Roadha Mihaaru
"ގުޅިފަޅު ޕްރޮޖެކްޓް އީއައިއޭއާ ހިލާފުވިޔަ ނުދޭނަން"

ގުޅިފަޅު ޕްރޮޖެކްޓް ކުރިއަށް ދަނީ އީއައިއޭއާ އެއްގޮތަށް ކަން ކަށަވަރުކުރާނަން: ހުސައިން ރަޝީދު

06 ޖޫން 2020

ގުޅިފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީކުރަން ކުރިއަށް ގެންދަނީ އެކަމަށް ޓަކައި ހަދާފައިވާ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓްގައި ކަނޑައަޅާފައިވާ މިންވަަރަށް، އެ މަޝްރޫއުުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް ކަަން ކަށަވަރު ކުރައްވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގުޅިފަޅުގައި ވިޔަފާރި ބަނދަރު ތަރައްގީކުރަން ކުރިއަށް ގެންދަނީ އެކަމަށް ޓަކައި ހަދާފައިވާ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓްގައި ކަނޑައަޅާފައިވާ މިންވަަރަށް، އެ މަޝްރޫއުުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް ކަަން ކަށަވަރު ކުރައްވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ހިއްކަން ވެގެން ހަދާފައިވާ އީއައިއޭ ރިޕޯޓްގައި ގެއްލުންވާނެ މިންވަރު ކަމަށް ކަނޑައަޅާފަައިވާ މިންވަރަށް ވުރެ ބޮޑަށް ގެއްލުން ވާ ނަމަ އެކަން އިސްލާހުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެެވެ. އެ ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާ ސްޓްރަކްޗާއިން ހިންގާ ޕްރޮޖެކްޓެކެވެ. ހުސައިން ރަޝީދު ވިދާޅުވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ އެ ޔަގީންކަން ދެއްވާފައި ކަމަށެވެ.

"އަދި އަޅުގަނޑުމެން މިއަދު، ދުނިޔޭގެ ތިމާވެށީގެ ދުވަހު މި ޔަގީންކަން އެންމެހާ ރައްޔިތުންނަށް ދޭން ބޭނުންވޭ އީއައިއޭގައި ކަނޑައަޅާފައި އޮތް މިންގަނޑު ފަހަނަ އަޅައި ގޮސް، އެއަށް ވުރެ ތިމާވެއްޓަށް ގެއްލުންވާ ގޮތަކަށް އެ ޕްރޮޖެކްޓް [ގުޅިފަޅުން ބިން ހިއްކުުމުގެ ޕްރޮޖެކްޓް] ހިންގާނެ ފުރުސަތެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިސަރުކާރަކުން ނުދޭނަން،" އޭނާ ވިދާޅުވި އެވެ.

ގުޅިފަޅު ޕްރޮޖެކްޓްގެ ސަބަބުން ތިމާވެށްޓަށް ގެއްލުންވާ މިންވަރާއި މެދު އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަކި ގޮތަކަށް ޖަވާބެއް ހޯދައި ރައްޔިތުންނަށް ކަމެއް އޮޅުވައިލައްވަން ނޫޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވީ ގުޅިފަޅު ޕްރޮޖެކްޓާ ބެހޭ ގޮތުން ވަކި ގޮތަކަށް މައުލޫމާތު އާއްމުކުރަން މިނިސްޓްރީން ބޭނުންވާ ކަމަށް އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމު ތުހުމަތުކުރައްވާފައި ވަނިކޮށެވެ. ހުސައިން ރަޝީދު ވިދާޅުވީ ގުޅިފަޅު ޕްރޮޖެކްޓްގެ ކަންތައްތައް ބަލަން އީޕީއޭއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދީފައި ވާނެ ކަަމަށެވެ.

ލޮކްޑައުންގެ ހާލަތުގައި އެ ސަރަހައްދަށް ދަތުރުކުރަން ބޭނުންވާ ހުއްދަ އާއި ދަތުރުކުރަން ބޭނުންވާ ފައިސާ އަދި އިކްއިޕްމެންޓް ވެސް ފޯރުކޮށްދީފައި ވާނެ ކަަމަށް އޭނާ ވިދާޅުވި އެވެ. އީޕީއޭ އިން މަސަައްކަތްކުރަނީ މުސްތަގިއްލުކޮށް ކަމަށާއި ކުރަންވީ ކަންތައްތަައް މިނިސްޓްރީން ނުބުނާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓާރު ވިދާޅުވި ގޮތުގައި އީޕީއޭގެ މަސައްކަތުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

"އީޕީއޭއިން ފާހަގަކުރި އެއް ކަމަކީ ތިމަންނަމެންނަށް އެ ތަނަށް ދެވޭނެ ގޮތެއް ނެތޭ. ދެން އެ މީހުންނަށް ބޭނުންވާ ހުއްދަތައް އަޅުގަނޑުމެން ހޯދިން. އަދި އީޕީއޭގެ މިކަމަށް ބޭނުންވާ ފައިސާ ނެތް ކަމަށް ވިދާޅުވީމާ އަޅުގަނޑުމެން ދެންނެވިން ފައިސާގެ ގޮތުން ބޭނުންވާ އެހީތެރި ކަމެއް އަޅުގަނޑުމެން މިނިސްޓްރީން ފޯރުކޮށްދޭނަމޭ. އަދި އެތަން ބަލަން ދާން ބޭނުންވާ އުޅަނދާ، އަދި އެތަން މަތިން ބަލަން ބޭނުންވާ ޑްރޯންއާ މި ހުރިހާ އެއްޗެއް ވެސް އަޅުގަނޑުމެން ފޯރުކޮށްދޭނަމޭ،" އޭނާ ވިދާޅުވި އެވެ.