Roadha Mihaaru
މިއަދު އުދަ އެރުން އެކަށީގެންވޭ: މެޓް

މިއަދު އުދަ އެރުން އެކަށީގެންވޭ: މެޓް

20 ޖުލައި 2020

ރާއްޖޭގެ އެކި ރަށްރަށް މިއަދު މެންދުރު ފަހު އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވާން މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖޭގެ އެކި ރަށްރަށް މިއަދު މެންދުރު ފަހު އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވާން މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މެންދުރު 12:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ ކަނޑުތައް ގަދަ ވާނެތީ، ކަނޑުދަތުރު ކުރާ މީހުން މިކަމަށް ސަމާލުވާން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއް

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15-25 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވއިރު ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13-23 މޭލުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި 50 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މި ދުވަސްވަރު މޫސުން ގޯސް ކަނޑުގަދަވުމުން ނުރައްކާތެރި ކަނޑުމަތީގެ ހާދިސާތައް ދަނީ ހިނގަމުންނެވެ.

މި މަހުގެ ކުރީކޮޅު ބައެއް ރަށްރަށަށް އުދަ އަރާފައި ވާއިރު މެޓް އޮފީހުން ބުނީ އެއީ މި ސަރަހައްދުގައި އުފެދިފައިވާ ބާނިތައް ބޮޑުވެފައި ދިޔަވަރު ބޮޑުވާ ދުވަސްވަރާ ދިމާވުމުން ކަމަށެވެ. އަދި ވޭތުވެ ދިޔަ ދެ އަހަރު ޖުލައި މަހު ފަހުކޮޅު ބައެއް ރަށްރަށަށް އުދަ އަރާފައިވާ ކަމަށް ވެސް ބުންޏެވެ.