Roadha Mihaaru
އެމެރިކާ ހަނދަށް ދާއިރު ރަޝިއާ މަޑަކުން ނޯންނާނެ

އެމެރިކާ އަލުން ހަނދަށް ދާއިރު ރަޝިއާ މަޑަކުން ނޯންނާނެ

10 ޖޫން 2020

ނާސާ އަށް އަމިއްލަ އުޅނަދެއްގައި އެސްޓްރޮނޯޓަކު ޖައްވަށް ފޮނުވޭނެ ގޮތެއް ނެތި ނުވަ އަހަރު ފާއިތުވެއްޖެ އެވެ. މި މުއްދަތުގައި، ނާސާ އަށް ދަތުރުތައް ކޮށްދީފައި ވަނީ ރަޝިއާ އިން، ވިޔަފާރި އުސޫލުންނެވެ. ސޮޔުޒް ރޮކެޓެއްގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފޮނުވާ ކޮންމެ އެސްޓްރޮނޯޓަކަށް 80 މިލިއަން ޑޮލަރު ނާސާއިން ވަނީ ހޭދަކޮށްފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ނާސާ އަށް އަމިއްލަ އުޅނަދެއްގައި އެސްޓްރޮނޯޓަކު ޖައްވަށް ފޮނުވޭނެ ގޮތެއް ނެތި ނުވަ އަހަރު ފާއިތުވެއްޖެ އެވެ. މި މުއްދަތުގައި، ނާސާ އަށް ދަތުރުތައް ކޮށްދީފައި ވަނީ ރަޝިއާ އިން، ވިޔަފާރި އުސޫލުންނެވެ. ސޮޔުޒް ރޮކެޓެއްގައި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފޮނުވާ ކޮންމެ އެސްޓްރޮނޯޓަކަށް 80 މިލިއަން ޑޮލަރު ނާސާއިން ވަނީ ހޭދަކޮށްފަ އެވެ.

ނާސާއިން ޖައްވީ ދަތުރުތައް ހުއްޓާލާފައި ވަނީ ކޮލަމްބިއާ އުޅަނދަށް ދިމާވި ހިތާވެރި ހާދިސާ އަށް ފަހު އެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނުން އެނބުރި ބިމަށް ދަތުރުކުރި މަގުމަތީގައި، ދުނިޔޭގެ ވައިގެ ވަށަލަ ތެރޭގައި، ހަތް ފަޅުވެރިންނާ އެކު ކޮލަމްބިއާ ވަނީ އަނދައި ހުލިވެފަ އެވެ. މި ހާދިސާ އަށް ފަހު ނާސާ އަށް ކުރިމަތިވި ފާޑުކިޔުންތަކުގެ ސަބަބުން، ޖައްވީ އުޅަނދުފަހަރު އަލުން ޑިޒައިންކުރަން ވަނީ މަޖުބޫރުވެފަ އެވެ. ނަމަވެސް، ނާސާ އިން އެދުނު ވަރަށް ފައިސާ ނުލިބުމުގެ ސަބަބުން، ޖައްވީ ދަރުތުރުފަތުރުތައް ވިޔަފާރި ކުންފުނިތަކަށް ވަނީ ހުޅުވާލައިފަ އެވެ. ސްޕޭސްއެކްސް އިން ނާސާއާ ގުޅިގެން ޖައްވީ ވިޔަފާރި އަށް ވަނީ މި ހިސާބުންނެވެ.

ސްޕޭސްއެކްސް އިން މިހާރު ވަނީ، އެ ކުންފުނީގެ ޑްރޭގަން ޖައްވީ އުޅަނދުގައި، ނާސާގެ ދެ އެސްޓްރޮނޯޓުން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ގެންގޮސްދީފަ އެވެ. މިއީ އަމިއްލަ ކުންފުންޏަކުން އެސްޓްރޮނޯޓަކު ޖައްވަށް އުފުލި ފުރަތަމަ ފަހަރެވެ. ޑްރޭގަން ޖައްވީ އުޅަނދު ބިމު އުފުލަށް ބޭނުންކޮށްފައި ވަނީ، ސްޕޭސްއެކްސްގެ ފެލްކަން ރޮކެޓެކެވެ.

