Roadha Mihaaru
ކޮވިޑާ ދެކޮޅަށް ކެބެޖާއި ކިއުކަމްބާ އެހީއަކަށް ވެދާނެ

ކޮވިޑް-19 އިން ފަސޭހަވުން އަވަސްކުރަން ކެބެޖާއި ކިއުކަމްބާ އެހީވާ ކަމަށް ބުނާ ދިރާސާއެއް

23 ޖުލައި 2020

ކެބެޖާއި ކިއުކަބްމާ ކެއުމަކީ ކޮވިޑް-19 އިން އަވަހަށް ފަސޭހަވާ ސަބަބަކަށް ވެދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކެބެޖާއި ކިއުކަބްމާ ކެއުމަކީ ކޮވިޑް-19 އިން އަވަހަށް ފަސޭހަވާ ސަބަބަކަށް ވެދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ފްރާންސްގެ ތަޖުރިބާކާރުންގެ ޓީމަކުން ހަދާފައިވާ މި ދިރާސާގައި ބުނާގޮތުން ކޮންމެ ދުވަހަކު މަދުވެގެން އެއް ގްރާމްގެ ކެބެޖާއި ކިއުކަމްބާ ކެއުމަކީ އުމުރު ކުރުވުން 13.6 ޕަސެންޓަށް ދަށްކޮށްދޭނެ ކަމެކެވެ. މިކަމާ އަޅާބެލުމަށް ފަހު ބުނެފައިވަނީ ކޮވިޑް-19 އަށް ފަރުވާ ހޯދާ މީހުން ވެސް އެ ދެ ބާވަތް ކޮންމެ ދުވަހަކު ކެއުމަކީ ބަލިން ފަސޭހަކޮށްދޭން ބާރުއަޅާ ކަމަކަށް ވެދާނެ ކަމަށެވެ.

"މިއިން އަހަރެމެންނަށް ސާބިތުކޮށްދޭ އެއް ކަމަކީ ކޮވިޑް ކަހަލަ ބައްޔަކަށް ފަރުވާ ހޯދާ އިރު، ސިއްހަތަށް ރަނގަޅު ކާނާ ކެއުމުގެ މުހިއްމުކަން ބޮޑުކަން،" ދިރާސާ ޓީމުގައި އިސްކޮށް މަސައްކަތްކުރެއްވި ފްރާންސްގެ މޮންޓްޕެލިއާ ޔުނިވަސިޓީގެ ޕަލްމަނަރީ މެޑިސިންގެ ޕްރޮފެސަރު ޖޫން ބޯޒްކޯ ވިދާޅުވި އެވެ. "މިސާލަކަށް ކެބެޖާއި ކިއުކަމްބާ ފާމެންޓްކޮށްގެން ބޭނުންކުރުމަކީ ވަރަށް ރަނގަޅު ކަމަކަށްވާނެ. އެ ކަހަލަ ކާނާތަކަކީ ހަށިގަނޑަށް ބޭނުންވާ މުހިއްމު އެންޓިއޮކްސިޑަންޓްސް ލިއްބައިދޭ އެއްޗެހި. އޭގެ މާނަ އަކީ ކޮވިޑް ކަހަލަ ބަލިތަކުން ދިފާއުކޮށްދޭން ބާރުއަޅާނޭ."

ކޮވިޑް-19 އާއި ކެބެޖާއި ކިއުކަމްބާ ހުރި ގުޅުން ދެނެގެންފައި މި ވަނީ ޑައިޓްގައި އާންމުކޮށް އެ ބާވަތްތައް ކާ މީހުންނާއި އެ ގައުމުތަކުގައި ބަލި ޖެހުނު މީހުންގެ ހާލަތު ވަޒަންކޮށްގެންނެވެ.

އެގޮތުން އިޓަލީ އާއި އިނގިރޭސިވިލާތާއި ސްޕެއިނާއި ބެލްޖިއަމާއި ސްވިޑްން އާއި ފްރާންސް ފަދަ ގައުމުތަކުން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މަރުވި މީހުންގެ ނިސްބަތް މަދުވި އެއް ސަބަބަކީ އެ މީހުންގެ ޑައިޓްގައި ކޮންމެ ދުވަހަކު ކެބެޖާއި ކިއުކަމްބާ ބޭނުންކުރުންކަން ދިރާސާ އިން ދައްކާފައިވެ އެވެ.

ކިއުކަމްބާ.

ކިއުކަމްބާ.

ސައިންސްގެ ނަޒަރިއްޔާތަކުން މިކަމަށް ބަލާއިރު ކެބެޖާއި ކިއުކަމްބާ އަކީ ހަށިގަނޑަށް ބޭނުންވޭ މުހިއްމު ޕްރޮޓީނެއް ކަމަށްވާ Nrf2 އުފައްދައިދޭ އެއްޗެކެވެ. މީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ނުރަނގަޅު އިންފްލެމޭޝަންތައް ނައްތާލައި، ދިފާއި ނިޒާމު ވަރުގަދަކޮށްދޭން ބާރުއަޅަ އެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައ ކެބެޖާއި ކިއުކަމްބާގައި ތަރުކާރީގެ އެހެން ބާވަތްތަކަށް ވުރެ ބޮޑަށް Nrf2 އުފައްދަން މަގުފަހިކޮށްދެ އެވެ. އެހެންވެ މިއީ ކޮވިޑް-19 އިން ރައްކާތެރިކޮށްދޭން ޑައިޓްގައި ހިމެނުން ވަރަށް މުހިއްމު ދެ ބާވަތެއްކަން މިހާރު ޔަގީން ކުރެވޭ ކަމަށް ބުންޏެވެ.