Roadha Mihaaru
ފްލެޓްތައް ނިންމަން ދެން ލޯނެއް ނުނަގާނެ: އެޗްޑީސީ

7،000 ފްލެޓުގެ ފިނިޝިން މަސައްކަތަށް ލޯނު ނުނަގަން ނިންމައިފި

24 ޖޫން 2020

ހުޅުމާލޭގައި ކުރީގެ ސަރުކާރުން އިމާރާތްކުރަން ފެށި 7،000 ފްލެޓްގެ ފިނިޝިން މަސައްކަތަށް 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ކުރިން ނިންމާފައި އޮތް ނަމަވެސް، ތަށިމުށި ނުޖަހައި އަދި އެތެރޭގެ ދޮރުތައް ހަރު ނުކުރާތީ މިހާރު އެ ލޯނު ނުނަގަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލޭގައި ކުރީގެ ސަރުކާރުން އިމާރާތްކުރަން ފެށި 7،000 ފްލެޓްގެ ފިނިޝިން މަސައްކަތަށް 45 މިލިއަން ޑޮލަރު (695 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން ކުރިން ނިންމާފައި އޮތް ނަމަވެސް، ތަށިމުށި ނުޖަހައި އަދި އެތެރޭގެ ދޮރުތައް ހަރު ނުކުރާތީ މިހާރު އެ ލޯނު ނުނަގަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފި އެވެ.

ހިޔާ މަޝްރޫއުގައި ހިމެނޭ 25 ބުރީގެ 16 ޓަވަރު އަޅަން ކުރީގެ ސަރުކާރުން ވެސް ޗައިނާ އިން ބޮޑު ލޯނެއް ނަގާފައި އޮއްވައި މި ސަރުކާރުން ވެސް އަލުން ލޯނެއް ނަގަން އުޅުނީ ފްލެޓްތަކުގެ ފިނިޝިން ނިންމައި ހައްގުވެރިންނާ ހަވާލުކުރާށެވެ.

ކުރީގެ ސަރުކާރުގެ ޕްލޭންގައި އޮތް ގޮތުން ނަމަ، ތަށިމުށި ޖެހުމާއި ކުލަލުމާއި ދޮރުތައް ހަރުކުރުން ފަދަ ކަންކަން ކުރިއަށް ގެންދާނީ ފްލެޓްތައް ލިބޭ މީހުންނެވެ. އެކަމަކު އެއީ، ފްލެޓް ލިބޭ ފަރާތްތަކަށް އިތުރު ތަކުލީފެއް ކަމަށް ބުނެ މި ސަރުކާރުން ނިންމީ ލޯނެއް ނަގައިގެން ނަމަވެސް މީހުންނަށް ދިރިއުޅެވޭވަރަށް ފްލެޓްތަކުގެ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް ހަވާލުކުރާށެވެ. މިކަމަށް ބޭނުންވާ ލޯނުގެ ޔަގީންކަން ވެސް ސިންގަޕޫރުގެ ކްރެޑިޓް ސުވިސް އިން އޮތީ ލިބިފަ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓެއްގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޮ/ސޯޝަލްމީޑިއާ

ހިޔާ މަޝްރޫއުގެ ފްލެޓެއްގެ މަސައްކަތް ކުރިއަށް ދަނީ. --ފޮޓޮ/ސޯޝަލްމީޑިއާ

އެކަމަކު ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާންކުރެއްވީ ފްލެޓްތަކުގެ ފިނިޝިންއާ ގުޅޭ ގޮތުން ސަރުކާރުގެ ވިސްނުން ބަދަލުވެފައިވާ ކަމަށެވެ. ފްލެޓްތައް ދިނުން ލަސްވެގެން ކުރާ ޝަކުވާތަކަށް އޮތް ހައްލަކީ ކުރީގެ ސަރުކާރުން ނިންމި ގޮތަށް އެތަންތަން ހަވާލުކުރުން ކަމަށް ވިދާޅުވި އެވެ.

އެއީ، ދޮރުތައް ބެހެއްޓުމާއި މުށި ޖެހުން ފަދަ ފިނިޝިން މަސައްކަތްތައް ނުނިންމައި ދިނުން ކަމަށް ވެސް ވިދާޅުވި އެވެ. ހުރިހާ މަސައްކަތެއް ނިންމާ ނަމަ ވަގުތު ނަގާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ މި ނިންމުމާ އެކު ލޯނާ ގުޅޭ ގޮތުން "މިހާރު"ން ސުވާލުކުރުމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް ވިދާޅުވީ ފަހުން ގެނައި ބަދަލާ އެކު އިތުރަށް ލޯނެއް ނުނަގާނެ ކަމަށެވެ. ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ނަގަން އުޅުނު ލޯނު ގާތްގަނޑަކަށް ހަމަޖެހިފައި އޮތް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އެކަމަކު ފިނިޝިން ނުނިންމާ ނަމަ ދެން ލޯނެއް ނުނަގާނެ،" ސުހެއިލް ވިދާޅުވި އެވެ.

