Roadha Mihaaru
ޔޫތު ޗެމްޕިއަންޝިޕް: ސެމީ އަށް ޓީމުތައް ތައްޔާރުވެފައި

ޔޫތު ޗެމްޕިއަންޝިޕް: ސެމީ އަށް ޓީމުތައް ތައްޔާރުވެފައި!

16 ފެބުރުއަރީ 2019

ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި އެފްއޭއެމުން ކުރިއަށްގެންދާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް މެޗުތަކަށް މިއަދު އޮންނައިރު، މުބާރާތުގައި މިހާތަނަށް ވެސް ވަނީ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. މުބާރާތުގެ ފަހު ތިން މެޗު ކުރިއަށް އޮތްއިރު، މި ތިން މެޗު ވެސް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި އެފްއޭއެމުން ކުރިއަށްގެންދާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް މެޗުތަކަށް މިއަދު އޮންނައިރު، މުބާރާތުގައި މިހާތަނަށް ވެސް ވަނީ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. މުބާރާތުގެ ފަހު ތިން މެޗު ކުރިއަށް އޮތްއިރު، މި ތިން މެޗު ވެސް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.

ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ގްރޫޕް އޭގެ އެއް ވަނަ ޓީސީ ސްޕޯޓްސް ކްލަބާއި ގްރޫޕް ބީގެ ދެ ވަނަ ގްރީން ސްޓްރީޓްސް އެވެ. ދެ ވަނަ މެޗުގައި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އަދި ގްރޫޕް ބީގެ އެއް ވަނަ އީގަލްސް ނުކުންނާނީ މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ.

އީގަލްސް

މުބާރާތުގެ ސެމީ ފައިނަލަށް ނުކުންނައިރު އެންމެ ބޮޑު ހިތްހަމަ ޖެހުމެއްގައި އޮންނާނެ ޓީމަކީ އީގަލްސް އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް އީގަލްސް މޮޅުވެފައިވާއިރު، އެ ޓީމު ސެމީ ފައިނަލަށް ނުކުންނާނީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އެވެ. ޒުވާން ކޯޗު އިބްރާހިމް ސައީދު (ކަކާ)ގެ ބެލުމުގެ ދަށުން މިހާތަނަށް އީގަލްސް އިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ގްރޫޕް ސްޓޭޖުގައި އީގަލްސް އިން ކުޅުނު ހަތަރު މެޗަށް ބަލާއިރު ގިނަ ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފަ އެވެ. އެ ޓީމުން 11 ލަނޑު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. އީގަލްސް އަށް ގްރޫޕް ސްޓޭޖުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ އެ ޓީމުގެ ކެޕްޓަން ހަސަން ރާއިފް (ހަންނަ) އެވެ. އޭނާ ވަނީ ހަތަރު ލަނޑު ޖަހައި ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

މުޅި ސްކޮޑަށް ބަލާއިރު އީގަލްސްގައި ރަނގަޅު ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެ ޓީމުން ގްރީން ސްޓްރީޓްސްގެ މައްޗަށް ކުރި ހޯދީ ގިނަ ބަދަލުތަކެއް ޓީމަށް ގެނެސްގެންނެވެ.

ގްރީން ސްޓްރީޓްސް

މުބާރާާތުގެ ފުރަތަަމަ މެޗުން މާޒިޔާ އަތުން ބަލިވި ނަމަވެސް ގްރީން ސްޓްރީޓްސް އިން ވަނީ ދެން ކުޅުނު މެޗުތަކުގައި ތަފާތު ދައްކައިފަ އެވެ. ކުރީގެ މިޑްފީލްޑަރު އަޝްރަފު ލުތުފީ (ސަމްޕަތު)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ގްރީން ސްޓްރީޓްސް ސެމީން ފުރުސަތު ހޯދީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ.

މިދިޔަ އަހަރު 19 އަހަރުން ދަށަށް މި މުބާރާތް ބޭއްވިއިރު ޗެމްޕިއަންކަން ހޯދި ގްރީން ސްޓްރީޓްސްގެ އެންމެ މުހިއްމު ކުޅުންތެރިޔަކީ މި ފަހަރު ޓީމުގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ކުޅުންތެރިޔާ އަބްދުﷲ ޔާމީން (ޔާން) އެވެ. މުބާރާތުގައި މިހާތަނަށް ހަތަރު ލަނޑު ޖަހައި ޔާމީން ވަނީ ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ހަަތަރު މެޗަށް ބަލާއިރު، ގްރީން ސްޓްރީޓްސް އިން ވަނީ ހުރިހާ މެޗެއްގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދައިފަ އެވެ. އެ ޓީމު ބަލިވި ދެ މެޗުގައި ވެސް ނަތީޖާ އެނބުރުނީ ޑިފެންސްލައިނުން ހެދުނު ގޯހެއްގެ ސަބަބުންނެވެ.

