Roadha Mihaaru
ބައެއް ރަށްރަށް ލޮނުގަނޑުގެ އަޑިއަށް!

ބައެއް ރަށްރަށް ލޮނުގަނޑުގެ އަޑިއަށް! އަދިވެސް އުދަ އަރާނެ!

07 ޖުލައި 2020

ދިއްފުއްޓަށް އުދަ އަރާފައިވާ މަންޒަރުން ފެންނަނީ މުޅި ރަށުތެރޭގައި ލޮނުގަނޑު ބޮޑުވެފައި އޮތް ތަނެވެ. ގދ. ތިނަދުއަށް އުދަ އެރީ، ބަނދަރުގައި ހުރި އުޅަނދުފަހަރު ތޮށިގަނޑުން އެއްގަމަށް ގެންނަހާ ބާރުމިނުގައި އަދި އެހާމެ އުސްކޮށެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދިއްފުއްޓަށް އުދަ އަރާފައިވާ މަންޒަރުން ފެންނަނީ މުޅި ރަށުތެރޭގައި ލޮނުގަނޑު ބޮޑުވެފައި އޮތް ތަނެވެ. ގދ. ތިނަދުއަށް އުދަ އެރީ، ބަނދަރުގައި ހުރި އުޅަނދުފަހަރު ތޮށިގަނޑުން އެއްގަމަށް ގެންނަހާ ބާރުމިނުގައި އަދި އެހާމެ އުސްކޮށެވެ.

އުދައިގެ ލޮނުގަނޑުން ރާއްޖޭގެ ބައެއް ރަށްރަށުގެ ބޮޑު ސަރަހައްދެއް ލޮނުން ފުރާލައިފި އެވެ. އެކަމަކު މި ބިރުވެރިކަމަށް އަދިވެސް ނިމުން އައީ ކަމަކަށް ބެލެވޭކަށް ނެތެވެ. މެޓު އޮފީހުން ބުނީ މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށްރަށަށް މިއަދު ވެސް އުދައެރުން އެކަށީގެންވާ ކަމަށެވެ.

ދިޔަވަރު ބޮޑުވާ ވަގުތު ރާޅުބާނީ އުސްވަމުން ދިއުމާ އެކު ކ. އަތޮޅާއި އައްޑުއާ ދެމެދުގެ ބައެއް ރަށްރަށް އުދަ އަރާފާނެތީ، މެޓުން މިހާރު ވަނީ މެންދުރު ފަހު 1:00 އިން ފެށިގެން ހަވީރު 6:00 އަށް ހުދު އެލާޓް ވެސް ނެރެފަ އެވެ.

މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއް

މުޅި ރާއްޖެއަށް އުދަ އަރާނެ ކަމަށް ލަފާކޮށް، އިއްޔެ ވެސް މެޓް އޮފީހުން ހުދު އެލާޓް ނެރުނެވެ. މެޓުން ބުނާ ގޮތުގައި ރާއްޖޭގެ ކަނޑުތަކުގައި އުފެދިފައިވާ ބާނި މި ދުވަސްވަރު އުހެވެ. އެހެންކަމުން ދިޔަ ވަރު ބޮޑުވާ ވަގުތު ގިނަ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮވެ އެވެ.

ބައެއް ރަށްރަށަށް އާދަޔާ ހިލާފު އުދައެއް

އިއްޔެ ގދ. ތިނަދުއަށް އުދައެރީ، ރަށުގެ ބައެއް މީހުން ބުނާ ގޮތުގައި، އާދަޔާ ހިލާފު މިންވަރަކަށެވެ. ރަށުގެ ބޮޑު ސަރަހައްދަކަށް ލޮނުގަނޑު އަރައި، މަގުތައް ފޮރުވުނީ ވެސް ލޮނުންނެވެ.

"މިހާރު" އާ ވާހަކަ ދެއްކި ގިނަ ރަށްރަށުގެ ކައުންސިލްތަކުން ބުނީ ކައިރި މާޒީއެއްގައި އެވަރުގެ އުދައެއް އެރިކަމުގެ ހަނދާނެއް، ރަށު މީހުންގެ ނެތް ކަމަށެވެ. ބައެއް ރަށްރަށުގައި 300 އާއި 500 ފޫޓުގެ ސަރަހައްދަކަށް ލޮނުގަނޑު ފެތުރުނެވެ. ބައެއް ހިސާބުތަކުގައި ތިން ފޫޓަށް ލޮނުގަނޑު ހުއްޓެވެ.

އއ. ރަސްދޫ އަށް އިއްޔެ އުދަ އަރާ ފެންބޮޑުވުމުން، ފެން ހިންދުމުގެ މަސައްކަތުގައި ބައެއް މީހުން ބައިވެރިވަނީ -- ފޮޓޯ: ރަސްދޫ ކައުންސިލް

އއ. ރަސްދޫ އަށް އިއްޔެ އުދަ އަރާ ފެންބޮޑުވުމުން، ފެން ހިންދުމުގެ މަސައްކަތުގައި ބައެއް މީހުން ބައިވެރިވަނީ -- ފޮޓޯ: ރަސްދޫ ކައުންސިލް

ރ. ވާދު އާއި ކ. ތުލުސްދު އާއި ކ. ދިއްފުށި އަދި އއ. ރަސްދޫގެ ކައުންސިލްތަކުން ސިފަކުރި ގޮތުގައި އިއްޔެ ކުރިމަތިވީ "އާދަޔާ ހިލާފު އުދައަކާ" އެވެ. ބައެއް ގޭގެއަށް ލޮނުގަނޑު ވަން ނަމަވެސް މުދަލަށް ގެއްލުން ނުވާ ކަމަށް، އެ ކައުންސިލްތަކުން ބުންޏެވެ.