ޑްރޭގަން ޖައްވީ އުޅަނދު، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ބަނދަރުކުރުން ވެފައި ވަނީ އެމެރިކާ އަށް ވަރަށް ބޮޑު ކާމިޔާބީއަކަށެވެ. މި މަންޒަރު ބައްލަވަން ހުންނެވުމަށް ފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިކަހަލަ ކޮންމެ ކަމެއް ވެސް އެންމެ ފުރަތަމަ ކުރާ ގައުމަކަށް އެމެރިކާ ވާން ޖެހޭ ކަމަށެވެ. އަދި ވާނެ ކަމަށެވެ. އަދި 2024 ގައި އެމެރިކާގެ އެސްޓްރޮނޯޓުން ހަނދަށް ދާނެ ކަމަށާއި، ހަނދުގައި ދެން އެންމެ ފުރަތަމަ ފައިޖައްސާނީ އަންހެނެއް ކަމަށެވެ. އަދި ހަނދުގައި ދާއިމީ ވަޒަނެއް އެ މީހުން ގާއިމުކުރާނެ ކަމަށާއި، މާސް އަށް އެންމެ ފުރަތަމަ ދާނީ ވެސް އެމެރިކާ މީހުން ކަމަށެވެ.

ރަޝިއާ އިން ވަނީ މި ވާހަކަތަކަށް ރައްދު ޖަވާބުދީފަ އެވެ. ރަޝިއާގެ ސްޕޭސް އޭޖެންސީން ބުނީ، ކުރާނެ ކަމެއް ނޭނގި، ތަލިން ކުޅުހިކިފަައި ތިބި ބަޔަކަށް އެ މީހުން ވެސް ނުވާނެ ކަމަށެވެ. ހަނދު އަދި މާސް އަކީ ވަކި ބައެއްގެ ތަންތަން ނޫން ކަމަށާއި، އެއިން ތަނަކަށް ދިއުމަށް ރަޝީއާ އިން ހުއްދަ ހޯދަންޖެހޭ ގައުމެއް ނެތް ކަމަށް ބުންޏެވެ.

ރަޝިއާ އަށް ކަމުކިޔައި، ރަޝިއާގެ ސޮޔުޒު ރޮކެޓްތައް ނޫން ގޮތެއް އެމެރިކާ އަށް ނެތް ދުވަހު، ރަޝިއާ އިން ވަނީ ނާސާ އަށް ޖޯކުޖަހައިފަ އެވެ. ރަޝިއާގެ ސްޕޭސް ޗީފް، ޑިމިޓްރީ ރޮގޮޒީން ވިދާޅުވި ގޮތުގައި، ނާސާގެ އެސްޓްރޮނޯޓުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދިއުމަށް 'ޓްރެމްޕުލީން' ބޭނުންކުރަންޖެހޭ ދުވަހެއް ވެސް އަތުވެދާނެ އެވެ. ޓްރެމްޕުލީން އަކީ އޭގެ މައްޗަށް އަރައި ފުމެ، ބުރުއެޅޭ ގޮތަށް، ފައިޖައި ވަށައިގެން ވާންކޮށް ދަމާފައި އޮންނަ ސަތަރި ފޮތިގަޑެކެވެ.

ރަޝިއާގެ ސޮޔުޒު ރޮކެޓްތަކަކީ ޖައްވީ ތާރީޚުގައި ވެސް ކާމިޔާބު އުޅަނދުތަކެކެވެ. އެ އުޅަނދުފަހަރުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ގާއިމުނުކުރި ނަމަވެސް، ސޮޔުޒު ރޮކެޓްތައް އުފައްދައި ބަލަހައްޓަނީ ދެމެހެއްޓެނިވި އިންޖިނޭރިން ބޭނުންކޮށްގެންނެވެ. އެހެންކަމުން، އެމެރިކާ އިން މިހޯދި ކާމިޔާބީ އަށް ފަހު ވެސް ރަޝިއާގެ އެހީތެރިކަން އެމެރިކާ އަށް އަދި ވެސް ބޭނުންވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.