Roadha Mihaaru
ގާޒީ ބާރީ، މާލީ ބަޔާނަށް މަކަރު ހެދި ކަމުގެ ތުހުމަތު

ގާޒީ ބާރީ، މާލީ ބަޔާނަށް މަކަރު ހެދި ކަމަށް ބުނާ މައްސަލައެއް ބަލަނީ

13 ޖުލައި 2020

ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް، މާލީ ބަޔާނަށް މަކަރު ހެއްދެވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފި އެވެ.

ޖުވެނައިލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް، މާލީ ބަޔާނަށް މަކަރު ހެއްދެވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމައިފި އެވެ.

އެ ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ވިޔަފާރި ކުރުމުގައި ގާޒީ ބާރީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމާއި އެ ވިޔަފާރިން މަންފާ ލިބިވަޑައިގެންނެވި ނަމަވެސް މާލީ ބަޔާނުގައި އެކަން ހާމަކުރައްވާފައި ނުވާ މައްސަލައެއް ތަހުގީގު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ޖޭއެސްސީން ނިންމީ ބަޔާނުގައިވާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ބައްދަލުވުމުގަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމަށް ގާޒީ ބާރީގެ މައްޗަށް ތުހުމަތު ކުރެވޭތީ، މިދިޔަ އަހަރުގެ ޑިސެމްބަރު 12 ން ފެށިގެން އޭނާ ވަނީ ގާޒީ ކަމުން ސަސްޕެންޑު ކޮށްފަ އެވެ. އޭނާ ސަސްޕެންޑް ކުރީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރާތީ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ވެސް ކުރިން ކުރެއްވި ގާޒީ ބާރީއަކީ އެ ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ބޭފުޅެކެވެ. އޭރު އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންގެ މައްސަލަތަކެއް ވެސް އޭނާ ބެއްލެވި އެވެ.

އޭނާ ޖުވެނައިލް ކޯޓަށް ކުއްލި ގޮތަކަށް ބަދަލުކުރީ 2017 ގަ އެވެ.