Roadha Mihaaru
މަހާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ލޯނު ދެނީ

މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް ލޯނު ދޫކުރަން ފަށައިފި

20 އޮކްޓޯބަރ 2016

މަސްވެރިކަމާއި ދަނޑުވެރިކަމަށް ޒުވާނުން ޝައުގުވެރިކުރުމަށް ހިންގާ އެގްރިކަލްޗާ ޑައިވާސިޓީ ޕްރޮގްރާމްގެ ދަށުން ދޭން ހަމަޖެހިފައިވާ ލޯނުތައް ދޫކުރަން މިއަދު ފަށައިފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

މަސްވެރިކަމާއި ދަނޑުވެރިކަމަށް ޒުވާނުން ޝައުގުވެރިކުރުމަށް ހިންގާ އެގްރިކަލްޗާ ޑައިވާސިޓީ ޕްރޮގްރާމްގެ ދަށުން ދޭން ހަމަޖެހިފައިވާ ލޯނުތައް ދޫކުރަން މިއަދު ފަށައިފި އެވެ.

ޖުމްލަ 6.9 މިލިއަން ރުފިޔާގެ މި ލޯނު ޕްރޮގްރާމަށް ކުރިމަތިލި 158 ފަރާތްތަކުގެ ތެރެއިން ލޯނު ލިިބިފައި ވަނީ 48 ފަރާތަކަށެވެ. އޭގެ ތެރެއިން 58 ޕަސެންޓަކީ އަންހެނުންނެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ މި ޕްރޮގްރާމްގައި ހިމެނިގެން މަސައްކަތްކުރަމުން އަންނަ ކޯޕަރޭޓިވް ސޮސައިޓީތަކާއި އެ ތަންތަނަށް ނިސްބަތްވާ މެމްބަރުންނާއި އެ ސޮސައިޓީތަކަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބާވަތްތައް ފޯރުކޮށްދޭ ފަރާތްތަކަށެވެ. އަދި ކޯޕަރޭޓިވް ސޮސައިޓީތައް ގާއިމްކޮށްފައިވާ އަތޮޅުތަކުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ ނުވަތަ މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް ލޯނު ދޭން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރަނީ 100،00ރ. 400،000ރ.އާ ދެމެދުގެ ލޯނުތަކެވެ. މި ލޯނުތަކުގެ އިންޓަރެސްޓް ރޭޓު ހަ ޕަސެންޓުގައި އުޅޭއިރު، ގިނަ ވެގެން ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.

މިއީ އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާ ޑައިވާސިފިކޭޝަން ޕްރޮގްރާމް (އީފާޑް)ގެ އެހީގައި އެ ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގެ އުފެއްދުންތައް މާކެޓުކޮށް، ވިޔަފާރީގެ ފުރުސަތުތައް ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިކޮށް ފޯރުކޮށްދީ، އަންހެނުން ބާރުވެރިކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.

ވެލިއު ޗެއިން ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިކޮށް، ކުދި އަދި މެދު ފަންތީގެ ދަނޑުވެރިންނާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ އުފެއްދުންތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދައިދިނުމަށް ސަރުކާރުން ފެށި މި ޕްރޮގްރާމްގެ އެހީގައި އަތޮޅުތެރޭގައި އަށް ކޯޕަރޭޓިވް ސޮސައިޓީއެއް ގާއިމްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ސ. މީދޫ، ޏ. ފުވައްމުލައް، ގއ. ގެމަނަފުށި، ޅ. ނައިފަރު، ފ. މަގޫދޫ، ލ. ފޮނަދޫ އަދި ހއ. ހޯރަފުށި ހިމެނެ އެވެ.