23 އޮކްޓޯބަރ 2016
ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް އިން ތަށި ދިފާއުކުރަން ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބުން ދުލެއް ނުދޭނެ ކަމަށް ބުނެފި އެވެ.
ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް އިން ތަށި ދިފާއުކުރަން ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބުން ދުލެއް ނުދޭނެ ކަމަށް ބުނެފި އެވެ.
އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު މުބާރާތް ބާއްވާއިރު އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވިއިރު، ތަށި އުފުލާލީ އީގަލްސް އިންނެވެ. އީގަލްސް ޔޫތު ޓީމުގެ ކޯޗު އަދި ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނީ މި ފަހަރުގެ ސްކޮޑުން މަދުވަނީ 2014 ވަނަ އަހަރު ތަށި ނެގި ޓީމުގެ ހަތަރު ކުޅުންތެރިން ކަމަށެވެ.
"ތަށި ނެގި ޓީމުގެ ހަތަރު ކުޅުންތެރިއަކު މިފަހަރު ނެތީ. ދެން މިއޮތީ ހަމަ އެއް ޓީމެއް. އަޅުގަނޑުމެން ހުރިހާ ގޮތަކުން ވެސް މަސައްކަތްކުރާނީ ތަށި ދިފާއުކުރަން. އީގަލްސްގައި އޮތީ ޒުވާން ސްކޮޑެއް. މި ކުޅުންތެރިންގެ ފެންވަރުގައި ކުޅެފިނަމަ މިފަހަރު ވެސް ތަށި ހޯދޭނެ،" ޝާކިއްޓެ ބުންޏެވެ.
ލީގު ބުރުގައި މެޗަކުން ބަލިނުވެ ސެމީ ފައިނަލަށް އައި ޓީސީ ފުރަތަމަ ސެމީ ފައިނަލުގައި އީގަލްސް އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ޝާކިއްޓެ ބުނީ ފައިނަލަށް ނުކުންނައިރު ފުރަތަމަ ސެމީގައި ޓީސީ ބަލިކުރެވިފައިވުމަކީ ކުޅުންތެރިންނަށް އޮންނާނެ ހިތްހަމަ ޖެހުމެއް ކަމަށެވެ.
"ފުރަތަމަ ސެމީގައި ޓީސީ ބަލިކުރެވިފައި އޮތުމަކީ ހިތްހަމަ ޖެހުމެއް. ދެން އަނެއްކޮޅުން ވިސްނާއިރު އެ ޓީމުން ނުކުންނާނީ އެކަން ތަކުރާރުވިޔަނުދޭން. ލީގު ބުރުގައި ޓީސީ މޮޅުވީ. އެހެންވީމަ މި މެޗުގައި ވަކި ޓީމަކަށް އެޑްވާންޓޭޖް ބޮޑުކަމަށް ނުދެކެން،" ޝާކިއްޓެ ބުންޏެވެ.
އީގަލްސް ޔޫތު ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ސީނިއާ ޓީމުގެ ކުޅުންތެރިންނެވެ. އީގަލްސްގެ ޔޫތު ޓީމުގެ 16 ކުޅުންތެރިންގެ ތެރެއިން ހަތް ކުޅުންތެރިންނަކީ ސީނިއާ ޓީމުގެ ގިނަ މެޗުތަކުގައި މި ފަހަރު ކުޅެފައިތިބި ކުޅުންތެރިންނެވެ. ޝާކިއްޓޭ ބުނީ ސީނިއާ ޓީމުގެ މެޗުތަކުގައި ވެސް ކުޅުންތެރިން ބޭނުންކުރަން ޖެހުމަކީ ގޮންޖެހުމެއް ކަމަށާއި އެހެން ނަމަވެސް މި މުބާރާތުގެ ކާމިޔާބީ އަކީ އެ ކުޅުންތެރިން ސީނިއާ ޓީމާ އެކު ވެސް ކުރިއަށްދާން ލިބޭ ހިތްވަރަކަށް ވާނެ ކަމަށެވެ.
ޓީސީ އަކީ މި މުބާރާތަށް އާ ޓީމެކެވެ. ފުރަތަމަ ފަހަރު ވާދަކޮށް ކުޅުނު ނުވަ މެޗުން ޓީސީ ބަލިވީ އެއް މެޗުންނެވެ. އެއީ ފުރަތަމަ ސެމީގައި ޕެނަލްޓީ ޖަހައިގެން އީގަލްސް އަތުންނެވެ. ޓީސީން ފައިނަލުގެ ޖާގަ ހޯދީ ފަހު ސެމީގައި މާޒިޔާ ބަލިކުރުމަށް ފަހު އެވެ.
