Roadha Mihaaru
ހައިލަމް ހާޒިރުކުރަނީ ތަހުގީގަށް ކުރިއެރުން ލިބުމުން

ހައިލަމް ހާޒިރުކުރަނީ މިހާތަނަށް ލިބުނު ހެކިތަކާ ގުޅިގެން ސުވާލުކުރަން

23 ޖޫން 2020

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމަށް ތުހުމަތުކުރާ މަނީ ލޯންޑްރިންގެ މައްސަލައިގައި އޭނާ މިރޭ ހާޒިރު ކުރަނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ހެކިތަކާ ގުޅޭ ގޮތުން ސުވާލުކުރަން ކަމަށް ފުލުސް އޮފީހުން އިއްޔެ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމަށް ތުހުމަތުކުރާ މަނީ ލޯންޑްރިންގެ މައްސަލައިގައި އޭނާ މިރޭ ހާޒިރު ކުރަނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ ހެކިތަކާ ގުޅޭ ގޮތުން ސުވާލުކުރަން ކަމަށް ފުލުސް އޮފީހުން އިއްޔެ ބުނެފި އެވެ.

އޭނާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ، ޝައްކު އުފެދޭ ފައިސާގެ މުއާމަލާތެއް ހިނގި ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފުލުހުންނަށް އެސްޓީއާރު ރިޕޯޓެއް ފޮނުވުމުންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގެވި ކަމުގެ ތުހުމަތާ އެކު، ދައުވާ އުފުލައި މިހާރު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ވަކި ހިސާބަކަށް ކުރިއަށް ގެންދެވީ ހައިލަމެވެ. އޭނާ އަށް ވެސް މަނީ ލޯންޑްރިންގެ ތުހުމަތާ އެކު ތަހުގީގެއް ފަށައި، މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އޮތީ ޗިޓު ވެސް ފޮނުވައިފަ އެވެ.

ފުލުހުން ތަހުގީގު ކުރަނީ ހައިލަމްގެ އެކައުންޓަށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ އެކައުންޓުން 200،000ރ. ޖަމާވި މައްސަލަ އެކެވެ. މިއީ، ދެ މީހުންގެ އޮންނަ ގާތް ރަހުމަތްތެރިކަމުގެ ސަބަބުން ހޯދި ލޯނެއް ކަމަށް ހައިލަމާއި އަލްހާން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

ލޯނެއް ނެގުން މަނީ ލޯންޑްރިންއަށް ވާ ސަބަބާ މެދު ދެ ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. ސުލޫކީ މައްސަލައެއްގައި ޔާމީންގެ ޝަރީއަތުން ހައިލަމް ދުރުކުރި ހިސާބުން އޭނާ ގެންދަވަނީ، ޝަރުއީ ނިޒާމާ މެދު ސުވާލު އުފައްދަވައި ސޯޝަލްމީޑިއާގައި ވެސް ފާޑުވިދާޅުވަމުންނެވެ.

ފުލުސް އޮފީހަށް ހާޒިރުކުރުމުގެ ފަހަތުގައި އޮތީ އެ ސަބަބު ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

ފުލުހުންގެ ތަހުގީގުތަކާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުގައި، ހައިލަމްގެ މައްސަލައިގައި "މިހާރު"ން ސުވާލު ދެންނެވުމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އަށް ގެންނަ އިސްލާހީ ބަދަލުތަކާ އެކު ތަހުގީގުތައް މިހާރު ވަކި މީހަކަށް އަމާޒުވެފައި ނޯންނާނެ ކަމަށެވެ. ތަހުގީގުތައް ކުރިއަށް ގެންދާ މިންވަރަކުން ސުވާލުކުރަން ހާޒިރުކުރަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އެކައުންޓަކަށް ޖަމާވާ ފައިސާގެ ތެރެއިން، ތުހުމަތެއް ކުރެވޭ ފަދަ މާލީ މުއާމަލާތެއް ހިންގާ ނަމަ އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގެ ޒިންމާ އެކެވެ. އެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު އޮންނަނީ ފުލުހުންނަށެވެ.