ދަ ގްރާންޑޭ

ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު)ގެ އިރުޝާދުގެ ދަށުން މި ފަހަރު ކުޅެމުން އަންނަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ސެމީ ފުރުސަތު ހޯދީ ގްރޫޕް އޭގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދަ ގްރާންޑޭ އަށް ހޯދުނީ އެންމެ މޮޅެކެވެ. އެއީ 2-0 އިން ފޯކައިދޫ އަތުން ހޯދި މޮޅެވެ. އެ ޓީމަށް ސެމީން ފުރުސަތު ލިބުނީ ފަހު ވަގުތުގަ އެވެ.

ދަ ގްރާންޑޭ އަށް މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ އެ ޓީމުގެ ކުރިއަށް ކުޅޭ އަހުމަދު ހުސާމް އެވެ. އޭނާ ވަނީ ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ސެމީ ފައިނަލުގައި ދަ ގްރާންޑޭ ނުކުންނަން ޖެހޭނީ މި މުބާާރާތަށް ބަލާއިރު އެންމެ ތަޖުރިބާކާރު ޓީމު އީގަލްސްއާ ދެކޮޅަށެވެ. މި މެޗުގައި ދަ ގްރާންޑޭ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ވަރަށް ސަމާލުވެގެން ކުޅެގެންނެވެ. އެއީ އީގަލްސް ޓީމުގައި އެ ޓީމުގެ ސީނިއާ ޓީމަށް ވެސް ކުޅޭ ގިނަ ކުޅުންތެރިންތަކެއް ތިބުމުންނެވެ.

ޓީސީ ސްޕޯޓްސް ކްލަބް

މި ފަހަރުގެ މުބާރާތުގައި އެންމެ ރަނގަޅު އެޓޭކިން ފުޓްބޯޅައެއް ކުޅުނު އެއް ޓީމަކީ ޓީސީ އެވެ. ގްރޫޕް ސްޓޭޖުގައި އެ ޓީމު މެޗަކުން ބަލިނުވެ ސެމީ ފައިނަލަށް ދިޔައީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ. އަހުސަން ރަޝީދުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޓީސީން ވަނީ ގްރޫޕް ސްޓޭޖުގައި އަށް ގޯލު ޖަހައިފަ އެވެ.

ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ތިބި ޓީސީ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ އެ ޓީމުގެ މެދުތެރެއަށް ކުޅޭ އަކުމަލް މުހައްމަދު (އަކޫބެ) އެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކެއް ހަދައި މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ. އަދި ގްރޫޕް ސްޓޭޖުގައި އޭނާ ވަނީ ޖުމްލަ ހަތަރު ގޯލު ޖަހައިފަ އެވެ.

ވަރުގަދަ މިޑްފީލްޑް ލައިނެއް އޮތް ޓީސީގެ އެންމެ ބޮޑު ތަފާތަކީ ވެސް އެއީ އެވެ. ޓީސީން ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކަށް ބަލާއިރު އެ ޓީމުގެ އެޓޭކްތައް ފެށުމާއި މުހިއްމު ވަގުތުގައި ޑިފެންޑުކުރުމުގައި އެ ޓީމުގެ މެދުތެރެއިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުރިއަށްދާއިރު، ހުރިހާ ޓީމަކަށް ވެސް މިހާތަނަށް މުބާރާތުގައި ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ މުބާރާތުގެ ޝެޑިއުލް އެވެ. ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވި ކަމަށް ޓީމުތަކުގެ ކޯޗުން ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ގޮތަށް މުބާރާތް ކުރިއަށް ގެންގޮސްގެން ބޭނުންވާ މަގުސަދުތައް ހާސިލްކުރަން އުނދަގޫވާނެ ކަމަށް ކޯޗުން ފާހަގަކުރެ އެވެ.

ޓީސީ އާއި ގްރީން ސްޓްރީޓްސް ކުޅޭ ސެމީގެ ފުރަތަމަ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ. އަދި ސެމީގެ ދެ ވަނަ މެޗުގައި ދަ ގްރާންޑޭ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 20:30 ގަ އެވެ.