Roadha Mihaaru
ޝަކުވާ ކުރުުމުގެ ފުރުސަތެއް ސާރީ އަށް ނެތް: ކަޕެއްލޯ

ޝަކުވާ ކުރުުމުގެ ފުރުސަތެއް ސާރީ އަށް ނެތް: ކަޕެއްލޯ

19 ޖޫން 2020

މިލާން (ޖޫން 19) - ޔުވެންޓަސް ފަދަ ވަރުގަދަ ސްކޮޑެއް އޮތް ކްލަބެއްގައި ހުރެ ނަތީޖާ ނުނެރެވިގެން ގިނަ ޝަކުވާތަކެއް ކުރުމުގެ ފުރުސަތެއް ސާރީ އަށް ނޯންނާނެ ކަމަށް މަޝްހޫރު ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިލާން (ޖޫން 19) - ޔުވެންޓަސް ފަދަ ވަރުގަދަ ސްކޮޑެއް އޮތް ކްލަބެއްގައި ހުރެ ނަތީޖާ ނުނެރެވިގެން ގިނަ ޝަކުވާތަކެއް ކުރުމުގެ ފުރުސަތެއް ސާރީ އަށް ނޯންނާނެ ކަމަށް މަޝްހޫރު ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފި އެވެ.

ސާރީގެ ކޯޗުކަމުގައި ޔުވެންޓަސް އަށް ވަނީ އިޓާލިއަން ސުޕަ ކަޕާއި އިޓާލިއަން ކަޕް ގެއްލިފަ އެވެ. އިޓާލިއަން ކަޕުގެ ފައިނަލުން ބުދަ ދުވަހުގެރޭ ޕެނަލްޓީ ޖަހައިގެން ޔުވެންޓަސް ބަލިވީ ސާރީގެ ކުރީގެ ކްލަބް ނަޕޯލީ އަތުންނެވެ. އެ މެޗުގައި ސާރީގެ ފަރާތުން މާ ރަނގަޅު ރޭވުންތެރިކަމެއް ނުފެންނަ ކަމަށް ކަޕެއްލޯ ވަނީ ބުނެފަ އެވެ.

"މެޗު ބެލި އެންމެނަށް ވެސް ފެނުނު ގޮތަށް އަހަންނަށް ވެސް ފެނުނީ ދެ ވަނަ ހާފްގައި ޔުވެންޓަސް އަށް އެއްވެސް ކަމެއް ނުކުރެވުނުތަން. އެ މީހުންނަށް ވެސް ވީ ހަމަ އިންޓަ މިލާނަށް ވީވަރު. އެހެންވީމާ މީގައި ކޯޗުގެ މައްސަލަތައް ހުރިކަން އެބަފެނޭ،" ކުރިން ޔުވެންޓަސް އަށް ވެސް ކޯޗުކޮށްދިން ކަޕެއްލޯ ބުންޏެވެ.

ވަރުގަދަ ސްކޮޑަކާ އެކު ސާރީ އަށް ޔުވެންޓަސްގައި އެކަށީގެންވާ ނަތީޖާ ނުނެރެވޭތީ ގިނަ ފާޑުކިޔުން އަންނަނީ އަމާޒުުވަމުންނެވެ. ކަޕެއްލޯ ބުނީ ހައްލުތަކެއް ހޯދުން އަވަސްކުރަން ޖެހޭ ކަމަށެވެ.

"ޔުވެންޓަސް ސްކޮޑާ ބެހޭގޮތުން ޝާރީ އަށް ޝަކުވާއެއް ނުކުރެވޭނެ. ނަތީޖާ ނުނެރެވިގެން ވިޔަސް ޝަކުވާ ކުރުމުގެ އެ ފުރުސަތެއް ނެތް. މީގައި މުހިއްމީ ފެންވަރު ރަނގަޅު ކުޅުންތެރިން ބެންޗުގައި ތިބުމެއް ނޫން. އެންމެ މުހިއްމު ކަމަކީ ކޯޗަށް ސްކޮޑު ގެންގުޅެވޭނެ ރަނގަޅު ޕްލޭނެއް އެނގި އެކަން ކުޅުންތެރިންނަށް ވެސް ހިއްސާ ކުރެވުން. މި ވަގުތަށް ބަލާއިރު އެ ހައްލު ހޯދުން ވަރަށް މުހިއްމު،" ކަޕެއްލޯ ބުންޏެވެ.

މި ހަފްތާ ބަންދުގައި އިޓާލިއަން ލީގު އަލުން ފަށާއިރު ޔުވެންޓަސް އެއް ވަަނައިގައި އޮތީ ދެ ވަނައިގައި އޮތް ލާޒިއޯ އަށް ވުރެން އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ޔުވެންޓަސް އަށް ލީގު ގެއްލިއްޖެނަމަ ސާރީ އަށް ޔުވެންޓަސްގެ ކޯޗުކަމުގައި ދެމިނުހުރެވޭނެ ކަމަށް އިޓަލީގެ ފުޓްބޯޅަ ތަޖުރިބާކާރުން ބުނެ އެވެ. ކަޕެއްލޯ ބުނީ އޭނާ އަށް ފެންނަ ފެނުމުގައި ސާރީ އަށް އަދިވެސް ޔުވެންޓަސްގެ ހާލަތު ބަދަލުކޮށް އަންނަ ސީޒަނުގައި އެ ޓީމުގައި މަޑުކުރުމުގެ ފުރުސަތު އެބައޮތެވެ.