"އެ ބޭފުޅުން އެ ގޮތަށް ރިޕޯޓުކުރާ މައްސަލަތައް އަޅުގަނޑުމެން ބަލަން ޖެހޭނެ. އަޅުގަނޑު މި މަގާމުގައި ހުންނަ އިރު އަޅުގަނޑުގެ އެކައުންޓަށް ކުއްލިއަކަށް 200،000ރ. ޖަމާވެއްޖެ ނަމަ، އެ ވަން ގޮތެއް ތަހުގީގު ކުރާނެ. ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓު [އެސްޓީއާރު] އަޅުގަނޑުމެންނަށް އެމްއެމްއޭ އިން ފޮނުވާނެ. އެ ރިޕޯޓުތައް އައީމާ އަޅުގަނޑުމެން ބަލާނެ،" ކޮމިޝަނަރު ވިދާޅުވި އެވެ.

އެފަދަ ޓްރާންސެކްޝަނެއް ހިނގި މަގްސަދާއި ކުރިން ހިނގާފައިވޭތޯ ބަލައި ތަހުގީގު ކުރުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި ސުވާލުކުރަން ހައިލަމް ނުވަތަ އެހެން މީހަކު ހާޒިރުކުރުމަކީ ކޮންމެހެން އެ މީހަކު ކުށްވެރިވުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އެ މޭރަމުން، ތަހުގީގަށް ސުވާލުކުރަން [ހައިލަމް ވެސް] ގެންނަނީ،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ ތަހުގީގުތައް މިހާރު ކުރަނީ ހެއްކާއި ގަރީނާގެ މައްޗަށް ކަމަށާއި ތަނަކުން މައްސަލައެއް ފޮނުވާ އިރަށް ވެސް މީހަކާ ވަގުތުން ސުވާލެއް ނުކުރާނެ އެވެ. ހެއްކާއި ގަރީނާ ހޯދައި ތަހުގީގުގައި ސުވާލު ކުރަން ޖެހޭ ހިސާބަށް ދިއުމުން ހާޒިރު ކުރަނީ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި މަގާމުގައި ހުންނަ އިރު އަޅުގަނޑުގެ އެކައުންޓަށް ކުއްލިއަކަށް 200،000ރ. ޖަމާވެއްޖެ ނަމަ، އެ ވަން ގޮތެއް ތަހުގީގު ކުރާނެ. ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓު [އެސްޓީއާރު] އަޅުގަނޑުމެންނަށް އެމްއެމްއޭ އިން ފޮނުވާނެ. އެ ރިޕޯޓުތައް އައީމާ އަޅުގަނޑުމެން ބަލާނެ،" ޕޮލިސް ކޮމިޝަނަރު

"ތަހުގީގަށް ސުވާލު ކުރަން ޖެހޭ ދަނޑިވަޅު އެނގުނީމާ، އެ ދަނޑިވަޅު އަޅުގަނޑުމެން ގެންނާނީ. ކުއްލިއަކަށް ނުގެންނާނަން،" ކޮމިޝަނަރު ވިދާޅުވި އެވެ.

ތަހުގީގަށް ހާޒިރުވާން އެންގުމުން، ހައިލަމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ރައްޓެއްސެއްގެ އަތުން އަނބުރާ ދައްކާ ގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި އެއް އެކައުންޓަށް އަނެއް އެކައުންޓަށް ދެ ލައްކަ ރުފިޔާ ޓްރާންސްފާ ކުރުމުން މަނީ ލޯންޑާ ކުރިކަމަށް ތުހުމަތުކޮށް ބިރެއް ނުދެއްކޭނެ ކަމަށެވެ.

ގާޒީއަކަށް ހުންނަވަނިކޮށް އެކައުންޓަށް ފައިސާ ފޮނުވި މައްސަލަ މީގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ބެލި އެވެ. އެ މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ގެނައީ ފުލުހުންނެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުން ހައިލަމް އިސްތިއުފާ ދެއްވީ، މިދިޔަ އަހަރުގެ ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި ކުރެހުމެއްގެ މައްސަލައިގައި ސަސްޕެންޑުކޮށް ގާޒީކަމުން ވަކިކުރަން ނިންމުމުންނެވެ. ހައިލަމް ފޮނުއްވި ކުރެހުމެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހައިފަ އެވެ.