Roadha Mihaaru
އައްޑޫގެ ވިޔަފާރި ގަޑިތަކަށް އާންމުންގެ ހިޔާލު ހޯދަނީ

އައްޑޫގެ ވިޔަފާރި ގަޑިތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަނީ

07 ޖޫން 2020

އައްޑޫގެ ވިޔަފާރި ގަޑިތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ސާވޭއެއް ހަދަން ނިންމައި، އޭގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގެ ވިޔަފާރި ގަޑިތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން ސާވޭއެއް ހަދަން ނިންމައި، އޭގައި ބައިވެރިވުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނި ގޮތުގައި މި ސާވޭ އަކީ މިހާރު އައްޑޫގައި ވިޔަފާރިކުރެވޭ ގަޑިތަކަށް ބަދަލު ގެނައުމާ ބެހޭ ގޮތުން ހިޔާލު ހޯދަން ކުރިއަށް ގެންދާ ސާވޭއެކެވެ. މި ސާވޭ ކުރާނީ މިއަދުން ފެށިގެން އަންގާރަ ދުވަހާ ހަމައަށެވެ.

އެހެންވެ ސާވޭގައި ބައިވެރިވާން ބޭނުންވާ މީހުންނަށް ވަނީ ހާއްސަ ފޯމެއް ފުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. ކައުންސިލުން ބުނީ އައްޑޫގެ ވީހާ ވެސް ގިނަ ބަޔަކު މީގައި ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި، އައްޑޫގައި ވިޔަފާރިކުރެވޭ އުސޫލުތަކާއި ގަޑިތަކަށް އެކި ފަހަރުމަތިން ގެނައި ބަދަލުތަކާ އެކު މިހާރު ފިހާރަތައް ހުޅުވައިގެން ހިދުމަތް ދެވެނީ ހެނދުނު 6:00 އިން ހަވީރު 6:00 އަށެވެ. އޭގެ ފަހުން ފިހާރަތައް ހުޅުވުމާއި ޑެލިވަރީގެ ހިދުމަތް ދިނުން ވެސް މަނަލެވެ.

ނަމަވެސް ކެފޭ/ރެސްޓޯރަންޓްތަކުން ހެނދުނު 6:00 އިން ރޭގަނޑު 10:00 އަށް ހިދުމަތް ދެވެ އެވެ. އަދި އެ ނޫން ގަޑިތަކުގައި އެ ތަންތަން ހުޅުވުމާއި ޑެލިވަރީގެ ހިދުމަތް ވެސް ނުދެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

މި ބަދަލުތަކާ ގުޅިގެން އައްޑޫގެ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެއް ކަމަކީ ޑެލިވަރީގެ ހިދުމަތް ވެސް ނުލިބޭ ގޮތަށް، ރޭގަނޑު ފިހާރަތައް ނުހުޅުވާ ގޮތަށް ހަމަޖެއްސުމެވެ.

އައްޑޫގެ ވިޔަފާރި ގަޑިތަކާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދަން މި ދަނޑިވަޅުގައި އަލުން ހުޅުވައިލި އިރު، މިފަދަ ކަމެއް 2014 ގައި ވެސް އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައިވެ އެވެ. އޭރު ވެސް ބެލީ ރޭގަނޑު ފިހާރަތައް ބަންދުކޮށްފައި ބަހައްޓަން ވިޔަފާވެރިންނާއި އާންމުން ތާއީދުތޯ ބެލުމެވެ.