Roadha Mihaaru
ޕޮގްބާ ފެއިލްކޮށްލީ މާބޮޑަށް އެނގިގެން އުޅޭ ނޫސްވެރިން

ޕޮގްބާ ފެއިލްކޮށްލީ "އެއިންސްޓަން" ހެދިގެން އުޅޭ ނޫސްވެރިން: މޮރީނިއޯ

21 އޮކްޓޯބަރ 2016

މެންޗެސްޓާ (އޮކްޓޯބަރު 21) - ޔުރޮޕާ ލީގުގައި ރޭ ފެނަބާޗޭއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ ދެއްކި މޮޅު ކުޅުމުން ސާބިތުވީ، ފުޓްބޯޅަ މާ އެނގިގެން އުޅޭ ނޫސްވެރިންގެ ނިންމުން ގޯސްކަން ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮކްޓޯބަރު 21) - ޔުރޮޕާ ލީގުގައި ރޭ ފެނަބާޗޭއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުގެ ޕައުލް ޕޮގްބާ ދެއްކި މޮޅު ކުޅުމުން ސާބިތުވީ، ފުޓްބޯޅަ މާ އެނގިގެން އުޅޭ ނޫސްވެރިންގެ ނިންމުން ގޯސްކަން ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑަށް ބަދަލުވި ޕޮގްބާ އަށް ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް ބުނެ މީޑިއާ އިން އަންނަނީ ފާޑުކިޔަމުންނެވެ. އެކަމަކު ރޭ ފެނަބާޗޭ އަތުން ޔުނައިޓެޑް 4-1 އިން މޮޅުވި މެޗުގައި ޕޮގްބާ ވަނީ ދެ ލަނޑު ޖަހައި އޭނާގެ ފެންވަރު ސާބިތުކޮށްދީފަ އެވެ.

ރޭގެ މެޗަށް ފަހު މޮރީނިއޯ ބުނީ މީޑިއާ އިން ޕޮގްބާ ފެއިލްކޮށްލީ މާ އަވަހަށް ކަމަށެވެ. މަޝްހޫރު ފިޒިކްސް އިލްމުވެރިޔާ އަލްބަޓް އެއިންސްޓެއިން އަށް ނިސްބަތްކޮށް، މޮރީނިއޯ ބުނީ މީޑިއާގައި އެއިންސްޓެއިން ހެދިގެން މާ އެނގިގަނެގެން އުޅޭ ނޫސްވެރިން އެބައުޅޭ ކަމަށެވެ.

"މީޑިއާގެ އަގައިން ޕޮގްބާ އަކީ މީގެ 48 ގަޑިއިރު ކުރިން ޕްރިމިއާ ލީގުގައި ހުރި އެންމެ ދަށް ކުޅުންތެރިއާ. މިހާރު ޕޮގްބާ އަކީ އެންމެ މޮޅު ކުޅުންތެރިއާ. މީޑިއާގައި އެބައުޅޭ އެއިންސްޓައިނުން (ފުޓްބޯޅަ މާ ބޮޑަށް އެނގޭ މީހުން). އަހަރެން ޕޮގްބާގެ ފެންވަރާ މެދު އެއްވެސް ވަރަށް ސުވާލެއް ނުއުފައްދަން. އޭނާގެ މޮޅު ކުޅުން ކުރިއަށް އޮތީ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ މުޅި ދުނިޔެ އަށް ބެލިކަމުގައި ވިޔަސް ޕޮގްބާގެ އުމުރުގައި އޭނާއާ އެއް ފެންވަރެއްގެ ތިބީ މަދު ކުޅުންތެރިންތަކެއް ކަމަށެވެ.

"އުމުރުން 23 އަހަރުގައި ޕޮގްބާއާ އެއް ފެންވަރަށް ކުޅޭ މަދު ކުޅުންތެރިއަކު ތިބީ. އިޓާލިއަން ލީގާއި ޕްރިމިއާ ލީގާއި ވަރަށް ތަފާތު. ކޮންމެ ކުޅުންތެރިއަކު ވެސް އާ ލީގަކަށް އަންނައިރު ވަގުތު ބޭނުންވާނެ. އާ ކްލަބަކަށް އައިސް ފުރަތަމަ މެޗުން އެންމެ މަތީ ފެންވަރަށް ކުޅުމަކީ ފަސޭހަކަމެއް ނޫން. ޕޮގްބާ އަށް އަހަރެން އިތުބާރު އެބައޮތް،" މޮރީނިއޯ ބުންޏެވެ.