Roadha Mihaaru
ދުވަސްވީ ތިން މީހަކު ރޭޕްކުރަން އުޅުނު މީހަކު ހައްޔަރު

އުމުރުން ދުވަސްވީ ތިން މީހަކު ރޭޕްކުރަން އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

29 މެއި 2020

އުމުރުން ދުވަސްވީ ތިން އަންހެނަކު ރޭޕްކުރަން 24 ގަޑިއިރުގެ ތެރޭ ތިން ފަހަރު މަސައްކަތްކަތްކުރި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އުމުރުން ދުވަސްވީ ތިން އަންހެނަކު ރޭޕްކުރަން 24 ގަޑިއިރުގެ ތެރޭ ތިން ފަހަރު މަސައްކަތްކަތްކުރި ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިއްޔެ ހެނދުނު 10:35 ހާއިރު އައްޑޫ ސިޓީ މީދޫގައި އުމުރުން 64 އަހަރުގެ އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބެލި ބެލުމުން އެ އަމަލު ހިންގި މީހާ އުމުރުން ދުވަސްވީ އިތުރު ދެ މީހަކު ރޭޕް ކުރަން އުޅެފައިވާކަން ވެސް އެނގިފައިވާ ކަމަށެވެ. އެގޮތުން ހަމަ އެ ދުވަހު އެމީހާ 66 އަހަރުގެ އަންހެނަކާއި، 65 އަހަރުގެ އަންހެނަކަށް ވެސް ޖިންސީގޯނާ ކޮށްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރަށް މިމަހުގެ 23 ވަނަ ދުހުވަހުގެ މެދު ރާއްޖެ ތެރޭގެ ރަށެެއްގައި ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ވެސް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން އެ ކުއްޖާއާ މެދު ބަދުއަހުލާގީ އަމަލު ހިންގާފައިވަނީ ކުއްޖާ ގޭ ތެރޭގައި ހުއްޓާ ގޮވާ ނެރެގެން ކަމަށް ފުލުހުން ބުންޏެވެ. އެހެންނަމަވެސް އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކުޑަކުދިންނާ ބެހުމުގެ މިފަދަ މައްސަލަތައް ފެންމަތިވަމުންދާއިރު އަލަށް ތަސްތީގުކޮށްފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި އެކު ކުޑަކުދިންގެ މިފަދަ މައްސަލަތައް ވަރަށް ހަރުކަށިކޮށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި އަންނަނީ ބަލަމުންނެވެ.

މިއީ މިހަފްތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުން ރިޕޯޓުކޮށްފައިވާ މިފަދަ ތިން ވަނަ މައްސަލަ އެވެ. އެގޮތުން މަސްތުވެގެން ހުރި މީހަކު ލ.އަތޮޅުގައި ގެއަކަށްވަދެ ގަދަކަމުން މީހަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ވެސް މިހަފްތާގެ އަންގާރަ ދުވަހު ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. އަދި އެ މައްސަލާގައި އުމުރުން 28 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.