ލޮނުގަނޑު ހިންދަން ރަށު ކައުންސިލްތަކާއި ފުލުހުންނާއި އާންމުން ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

އުދަ އެރުމުން ކ. ދިއްފުށީގައި އިއްޔެ ފެންބޮޑުވެފައި -- ފޮޓޯ: ދިއްފުށި ކައުންސިލް

އުދަ އެރުމުން ކ. ދިއްފުށީގައި އިއްޔެ ފެންބޮޑުވެފައި -- ފޮޓޯ: ދިއްފުށި ކައުންސިލް

ވާދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން ވިދާޅުވީ އެ ރަށުގައި އުފެދުނު ލޮނުގަނޑު ހިންދުނީ ދެތިން ގަޑި އިރު މަސައްކަތްކޮށްގެން ކަމަށެވެ.

"ޕަމްޕް ޖަހައިގެންނާއި ރަށުގެ ތިން ސަރަހައްދަކުން ކަންޒު ކަނޑައިގެން ލޮނުގަނޑު ހިންދުނީ،" އޭނާ ވިދާޅުވި އެވެ.

ކ. ތުލުުސްދޫގެ ގޭގެއަށް ލޮނުގަނޑު ވަނަނުދޭން ދޮރު ކުރިމަތީގައި ވެލި ބަސްތާ ޖަހާފައި -- ފޮޓޯ: ތުލުސްދޫ ކައުންސިލް

ކ. ތުލުުސްދޫގެ ގޭގެއަށް ލޮނުގަނޑު ވަނަނުދޭން ދޮރު ކުރިމަތީގައި ވެލި ބަސްތާ ޖަހާފައި -- ފޮޓޯ: ތުލުސްދޫ ކައުންސިލް

އެ ރަށުގެ އުތުރު ކޮޅުގައި ހުންނަ "ޒަގަ މެރިން" ބޯޓު ޔާޑަށް، އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް، އަލީ ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ކުރި ޓްވީޓެއް

ތުލުސްދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ނަސީމް ރޭ ޓްވިޓާގައި ޕޯސްޓްކުރެއްވި ވީޑިއޯއަކުން ފެންނަނީ އުދައިގެ ލޮނުގަނޑުގެ އަޑީގައި މުޅި ރަށް އޮތް ތަނެވެ.

ދިއްފުށީ ކައުންސިލް މެމްބަރު އިބްރާހިމް މުބައްސިރު ވިދާޅުވީ އިއްޔެ އެރި އުދައާ އެކު އެ ރަށުގެ ހުރިހާ ފެންވަޅުތަކެއް މިހާރު އެއްކޮށް ލޮނުވެއްޖެ ކަމަށެވެ.

އެ ރަށަށް ސާފު ފެން އެމްޓީސީސީން ފޯރުކޮށްދިން ނަމަވެސް ގިނަ މީހުން އަދިވެސް ބޭނުންކުރަމުން އަންނަނީ ވަޅު ފެނެވެ. އެކަމަކު މިހާރު އެ ވަޅުތަކުގެ ފެން ބޭނުން ނުކުރެވޭ ވަރަށް ވަނީ ލޮނުވެފަ އެވެ.

އުދަ އެރުމުން އއ. ރަސްދޫގެ މަގެއްގައި ފެންބޮޑުވެފައި: މިއީ އާދަޔާ ހިލާފު އުދައެއް -- ފޮޓޯ: ރަސްދޫ ކައުންސިލް

އުދަ އެރުމުން އއ. ރަސްދޫގެ މަގެއްގައި ފެންބޮޑުވެފައި: މިއީ އާދަޔާ ހިލާފު އުދައެއް -- ފޮޓޯ: ރަސްދޫ ކައުންސިލް

"އުދަ އެރުމުން ވި ހަގީގީ ގެއްލުންތައް އެނގޭނީ ދެތިން ދުވަހެއް ވީމަ. ފެން ފަށަލަ ލޮނުވީމަ ގަސްތައް މަރުވާން ފަށާފާނެ، ބަނބުކެޔޮ ފަދަ ގަސްގަސް ވެސް،" މުބައްސިރު ވިދާޅުވި އެވެ.

ބޮޑަށް އުދަ އަރަނީ ގިރުން ބޮޑު ސަރަހައްދުތަކުން!

އިއްޔެ އުދަ އެރި ގިނަ ރަށްރަށުން ބުނީ ރަށް ގިރުމަކީ މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ. އަދި ބޮޑަށް އުދަ އަރަނީ ވެސް ގިރަމުން ދާ ސަރަހައްދުތަކުން ކަމަށް ކައުންސިިލްތަކުން ބުނެ އެވެ.

ގިރުމާ ބެހޭ ގުޅޭ ސާވޭތައް ހަދާ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއެއް ރަސްދޫގައި ކުރިއަށް ގެންދާ ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ. އެހެން ރަށްރަށުން ބުނީ ކަމާ ގުޅޭ އިދާރާތަކުން ސާވޭތައް ކުރިއަށް ގެންދިޔަ ނަމަވެސް މައްސަލަ ހައްލުކުރަން އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.