Roadha Mihaaru
ފްލޯއިޑްގެ ދަރިފުޅަށް ޑިޒްނީގެ ހިއްސާ ގަނެދީފި

ޖޯޖް ފްލޯއިޑްގެ ދަރިފުޅަށް ޑިޒްނީގެ ހިއްސާ ގަނެދީފި

16 ޖޫން 2020

އެމެރިކާ ފުލުހުންގެ އަނިޔާގައި މަރުވި ޖޯޖް ފްލޯއިޑްގެ ދަރިފުޅު ޖިއާނާ ފްލޯއިޑަށް، އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ބާބްރާ ސްޓްރައިޒަންޑް ޑިޒްނީގެ ހިއްސާ ގަނެދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާ ފުލުހުންގެ އަނިޔާގައި މަރުވި ޖޯޖް ފްލޯއިޑްގެ ދަރިފުޅު ޖިއާނާ ފްލޯއިޑަށް، އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ބާބްރާ ސްޓްރައިޒަންޑް ޑިޒްނީގެ ހިއްސާ ގަނެދީފި އެވެ.

ހަ އަހަރުގެ އަންހެން ކުއްޖާ އަށް ބާބްރާ ޑިޒްނީގެ ހިއްސާ ގަނެދިނުމާ ގުޅިގެން، ޖިއާނާގެ އިންސްޓަގްރާމްގައި ވަނީ ހިއްސާގެ ލިޔުމުގެ ފޮޓޯއަކާ އެކު، ބާބްރާ އަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އެ ފޮޓޯއާ އެކު ޖިއާނާ ބުނެފައި ވަނީ އޭނާ އަކީ މިހާރު ޑިޒްނީގެ ހިއްސާދާރެއް ކަމަށާއި އެ ފުރުސަތު ފަހިކޮށްދިން ކަމަށްޓަކައި ބާބްރާ އަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނަމަވެސް ޖިއާނާ އަށް ބާބްރާ ގަނެދިނީ ކިތައް ހިއްސާކަމެއް ނުބުނެ އެވެ. ޑިޒްނީގެ ހިއްސާއެއްގެ އަގު މި ވަގުތު އުޅެނީ 115 ޑޮލަރުގަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން އެ ކުންފުނީގެ ހިއްސާގެ އަގު އުޅުނީ 140-150 ޑޮލަރާ ދެމެދުގަ އެވެ.

ޑިޒްނީގެ ހިއްސާގެ އިތުރުން ބާބްރާ، 78، ވަނީ އޭނާގެ ދެ އަލްބަމެއްގެ ކޮފީ ވެސް ޖިއާނާ އަށް ހަދިޔާކޮށްފަ އެވެ. އެއީ 1965 ގެ "މައި ނޭޒް އިޒް ބާބްރާ" އާއި 1966 ގެ "ކަލަ މީ ބާބްރާ" އެވެ.

ޖޯޖް ފްލޯއިޑްގެ މަރާ އެކު، ކަޅު ނަސްލުގެ މީހުންގެ ހައްގުގައި އެމެރިކާގައި އުފުލާ އަޑުތައް މިއިން ޒަމާނަކު ގަދަނުވާ ވަރަށް މިހާރު ވަނީ ގަދަވެފަ އެވެ.

އެ ހާދިސާއާ ގުޅިގެން އޭނާގެ އާއިލާ އަށް އެތައް ބައެއްގެ ހަމްދަރުދީ އާއި ލޯބި އޮހެމުންނަ އިރު، މަޝްހޫރު ރެޕާ ކަންޔޭ ވެސްޓް ވަނީ ޖިއާނާގެ ކިޔެވުމުގެ ހަރަދު ދޭން ނިންމައިފަ އެވެ. ބިލިއަނަރު ކަންޔޭ އަކީ މަޝްހޫރު ރިއަލިޓީ ޝޯ ތަރި ކިމް ކާޑޭޝަންގެ ފިރިމީހާ އެވެ.

ޖޯޖް ފްލޯއިޑްގެ އާއިލާ އަށް އެހީވާން ގޯފަންޑްމީ ޕޭޖުން ވެސް މިހާރު ވަނީ ފަންޑްރައިޒްކުރުމުގެ ކެމްޕޭނެއް ފަށައިފަ އެވެ. އެއަށް މިހާތަނަށް 200،000 އަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ. އެ ކެމްޕޭނުންނ ލިބޭ ފައިސާ ޖަމާކުރާނީ ދަ ޖޯޖް އެންޑް ޖިއާނާ ފްލޯއިޑްގެ ނަމުގައި ހަދާފައިވާ ފައުންޑޭޝަނަށެވެ.