Roadha Mihaaru
ކައުންސިލަރަކު، ކުއްޖަކާ "ބެހެން" އުޅުނު މައްސަލައެއް

ކައުންސިލަރަކު ފިރިހެން ކުއްޖަކާ ބެހެން އުޅުނު މައްސަލައެއް ބަލަން ފަށައިފި

06 ޖުލައި 2020

ދެކުނު އަތޮޅެއްގެ ރަށެއްގެ ކައުންސިލަރަކު އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާ ބަދުއަޚުލާގީ އަމަލެއް ހިންގަން އުޅުނު ކަމަަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން އިއްޔެ ބަލަން ފަށައިފ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ދެކުނު އަތޮޅެއްގެ ރަށެއްގެ ކައުންސިލަރަކު އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާ ބަދުއަޚުލާގީ އަމަލެއް ހިންގަން އުޅުނު ކަމަަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން އިއްޔެ ބަލަން ފަށައިފ އެވެ.

ރަށެއްގެ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު، ފިރިހެން ކުއްޖަކާ އެކު ބަދްއަޚުލާގީ އަމަލެއް ހިންގަން އުޅުނު ކަން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އިއްޔެ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ. އެއީ ރަށެއްގެ ފިރިހެން ކައުންސިލަރަކު ކަން "މިހާރު" އަށް އެނގިފައި ވެ އެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.

ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާގެ މައްސަލަތަކުގައި، އެ ކުއްޖެއްގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ފުލުހުންނެއް އާންމެއް ނުކުރެ އެވެ.

ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތައް މި ދުވަސްވަރު ދަނީ އާންމުވަމުންނެވެ. ޝަރުއީ އުސޫލުތަކާ ހިލާފަށް ކުޑަކުއްޖަކާ ކައިވެނިކޮށް، ރޭޕްކުރި ކަމުގެ ތުހުމަތުގައި އުމުރުން 23 އަހަރުގެ ފިރިހެނަކު އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރުން އޯޓިސްޓިކް ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލައިގައި އެ ކުއްޖާގެ ޅިޔަނު މިދިޔަ ހަފްތާގައި ހައްޔަރުކުރި އެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، ބްލެކްމެއިލްކޮށް، ޖިންސީ ގޯނާގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު މީހަކު ހައްޔަރުކޮށްފައި ވެ އެވެ. މި އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.