ފްލެޓްތައް ނިމޭނެ ސީދާ ތާރީޚެއް އަދިވެސް ނޭނގެ އެވެ. އެޗްޑީސީން ކުރިން ލަފާކޮށްފައިވާ ގޮތުގައި މީހުން ދިރިއުޅެވޭ ވަރަށް ފްލެޓްތައް ނިންމާލެވޭނީ މި އަހަރުގެ ފަހުކޮޅަށެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި، ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ފެށި މަޝްރޫއުގައި އިމާރާތް ކުރަމުން އަންނަނީ 25 ބުރީގެ 16 ޓަވަރެވެ. މި މަޝްރޫއު އަށް ކުރީގެ ސަރުކާރުން ވަނީ ލޯނެއް ނަގައިފަ އެވެ. ޗައިނާގެ އެގްޒިމް ބޭންކުން 437 މިލިއަން ޑޮލަރުގެ އެ ލޯނު ހޯދާފައި ވަނީ ސަރުކާރުގެ ސޮވެރިން ގެރެންޓީއާ އެކު ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓްގަ އެވެ. އެގޮތުން ލޯނުގެ 15 ޕަސެންޓް، ފަސް އަހަރުގެ ތެރޭގައި އަދި އަނެއް 85 ޕަސެންޓް 15 އަހަރުގެ ތެރޭގައި ދަައްކަން ޖެހެ އެވެ.

ރައީސް އިއްޔެ ވެސް ވަނީ އެ ފްލެޓްތަކަކީ ބޭކާރު ހަރަދެއްގެ ގޮތުގައި ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެއްތަނެއްގައި އުސް ޓަވަރުތަކެއް ފެންނަން ހުންނައިރު، ފޮޓޯ ރީއްޗަސް އެތެރެ ދިރިއުޅެން ކަމުނުދާ ކަމަށް ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގައި އިމާރާތް ކުރާ ޓަވަރެއް. --ފޮޓޯ/ސޯޝަލްމީޑިއާ

ހިޔާ މަޝްރޫއުގައި އިމާރާތް ކުރާ ޓަވަރެއް. --ފޮޓޯ/ސޯޝަލްމީޑިއާ

ވެރިކަމުގެ ކުރީކޮޅު މި ފާޑުވިދާޅުވުންތަކާ އެކު ޑިޒައިނަށް ބަދަލު ގެންނަން ވެސް މި ސަރުކާރުން އުޅުނެވެ. އެއީ އަދަދު މަދުވި ނަމަވެސް ފްލެޓްތަކުގެ ޖާގަ ބޮޑުކުރާށެވެ. އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓްތައް ތިން ކޮޓަރި އަށް ބޮޑުކުރުމުން ފްލެޓްތަކުގެ އަދަދު 3،588 އަށް މަދުވާނެ އެވެ. މިގޮތަށް ބަދަލުކުރަން ހިޔާލު ހޯދުމަށް ފަހު ކަމާ ބެހޭ އިދާރާތަކުން މަޝްވަރާކޮށް މިހާރު ނިންމާފައި ވަނީ އަދަދު މަދު ނުކުރުމަށެވެ.

ހިޔާ މަޝްރޫ އަށް ހުޅުވާލުމުން 25،000 އަށް ވުރެ ގިނަ މީހުން ފޯމުލި އެވެ. އޭގެ ތެރެއިން ފްލެޓް ލިބޭނެ މީހުންގެ ލިސްޓު ޔާމީންގެ ސަރުކާރުން ވަނީ އާއްމުކޮށްފަ އެވެ. އެކަމަކު އެ ފްލެޓްތައް ދެނީ ބޭއިންސާފުން ކަމުގެ ތުހުމަތާ އެކު މައްސަލަތައް ބަލަން އާ ސަރުކާރުން ކޮމިޓީއެއް އެކުލަވާލި އެވެ.

އެ ކޮމިޓީން އެ މަސައްކަތް ކުރަމުން އައި ނަމަވެސް މިހާތަނަށް ގޮތެއް ނުނިންމަ އެވެ. އެކަމަކު ފްލެޓްތަކުގެ ހައްގުވެރިން ހޯދަން މިހާރު އަންނަނީ ގޭގެއަށް ޒިޔާރަތްކުރަމުންނެވެ.