޕްރޮގްރާމެއް އޮކްޓޫބަރު މަހު ފަށާނަން،" މުރަޝްކޯ ވިދާޅުވި އެވެ.

ރަޝިޔާގެ ސައެންސްވެރިން މިދިޔަ މަހު ބުނެފައި ވަނީ ގަމަލެޔާ އިން އުފެއްދި ވެކްސިންގެ ފުރަތަމަ މަރުހަލާގެ ޓްރަޔަލްތައް ނިމިފައިވާ ކަމަށާއި އެ ވެކްސިން ކާމިޔާބު ކަމަށެވެ.

ރަޝިޔާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ ކޮރޯނާވައިރަހަށް ރަޝިޔާގައި އުފެއްދި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން މި މަހު ދޭނެ ކަމަށެވެ. ނަމަވެސް ވެކްސިންގެ އެކި މަރުހަލާތައް ރަޝިޔާ އިން ކުރިއަށް ގެންދާލެއް އަވަސްވުމުން ސިއްހީ ބައެއް ތަޖްރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ އެމެރިކާގެ ތަޖްރިބާކާރު ޑރ. އެންތަނީ ފައުޗީ ވިދާޅުވީ ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުމުގެ ކުރިން ރަޝިޔާ އާއި ޗައިނާ އިން "ރަނގަޅަށް ވެކްސިން ޓެސްޓްކުރާނެ ކަމަށް" އުއްމީދު ކުރައްވާ ކަމަށެވެ.

ފައުޗީ ވިދާޅުވީ ރައްކާތެރި، ކާމިޔާބު ވެކްސިނެއް މި އަހަރު ނިމުމުގެ ކުރިން އެމެރިކާ އިން އުފައްދަން ޖެހޭނެ ކަމަށެވެ.

ރަޝިޔާގެ ވެކްސިންގެ ސައެންޓިފިކް ޑޭޓާ ހާމަނުކުރާތީ ވެސް ބައެއް ސައެންސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ކުންފުނިތަކުން އަންނަނީ ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭން 20 އަށް ވުރެ ގިނަ ކުންފުނިން ވަނީ ކްލިނިކަލް ޓްރަޔަލްތައް ފަށައިފަ އެވެ.

ކޮވިޑް-19 އަށް އުފައްދާ ވެކްސިންއާ ގުޅޭ ޑޭޓާ ރަޝިޔާ އިން ހެކްކުރަމުންދާ ކަމަށް އެމެރިކާ އާއި ކެނެޑާ އަދި އިނގިރޭސި ވިލާތުން މިދިޔަ މަހު ވަނީ ބުނެފަ އެވެ.