Roadha Mihaaru
ޕްރައިވެޓް ޖެޓްތައް ޖައްސަން އިތުރު އެއާޕޯޓްތައް ބަލަނީ

ޕްރައިވެޓް ޖެޓްތައް ޖައްސަން އިތުރު އެއާޕޯޓްތައް ބަލަނީ

04 ޖޫން 2020

ކޮވިޑް-19 ފެތުރޭތީ ރާއްޖެ އަށް މީހުން އައުން މަނާކޮށްފައި އޮތުމަށް ފަހު، ޓޫރިޒަމަށް ރާއްްޖެ އަލުން ހުޅުވައިލާ އިރު އުއްމީދުކުރާ ވަރަށް އެއާލައިންތައް ނައުން އެކަށީގެންވާ ކަމަށާއި ގިނައިން އަންނާނީ ޕްރައިވެޓް ޖެޓްތައް ކަމަށް ބެލެވޭތީ އިތުރު ދެތިން އެއާޕޯޓަކަށް ޕްރައިވެޓް ޖެޓް ޖެއްސޭނެ ގޮތެއް ހެދޭތޯ ބަލަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ފެތުރޭތީ ރާއްޖެ އަށް މީހުން އައުން މަނާކޮށްފައި އޮތުމަށް ފަހު، ޓޫރިޒަމަށް ރާއްްޖެ އަލުން ހުޅުވައިލާ އިރު އުއްމީދުކުރާ ވަރަށް އެއާލައިންތައް ނައުން އެކަށީގެންވާ ކަމަށާއި ގިނައިން އަންނާނީ ޕްރައިވެޓް ޖެޓްތައް ކަމަށް ބެލެވޭތީ އިތުރު ދެތިން އެއާޕޯޓަކަށް ޕްރައިވެޓް ޖެޓް ޖެއްސޭނެ ގޮތެއް ހެދޭތޯ ބަލަމުން އަންނަ ކަމަށް ޓްރާންސްޕޯޓް އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން މިރޭ ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްރީގެ ސްޓޭޓްް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ އެހެން އެއާޕޯޓްތަކަށް ޕްރައިވެޓް ޖެޓް ޖައްސަން ހުއްދަ ދޭނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް ތައްޔާރުވާ ތަންތަނަށް ކަމަށެވެ. އޭނާ ވިދާޅުވީ ގައިޑްލައިން ތައްޔާރުކުރަމުން އަންނަނީ އަޔާޓާ އާއި އައިކާއޯ އަދި ރާއްްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ފުރަތަމަ ފައްޓައިގަންނަ އިރަކު އެކްޕެކްޓޭޝަންސްއާ އެއްވަރަކަށް ނާންނާނެ. އަޅުގަނޑަށް ހީވަނި ބޮޑަށް އަންނާނީ ޗާޓާސް އަދި ޕްރައިވެޓް ޖެޓްސް އެއްޗިހިހެން. އަޅުގަނޑުމެން މި ބަލަނީ މާލޭގެ އިތުރުން އެހެން ދެތިން އެެއާޕޯޓެއް ވެސް ޕްރައިވެޓް ޖެޓްތައް ޖެއްސޭ ގޮތަކަށް. އަޅުގަނޑުމެން މި ތައްޔާރުކުރާ ގައިޑްލައިނާ އެއްގޮތަށް އެ ބޭފުޅުންނަށް ތައްޔާރުވެވިއްޖެއްޔާ އެތަންތަނަށް ވެސް އޮޕަރޭޓްކުރަން ހުއްދަ ދޭން،" އޭނާ ވިދާޅުވި އެވެ.

ނ. މާފަރުގައި ހަދާފައިވާ އެއާޕޯޓަކީ މިހާރު ޖެޓްތައް ޖައްސާ އެއާޕޯޓްތަކުގެ އިތުރުން ދެން އެންމެ ބޮޑަށް ތައްޔާރުވެފައި އޮތް ތަން ކަމަށް ވާތީ ޓްރާންސްޕޯޓުގެ އަމާޒަކީ އެއީ ކަމަށް ބެލެވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން އަތޮޅު ތެރޭގައި ހުރި ބައެއް އެއާޕޯޓްތަކަށް ވެސް ޖެޓްތައް ޖެއްސެ އެވެ.

ޒުހައިރު ވިދާޅުވީ ރާއްޖެ އަށް ދަތުރުތައް ފަށަން ޝައުގުވެރިވާ އެއާލައިންތައްް ގިނަ ކަަމަށާއި ބޯޑަރު އަލުން ހުޅުވާނެ އިރެއް ބަލަން އެ އެއާލައިންތަކުން ގުޅަމުން ވެސް އަންނަ ކަމަށެވެ. ދުނިޔޭގެ ހުރިހާ ގައުމެއް ވެސް އަދި ތިބީ ގޮތް ނިންމަން ނޭނގޭ ހާލަތެއްގައި ކަމަށާއި އެއާލައިންތައް އައުން ބިނާވާނީ ގައުމުތައް ހުޅުވާ މިންވަރެެއްގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އުއްމީދުކުރެވެނީ ކުރިއަށް އޮތް ދެތިން ހަފްތާއެއް ތެރޭގައި ގާތްގަނޑަކަށް އެނގޭނެ ކަންނޭނގެ ޑިމާންޑް އަންނަ ވަރެއް، "އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ މާޗް މަހު އެވެ. ސަރުކާރުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ޓޫރިޒަަމް އަލުން ފެށުމަށެެވެ. ކޮވިޑް-19 ފެތުރުމުގެ ބިރާ އެކުގައި އެ ސިނާއަތު ކުރިއަށް ގެންދާނެ ރައްކާތެރިކަމުގެ ގައިޑްލައިނެއް ވެސް މިހާރު ވަނީ އެކުލަވާލައިފަ އެވެ.