Roadha Mihaaru
ސްޓެލްކޯއިން ކަރަންޓީން ފެސިލިޓީތަކަށް ބޮޑު ހޭދައެއް

ސްޓެލްކޯ އިން ކަރަންޓީން ފެސިލިޓީތަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކޮށްފި: މުގުނީ

30 މެއި 2020

ކޮވިޑް-19 އާ ގުޅިގެން ތައްޔާރުކުރާ ކަރަންޓީން ފެސިލިޓީތަކަށް ސްޓެލްކޯގެ ފަރާތުން ފަސް މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން ތައްޔާރުކުރާ ކަރަންޓީން ފެސިލިޓީތަކަށް ސްޓެލްކޯގެ ފަރާތުން ފަސް މިލިއަނެއްހާ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި މުގުނީ ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކަށް ސްޓެލްކޯ އިން ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށެވެ. ސްޓެލްކޯގެ އިތުރުން ސަރުކާރު ހިއްސާވާ އެހެން ބައެއް ކުންފުނިތަކުން ވެސް ކޮވިޑް-19 އާ ގުޅިގެން އަންނަނީ ބޮޑެތި ހޭދަތަކެއް ކުރަމުންނެވެ.

ކަރަންޓީން ފެސިލިޓީތަކަށް ސްޓެލްކޯ އިން ބޮޑު ހޭދައެއް ކޮށްފައިވީ ނަމަވެސް މުގުނީ ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތާ އެއްގޮތަށް މި އަހަރު ފެށުނީއްސުރެ އެ ކުންފުނިން މަސައްކަތްތައް ކުރެ އެވެ.

"ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް މަޑުޖައްސާލައިފައި މިވަނީ ހަރަދު ކުޑަ ކުރަން. މީގެ އިތުރުން ވެސް ހަރަދު ކުޑަކުރެވެން ހުރި އެހެން އޭރިއާތައް ކަނޑައަޅައި، އެ އޭރިއާތަކުން ވެސް ހަރަދުތައް ކުޑަ ކުރެވިފައި މިހާރު ހުރީ،" އޭނާ ވިދާޅުވި އެވެ.

މުގުނީ ވިދާޅުވި ގޮތުގައި، ހަރަދުތައް ކުޑަކުރުމުގެ މަސައްކަތް ފެށީ މި އަހަރު އެކަންޏެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން ވެސް ސްޓެލްކޯގެ އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރުމަށްޓަކައި ކުރެވޭނެ ކަންކަން ބަލައި އެކަންކަން އެގޮތަށް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ރަނގަޅު ސަޕްލަޔަރުންނާއި ވާހަކަ ދައްކައިގެން ހަރަދުތައް އިތުރަށް ކުޑަކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މުގުނީ ވިދާޅުވީ، މި ހާލަތުގައި ކަރަންޓް މީޓަރުތަކުގެ މައުލޫމާތު ގޭބީސީތަކުން އަމިއްލަ އަށް ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިފައިވީ ނަމަވެސް ކުރިއަށް އޮތްތަނުގައި ސެންޓްރަލްކޮށް އެކަން ސްޓެލްކޯ އަށް ކުރެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.

"ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް މަޑުޖައްސާލައިފައި މިވަނީ ހަރަދު ކުޑަ ކުރަން. މީގެ އިތުރުން ވެސް ހަރަދު ކުޑަކުރެވެން ހުރި އެހެން އޭރިއާތައް ކަނޑައަޅައި، އެ އޭރިއާތަކުން ވެސް ހަރަދުތައް ކުޑަ ކުރެވިފައި މިހާރު ހުރީ،" މުގުނީ

"އެ މަސައްކަތް ކޮވިޑް-19 އާ ގުޅިގެން ކުޑަކޮށް ލަސްވެފައިވަނީ. އިރާދަކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅުގައި އެކަން ފެށިގެންދާނެ. މިކަމަށް ބޭނުންވަނީ މިހާރު ބޭނުންކުރާ މީޓަރުތަކުގެ ބަދަލުގައި ސްމާޓު މީޓަރު،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްޓެލްކޯ އިން ދޭ ހިދުމަތްތައް އޮންލައިންކޮށް ދޭން މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން، ހިދުމަތްތައް ހުއްޓުމަކަށް ނައިސް ދެވޭނެ އިންތިޒާމުތައް އެ ކުންފުނިން ވަނީ ފަހިކޮށްދީފަ އެވެ. އެގޮތުން ކަރަންޓް ބިލަށް ފައިސާ ދެއްކުމަށް މިހާރު ބޭނުން ކުރަންޖެހެނީ ސްޓެލްކޯގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނެވެ.

"އަޅުގަނޑުމެންގެ ކަސްޓަމާ ސާވިސް ބިލް ދެއްކުމަށް އަދި ހަމަޖައްސާފައެއް ނުވޭ. މިވަގުތު އޮތީ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުން،" އެމްޑީ ވިދާޅުވި އެވެ.

މީގެ އިތުރުން، ވިޔަފާރި ކަސްޓަމަރުންނާއި ބޮޑެތި އަދަދުތަކުން ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަ ގޮތްތަކެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން ޗެކް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި އެކައުންޓަށް ޓްރާންސްފާ ކުރުން މިހާރު ފަހިކޮށްދީފައި ވެ އެވެ.