ޓީސީގެ މިޑްފީލްޑަރު ދާދު: އަނިޔާއިން ރަނގަޅުވެ އެންމެ ފަހުން ކުޅުނު މެޗުތަކުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ މޮޅު ކުޅުމެއް އަންނަނީ ދަށްކަމުން.-- ފޮޓޯ؛ ނިޝާން އަލީ/ މިހާރު
ޓީސީގެ ޔޫތު ޓީމުގެ ޒުވާން ކޯޗު އަހުމަދު އަހުސަން ބުނީ މިހާތަނަށް މި މުބާރާތުގައި ޓީސީގެ ކުޅުންތެރިންގެ ފަރާތުން ފެންނަމުން ކުޅުމުގެ ސަބަބުން ފައިނަލާ މެދު ކުރެވޭ އުއްމީދު ބޮޑު ކަމަށެވެ.
"ލީގު ބުރުގައި ވެސް ޓީސީން ވަރަށް ހިތްވަރުކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފި. ނުވަދިހަ މިނިޓަށް ބަލާއިރު އެއްވެސް ޓީމަކަށް ނެތް ޓީސީ ބަލިކުރެވިފައި. މިއީ ވަރަށް ބޮޑު ހިތްވަރެއް ޓީސީ އަށް އޮތް. ފުރަތަމަ ސެމީން އީގަލްސް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ނަމަވެސް އެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ޓީސީން ދެއްކި. ފައިނަލުގައި ވަކި ޓީމަކަށް އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކެން،" އަހުސަން ބުންޏެވެ.
ޓީސީން ލީގު ބުރު ކުޅުނީ އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ މިޑްފީލްޑަރު ނާއިޒު ހަސަން (ދާދު) ނުލަ އެވެ. އެހެން ނަމަވެސް އަނިޔާއިން ރަނގަޅުވެ ސީނިއާ ޓީމަށާއި ޔޫތު ޓީމަށް ދާދު އަންނަނީ ތަފާތު ދައްކައިދެމުންނެވެ. ކުޅުމަށް އެނބުރި އައި ފަހުން ދާދު މުޅިން ވެސް ފެނިފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
"ދާދު ފައިނަލުގައި ވެސް ފުރަތަމަ އެގާރައިގައި ނުހިމެނޭނެ. އޭނާ އެއްކޮށް ފިޓެއް ނޫން. ދާދު ޓީމުގައި ހުރުމަކީ ވަރަށް ބޮޑު ހިތްވަރެއް. އެއީ އޭނާ އަކީ ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭނެ އެކަކު. އެ ފަދަ ކުޅުންތެރިއެއްގެ ބޭނުން ފައިނަލެއްގައި ވަރަށް މުހިއްމުވާނެ." އަހުސަން ބުންޏެވެ.
އެފްއޭއެމުން 2011 ވަނަ އަހަރު ފެށި ޔޫތު ޗެމްޕިއަންޝިޕް މިހާތަނަށް ކާމިޔާބުކޮށްފައިވަނީ ހަތަރު ޓީމަކުންނެވެ. އެއީ މާޒިޔާ، ވިކްޓަރީ، ވެލެންސިއާ އަދި އީގަލްސް އިންނެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ޓީސީ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު 3:50 ގަ އެވެ.
ދެ ހަފްތާ ފަހުން ސެމީ ފައިނަލުގެ މެޗުތައް މިއަދު
އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ޔޫތު ޗެމްޕިއަންޝިޕް: ސެމީ އަށް ޓީމުތައް ތައްޔާރުވެފައި
ޔޫތު ޗެމްޕިއަންޝިޕުގެ ތަށި އީގަލްސް އިން ދިފާއުކޮށްފި
ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށް އީގަލްސް ފައިނަލަށް
ފައިނަލުގެ ފުރަތަމަ ޖާގައަށް ޓީސީ-އީގަލްސް ވާދަކުރަނީ
ލީގު ބުރުގެ އެއް ވަނަ ޓީސީ އަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
19 އަހަރުން ދަށުގެ ޗެމްޕިއަންކަން ޓީސީ އަށް
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