Roadha Mihaaru
ހިލޭ ޑިގްރީއަށް ކިޔަވަން 130 މިލިއަން ހަރަދުކޮށްފި

ހިލޭ ޑިގްރީ އަށް ކިޔެވުމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި

20 ޖުލައި 2020

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 6،250 ދަރިވަރުންގެ ކިޔެވުމަށް 130 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.

ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހާސިލު ކުރަން ދޫކުރާ ލޯނު އެހީގެ ދަށުން މިހާރު ވެސް 24 ގައުމެއްގައި 1،480 ދަރިވަރަކު ކިޔަވަމުން އަންނައިރު، ރައީސްގެ ސްކޮލަޝިޕްގައި ތަފާތު ހަތް ގައުމެއްގައި 54 ދަރިވަރަކު ކިޔަވަ އެވެ. ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން މިހާރު ވެސް 117 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށް ރައީސް އިއްޔެ ވިދާޅުވި އެވެ.

ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތައާރަފުކުރި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން، 100 ޕަސެންޓް ހިލޭ ކިޔަވައިދެނީ ހަމައެކަނި ސަރުކާރުގެ ދެ ޔުނިވާސިޓީގަ އެވެ. އަމިއްލަ ކޮލެޖުތަކުގައި ހިންގާ ކޯސްތަކުގެ ޓިއުޝަން ފީ ވެސް ސަރުކާރުން ކަނޑައަޅާފައިވާ އަދަދަށް ކަވަރު ކުރެ އެވެ.

ދަރިވަރުންނަށް ހިލޭ ޑިގްރީ ކިޔަވައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެ އެހީ ދިނުން، ލާޒިމްކޮށް ގާނޫނުގައި ހިމަނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ބާރުއަޅާ ކަމަށް އެ ކޮމިޓީން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ތައުލީމާ ބެހޭ ބިލް ދިރާސާކުރާ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ތައުލީމީ ދާއިރާ އަށް ދެން އަންނަ ބަދަލާ އެކު ހިލޭ ޑިގްރީ ކިޔަވައިދިނުމަކީ ނެތް އެއްޗަކަށް ވެދާނެތީ ބައިވަރު ދަރިވަރުންތަކެއް މަގުމަތި ވެދާނެ ކަމަށެވެ.