Roadha Mihaaru
ބަލިމީހުން ގެންދިއުމުގެ ހުއްދަ ގައުމުތަކުން އަދި ނުލިބޭ

ބަލި މީހުން ގެންދިއުމުގެ ހުއްދަ އެއްވެސް ގައުމަކުން އަދި ނުލިބޭ: ފޮރިން މިނިސްޓްރީ

17 ޖޫން 2020

ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހި އެކަމަކު ކޮވިޑް-19އާ ގުޅިގެން ނުފުރިފައި ތިބި ބަލި މީހުން ގެންދިއުމުގެ ހުއްދަ އެއްވެސް ގައުމަކުން އަދި ނުލިބޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ޖެހި އެކަމަކު ކޮވިޑް-19އާ ގުޅިގެން ނުފުރިފައި ތިބި ބަލި މީހުން ގެންދިއުމުގެ ހުއްދަ އެއްވެސް ގައުމަކުން އަދި ނުލިބޭ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރި މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ ބޭރުން ފަރުވާ ބޭނުންވާ މީހުން ގެންދެވޭތޯ އަވަށްޓެރި ސްރީ ލަންކާ އަދި އިންޑިއާއިން ހުއްދަ ހޯދަން މަސައްކަތް ކުރަމުން އައި ނަމަވެސް އެ ހުއްދަ އަދި ނުލިބެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އާއި ސްރީ ލަންކާ އިން ވެސް ވަނީ ބޯޑަރު ބަންދުކޮށްފަ އެވެ. އެހެންކަމުން މި ދުވަސްވަރު ރާއްޖެ އާއި އެ ގައުމުތަކާ ދެމެދު ވައިގެ ދަތުރުތައް އޮންނަނީ ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެންނާށާއި ރާއްޖޭގައި ތިބި އެ ގައުމުތަކުގެ މީހުން ގައުމަށް އުފުލުމަށެވެ.

ދާދި ފަހުން އާސަންދައިން ބުނެފައި ވަނީ ބޭރުން ފަރުވާ ބޭނުން ގިނަ ބަޔަކު މިހާރު ވެސް ރާއްޖޭގައި އެބަ ތިބި ކަމަށެވެ. އޭގެ ތެރެއިން ހާލު ބޮޑު 33 މީހަކު ވީހާވެސް އަވަހަކަށް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާސަންދައިން ބުނެ އެވެ.

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގު "މިހާރު"އަށް ވިދާޅުވީ ގާތްގަނޑަކަށް ދެ ހަފުތާ ވެގެން ދާ އިރު ވެސް ހުއްދަ ނުލިބޭތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ފަރުވާ ނުދެވި ލަސްވާ ނަމަ ބަލި މީހުންގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަރިޔަމް ވިދާޅުވީ ރާއްޖެއިން ބޭރަށް ދާން އެދިފައިވާ މީހުންގެ ތެރޭގަައި ހަމައެކަނި ޑޮކްޓަރަށް ދައްކާލަން ބޭނުންވާ މީހުން ތިބި ނަމަވެސް މިހާރު ކަނޑައަޅާފައިވާ ލިސްޓްގައި ހިމެނޭނީ ހަމައެކަނި ރާއްޖެއިން ފަރުވާ ދެވެން ނެތް ބަލި މީހުން ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެން ކިތަންމެ ބޭނުންވިޔަސް ރޭޑިއޭޝަނެއް ނުދެވޭނެ ރާއްޖެއިން. ދެން އެބަތިބި ހިތުގެ އޮޕަރޭޝަންތައް ކުރަން ޖެހޭ ކުޑަކުދިންނާއި ލޮލުގެ ބައެއް އޮޕަރޭޝަންތައް ކުރަން ޖެހޭ މީހުން ވެސް،" މަރިޔަމް ވިދާޅުވި އެވެ.

މިހާރު ހުއްދަ ލިބުނަސް މިހާރުން މިހާރަށް ދެވޭނެ. އެކަމަކު ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތީމަ ކުރެވޭނެ ކަމެއް ނެތް: މަރިޔަމް

މަރިޔަމް ވިދާޅުވި ގޮތުގައި އެންމެ އަވަހަށް ބޭރަށް ފޮނުވަން ބޭނުންވާ މީހުންގެ ތެރޭގައި ތިބީ ކެންސަރު ބަލީގައި ރޭޑިއޭޝަން ދޭން ޖެހޭ މީހުންނެވެ. އެކަމަކު އޭގެ ތެރެއިން ވެސް ބައެއް މީހުން މި ވަގުތު ބޭރަށް ދާން ބޭނުންނުވާތީ އެހެން ގޮތް ގޮތުން ފަރުވާ ދެމުން އަންނަ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެއީ ވެސް ހައްލެއް ނޫން ކަމަށެވެ.

ބޭރަށް ފޮނުވަން ޖެހޭ ހާލަތުގައި ތިބި ބައެއް މީހުން މިހާރު ވަނީ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފަ އެވެ. އަދި އަގު ބޮޑުވިޔަސް ބައެއް މީހުންނަށް އޭޑީކޭއިން ފަރުވާ ހަމަޖެއްސުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މަރިޔަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަސްލު ވަރަށް ބޮޑަށް ބޭނުން ފޮނުވައިދޭން. އަޅުގަނޑުމެން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމައިފިން. މިހާރު ހުއްދަ ލިބުނަސް މިހާރުން މިހާރަށް ދެވޭނެ. އެކަމަކު ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތީމަ ކުރެވޭނެ ކަމެއް ނެތް،" މަރިޔަމް ވިދާޅުވި އެވެ.

އިންޑިއާ އަކީ މިވަގުތު އެންމެ ބާރަށް ކޮވިޑް-19 ފެތުރެމުން އަންނަ އެއް ގައުމެވެ. އެ ގައުމުގެ 350,000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، އޭގެ ތެރެއިން 11,000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެކަމަކު ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު އުޅެނީ 2،000 އިން ދަށުގަ އެވެ.