Roadha Mihaaru
ޔުނައިޓެޑުން ފާޓީ އަށް 100 މިލިއަން ޔޫރޯ!

ޔުނައިޓެޑުން ފާޓީ އަށް 100 މިލިއަން ޔޫރޯ!

09 ޖޫން 2020

ލަންޑަން (ޖޫން 9) - ބާސެލޯނާގެ ޒުވާން ތަރި އަަންސޫ ފާޓީ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން އޮފާކުރި 103 މިލިއަން ޔޫރޯ އަށް ބާސެލޯނާ އިން ދާދި ފަހުން ނޫނެކޭ ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (ޖޫން 9) - ބާސެލޯނާގެ ޒުވާން ތަރި އަަންސޫ ފާޓީ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން އޮފާކުރި 103 މިލިއަން ޔޫރޯ އަށް ބާސެލޯނާ އިން ދާދި ފަހުން ނޫނެކޭ ބުނެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފައިވާ އުމުރުން 17 އަހަރުގެ ފާޓީ އަކީ މުސްތަގުބަލުގައި އެންމެ ވިދާލާނެ ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން ބުނާ އެއް ކުޅުންތެރިޔާ އެވެ. މި ސީޒަނުގައި ބާސެލޯނާ ކުޅުނު ގިނަ މެޗުތަކުގައި ފާޓީ ބޭނުންކޮށްފައިވާއިރު، އޭނާ އަށް އެ ޓީމުގެ ގިނަ ކުޅުންތެރިން ވަނީ ތައުރީފުކޮށްފަ އެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ ފާޓީ އަށް 100 މިލިއަން ޔޫރޯގެ ބިޑެއް ކްލަބަކުން ހުށަހެޅި ކަމަށާއި އެ ކަމަކު ވަގުތުން ބާސެލޯނާ އިން އެ ހުށަހަޅުމަށް ނޫނެކޭ ބުނެފައިވާ ކަމަށް ކްލަބުގެ ބޯޑާ ހިއްސާކޮށްފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ފާޓީ އަށް 100 މިލިއަން ޔޫރޯ ހުށަހެޅި ކްލަބަކީ ޔުނައިޓެޑް އެވެ. ޔުނައިޓެޑުން ވަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އިނގިރޭސި ވިންގް ޖޭޑަން ސަންޗޯ ހޯދަން ކުރާ މަސައްކަތް މަޑުޖައްސާލައިފަ އެވެ. އެއީ ސަންޗޯ ވިއްކާލަން ޑޯޓްމަންޑުން ކިޔާ 140 މިލިއަން ޔޫރޯ ބޮޑުވުމުންނެވެ. ފާޓީ އަކީ ވެސް ސަންޗޯގެ ބަދަލުގައި ޔުނައިޓެޑުން ގެންނަން ބޭނުންވި ކުޅުންތެރިޔެކެވެ. ސަންޒޯ އާއި ފާޓީގެ ޑީލްގައި ކުރިއެރުމެއް ނުލިބޭތީ ޔުނައިޓެޑުން މިހާރު ވަނީ އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް ގެންނަން ކުރާ މަސައްކަތް ވަރުގަދަކޮށްފަ އެވެ.

ސްޕެނިޝް ލީގުގެ އެއް މެޗެއްގައި ދެ ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ވެސް ގާއިމްކޮށްފައިވާ ފާޓީގެ އޭޖެންޓަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވެސް އޭޖެންޓް ޖޯޖް މެންޑޭޒް އެވެ. ފާޓީގެ ކޮންޓްރެކްޓްގައިވާ ގޮތުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އޭނާގެ ސޮއިހޯދާނަމަ 170 މިލިއަން ޔޫރޯ ދައްކަން ޖެހެ އެވެ. އަދި އަންނަ ސީޒަނުގައި ފާޓީގެ ކޮންޓްރެކްޓަށް ގެންނަން ހަަމަޖެހިފައިވާ ބަދަލާ އެކު އޭނާ ވިއްކާލާނެ އަގު އިތުރަށް ބޮޑުވާނެ އެވެ.

އަންނަ އަހަރަކީ ބާސެލޯނާގެ އިންތިހާބު އަހަރު ކަމަށްވާތީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އިން ބޮޑެތި ޓްރާންސްފާތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ބޮޑެވެ. އެ ގޮތުން އިތުރު ދައުރަަކަށް ބާސެލޯނާގެ ރައީސްގެ މަގާމުގައި ހުންނަވަން އަމާޒުހިފާފައިވާ މިހާރުގެ ރައީސް ބާޓޮމެއު އެންމެ ބޭނުންވަނީ އަލުން ބްރެޒިލްގެ ތަރި ނޭމާ އެ ޓީމަށް ގެންނާށެވެ. އަދި އިންޓަ މިލާނަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް ވެސް ބާސެލޯނާ އިން ފެނުމުގެ ފުރުސަތު އެބައޮތެވެ.